Advertisement

އެރިކްސަން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކާ ގުޅެނީ

17 ޖަނަވަރީ 2022 - 20:03 0


އެރިކްސަން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކާ ގުޅެނީ

17 ޖަނަވަރީ 2022 - 20:03 0

ލަންޑަން (ޖެނުއަރީ 17) - މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން ހާޓްއެޓޭކެއް ޖެހިގެން ދަނޑުންބޭލި ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ރިކަވާވެ، ފިޓްނަސް ރަނގަޅުކޮށްގެން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކާ ގުޅެން މަޝްވަރާ ކުރަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކުން ފިންލެންޑާ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގެ ފަހު ކޮޅުގައި އެރިކްސަން، 29، ހިތްހުއްޓިގެން ދަނޑުމައްޗަށް ވެއްޓުނެވެ. ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީ ހެދި ޓެސްޓްތަކުން އެނގުނީ އެރިކްސަން ހިތަށް އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑެފިބްރިލޭޓާ (އައިސީޑީ) ލައްވަން ޖެހޭ ކަމެވެ.

އެރިކްސަން ހިތަށް އައިސީޑީ ލެއްވިއިރު، އެ ޑިވައިސް އަކީ ހިތުގެ ވިންދު ކޮންޓްރޯލް ވަރެއްގައި ދެމެހެއްޓުމަށް ހަރުކުރާ ޑިވައިސް އެކެވެ. ހިތުގެ ވިންދު މާ އަަވަސްވާނަމަ އައިސީޑީން އެ ޑިޓެކްޓްކޮށް ކޮންޓްރޯލް ކުރާނެ އެވެ. އައިސީޑީ ލައްވައިގެން ހުރެ، އިޓަލީގައި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުމަކީ މަނާ ކަމެކެވެ.

އެހެންވެ، އިންޓަ އިން ރަސްމީކޮށް ވަނީ އެރިކްސަންގެ ކޮންޓްރެކްޓް ކެންސަލްކޮށް އޭނާ ދޫކޮށްލައިފަ އެވެ. މީގެ ދެ މަހެއްހާ ދުވަސްކުރިން އެރިކްސަން ވަނީ ޕްރޮފެޝަަނަލީ ފުޓްބޯޅައިން ކުރިއަށްދާން ނިންމައި، އައިސީޑީ ލައްވައިގެން ޕްރެކްޓިސްތައް ކުރަން ފަށައިފަ އެވެ. މި ކަމުގައި އެރިކްސަން އަށް އެހީތެރިވެދެނީ ޔޫތު ލެވަލްގައި އޭނާ އެންމެ ފުރަތަމަ ކުޅުނު ކްލަބް، ޑެންމާކްގެ އޮޑެންސީ ބޯލްޑްކްލުބް (އޯބީ) އިންނެވެ.

އިންޑިވިޖުއަލް ޓްރެއިނިން ތަކަށް ފަހު އެރިކްސަން ޓީމު ޓްރެއިނިން އަށް ތައްޔާރުވަމުން އަންނައިރު، އޭނާ އަށް ކްލަބްތަކެއްގެ ހުށަހެޅުން ލިބިފައިވާ ކަމަށް އެރިކްސަންގެ އޭޖެންޓް މާޓިން ޝޫޓްސް ވަނީ ބުނެފަ އެވެ. އަދި އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކާ ގުޅުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ޝޫޓްސްގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ.

ބްރެންޓްފޯޑުން އެރިކްސަނަށް ހަ މަހުގެ ކޮންޓްރެކްޓެއް: ރިޕޯޓް

އިނގިރޭސި ނޫހެއް ކަމަށްވާ ތި އެތުލެޓިކް އިން ރިޕޯޓްކުރާ ގޮތުގައި އެރިކްސަން އަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ އިނގިރޭސި ކްލަބަކީ ބްރެންޓްފޯޑް އެވެ. އަދި ބްރެންޓްފޯޑުން އެރިކްސަން އަށް ހުށަހަޅާފައިވަނީ ހަ މަސް ދުވަހުގެ ކޮންޓްރެކްޓެއް ކަމަށާއި ހަ މަސް ދުވަހުގެ ތެރޭގައި އެރިކްސަންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިއްޖެނަމަ އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާ ކުރާ ގޮތަށް އެއްބަސްވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގައި ކުޅުމުގެ އަމާޒުގައި ހުރި އެރިކްސަން ވަނީ މީގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާސް އަށް ގިނަ އަހަރުތަކެއް ވަންދެން ކުޅެފަ އެވެ.

ނެދަލެންޑްސްގެ ގަދަބާރު އަޔަކްސް އާމްސްޓެޑާމް ދޫކޮށް އެރިކްސަން 2013 ވަނަ އަހަރު ޓޮޓެންހަމަށް ބަދަލުވީ 14 މިލިއަން ޑޮލަރަށެވެ. ޓޮޓެންހަމަށް ކުޅުނު ހަތް އަހަރުގައި އެރިކްސަން ވަނީ އެ ޓީމަށް ކުޅެދިން 305 މެޗުގައި 69 ގޯލު ޖަހައި 90 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ޓޮޓެންހަމް ދޫކޮށް އެރިކްސަން، އިންޓަ މިލާނަށް ބަދަލުވީ 2020 ވަނަ އަހަރު ޖެނުއަރީގަ އެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި އިންޓަ އިން 10 އަހަރު ތެރޭ ފުރަތަމަ ފަހަރަށް އިޓާލިއަން ލީގު ޗެމްޕިއަންކަން ހޯދިއިރު، މުހިންމު ގޯލުތަކެއް ޖަހައިފަ އެވެ.