Advertisement

ޔޫއޭއީގައި ހޫތީންގެ އަސްކަރީ އޮޕަރޭޝަނެއްގެ އިންޒާރާ އެކު ތިން މަރު!

17 ޖަނަވަރީ 2022 - 21:59 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޔޫއޭއީ އަށް ދިން ޑްރޯން ހަމަލާއަށް ފަހު އަލިފާން ރޯވެ، ދުން އަރަނީ. -- ސްކްރީންޝޮޓް: ޖިއޯ ނިއުސް


ޔޫއޭއީގައި ހޫތީންގެ އަސްކަރީ އޮޕަރޭޝަނެއްގެ އިންޒާރާ އެކު ތިން މަރު!

17 ޖަނަވަރީ 2022 - 21:59 0

އަބޫ ދާބީ، ޔޫއޭއީ (ޖެނުއަރީ 17) - އަބޫ ދާބީ އަށް ދިން ޑްރޯން ހަމަލާއެއްގައި ތިން މީހަކު މަރުވެފައި ވަނިކޮށް ޔޫއޭއީގައި އަސްކަރީ އޮޕަރޭޝަނެއް ފަށާނެ ކަމަށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން އިއުލާނުކޮށްފި އެވެ.

ތެޔޮ ކުންފުނި އެޑްނޮކްގެ ތެޔޮ ރައްކާ ކުރާ ފެސިލިޓީއެއް ކައިރިއަށް ދިން ޑްރޯން ހަމަލާގައި ތިން ޕެޓްރޯލް ޓޭންކް ގޮވުމުން މަރުވީ އިންޑިއާގެ ދެ މީހުންނާއި ޕާކިސްތާން މީހެކެވެ. އޭގެ އިތުރުން އަބޫ ދާބީ އެއާޕޯޓުގެ ކޮންސްޓްރަކްޝަން ސަރަހައްދެއްގައި އަލިފާން ވެސް ރޯވި އެވެ.

ފުލުހުން ބުނީ ދެ ހާދިސާ ހިނގުމުގެ ކުރިން ވެސް "ކުދި އުދުހޭ ތަކެތި" މަތިން ފެނުނު ކަމަށެވެ. މިފަދަ ހަމަލާތަކަކީ މުއްސަނދި ޔޫއޭއީގައި އެއް ގޮތަކަށް ވެސް ހިނގާ ކަންކަމެއް ނޫނެވެ. ހަމަނުޖެހުން ބޮޑު މެދުއިރުމަތީގައި ޔޫއޭއީއަކީ ރައްކާތެރި ތަނެކެވެ.

ފުލުހުން ބުނީ ތަހުގީގުން ބެލެވެނީ ހަމަލާ ދިނީ ޑްރޯންތަކެއް ބޭނުންކޮށްގެން ކަމަށާއި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އިރާނުގެ އެއްބާރުލުމާ އެކު ޔަމަނުގައި ހަނގުރާމަ ކުރަމުންދާ ހޫތީން ހަމަލާތަކުގެ ޒިންމާ މިހާތަނަށް އުފުލާފައެއް ނުވެ އެވެ.

ނަމަވެސް ހޫތީންގެ ތަރުޖަމާނު ވަނީ ޔޫއޭއީގައި ބޮޑު "އަސްކަރީ އޮޕަރޭޝަނެއް" ފަށާނެ ކަމަށް އިއުލާނުކޮށްފަ އެވެ. ޔޫއޭއީ އަކީ ޔަމަނުގެ ހަނގުރާމައިގައި ހޫތީންނާ ދެކޮޅަށް ހަމަލާދޭ ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނުގެ މެމްބަރު ގައުމެކެވެ.

ހޫތީންގެ އެ އިއުލާނާ އެކު ހަތް އަހަރުވީ ޔަމަނު ހަނގުރާމަ އިތުރަށް ގޯސްވާނެ ކަމަށް ބެލެވެ އެވެ.

ހޫތީންނަކީ ވަރަށް ގިނައިން ސައުދީ އަރަބިއްޔާ އަށް ޑްރޯން ހަމަލާ ދޭ ބަޔެކެވެ. ސައުދީ އަރަބިއްޔާ އިން ޔަމަން ހަނގުރާމައިގެ ތެރެއަށް ވަނީ ހޫތީން ވެރިރަށް ސަނާ ހިފުމުން، އެ ގައުމުގެ ގާނޫނީ ސަރުކާރުގެ އެދުމަށެވެ.

މީގެ ކުރިން ވެސް ހޫތީން ވަނީ އަބޫ ދާބީ އާއި ޑުބާއީ އަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފަ އެވެ. ޔޫއޭއީގައި ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށަން އިއުލާނުކޮށްފައި ވާއިރު، މީގެ ދެ ހަފްތާ ކުރިން ހޫތީން ވަނީ ޔޫއޭއީގެ ބޯޓެއް ހައިޖެކްކޮށްފަ އެވެ.

އެއީ އަސްކަރީ މަސައްކަތަކާ ގުޅުމެއް ނެތް ބޯޓެއް ކަމަށް ބުނެ، ދޫކޮށްލަން ޔޫއޭއީ އިން ގޮވާލާފައި ވާއިރު، ހޫތީން ބުނީ ބޯޓުގައި ހުރީ ހަތިޔާރު ކަމަށެވެ.