Advertisement

ސިޔާސީ ކަންކަން ސްކޫލުތަކަށް ނުވެއްދުމަށް ނައިބު ރައީސް ގޮވާލައްވައިފި

17 ޖަނަވަރީ 2022 - 12:12 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ނައިބް ރައީސް ފައިސަލް ނަސީމް: އިދިކޮޅުން ހިންގާ "އިންޑިއާ-އައުޓް" ހަރަކާތުގެ ތެރެއިން ސްކޫލް މަދަރަސާތަކާއި ދަރިވަރުން އެއްވެ އުޅޭ ތަންތަނުގައި ބެނާތައް ހަރުކުރުމާއި ސްކޫލް ފާރުތަކުގައި އެ އިބާރާތް ބޭނުންކޮށް ގްރެފިޓީގެ ގޮތުގައި ލިޔެ ބޭނުން ކުރަމުންދާ ކަމަށް މިނިސްޓްރީން ވެސް ވަނީ ބުނެފައި-- ފޮޓޯ: ރައީސް އޮފީސް


ސިޔާސީ ކަންކަން ސްކޫލުތަކަށް ނުވެއްދުމަށް ނައިބު ރައީސް ގޮވާލައްވައިފި

17 ޖަނަވަރީ 2022 - 12:12 0

ރާއްޖޭގައި ހިންގާ ސިޔާސީ އެކި ހަރަކާތަކުގައި ސްކޫލުތައް ޝާމިލް ނުކުރުމަށް ނައިބް ރައީސް ފައިސަލް ނަސީމް އިލްތިމާސްކުރައްވައިފި އެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ށ. ފުނަދޫ ސްކޫލްގެ ބޭރު ފާރުގައި "އިންޑިއަން އައުޓް" ކަމަށް ސްޕްރޭކޮށްފައިވާ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްްގަ އެވެ. މިކަން ހިނގާފައިވަނީ ށ.އަތޮޅަށް "އިންޑިއާ އައުޓް" ހަރަކާތް އިސްކޮށް ހިންގަވާ ކުރީގެ ރައީސް އަބްދުالله ޔާމީން ވަޑައިގެން އުޅުއްވަނިކޮށެވެ.

އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން ސްކޫލް މަދަރަސާތަކާއި ދަރިވަރުން އެއްވެ އުޅޭ ތަންތަނުގައި ބެނާތައް ހަރުކުރުމާއި ސްކޫލް ފާރުތަކުގައި އެ އިބާރާތް ބޭނުންކޮށް ގްރެފިޓީގެ ގޮތުގައި ލިޔެ، ކުރަހަމުން ގެންދިއުމާއި، އިންޑިއާ ޓީޗަރުންނަށް ބޭރު ތެރެއިން ފުރައްސާކުރުން އިތުރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ ބުނެފަ އެވެ.

ރާއްޖޭގައި އަލަށް ހުޅުވި ސެޓެލައިޓް ސްކޫލު ބ. ފެހެންދޫގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ކޮވިޑްގެ މި ދުވަސްވަރު ތައުލީމު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާއިރު ބޭނުން ނުވާ ކަންތައްތަކެއް މި މުޖުތަމައުއިން ފެންނަމުންދާ ކަމަށެވެ.

އެގޮތުން, ބައެއް ސިޔާސީ މީހުންގެ ފަރާތުން ސްކޫލުތަކުގަ އާއި ސިއްހީ ދާއިރާގެ ކަންކަމުގެ ތެރެއަށް ސިޔާސީ ކަންކަން ވެއްދުމަށް މަސައްކަތް ކުރާތީ ހިތާމަ ކުރާ ކަމަށާއި އެ ކަންކަން އެގޮތަށް ނުކުރުމަށް ނައިބް ރައީސް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.

"އެކި ނަންނަމުގައި އެކި ގޮތްގޮތަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން ގޮސް ސްކޫލާ ހަމައަށް ދިއުމަކީ ވަރަށް ކަންބޮޑުވާ ކަމެއް, ވަރަށް ހިތާމަ ކުރާ ކަމެއް, ޓީޗަރުންނަށް އެކި ގޮތް ގޮތުން ޓީޗަރުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަށްޓަކައި ކުރާ މަސައްކަތަކީ އެއީ ވަރަށް ބޮޑަށް ކުއްވެރި ކުރާ ކަމެއް،" ފައިސަލް ވިދާޅުވި އެވެ.

"އަޅުގަނޑު މިފަދަ ފަރާތްތަކަށް ނަސޭހަތްތެރިވަން ސްކޫލުތަކަށާއި ހޮސްޕިޓަލްތަކަށް މިކަހަލަ ކަންތައްތައް ނުވެއްދުމަށް, ދަރިވަރުންގެ ތައުލީމަށް އަދި ވަކިން ހާއްސަކޮށް ތުއްތު ކުދިންގެ ތައުލީމަށް ހުރަސް އެޅޭނެ ފަދަ ކަންތައްތައް ނުކުރުމަށް މިފަދަ ފަރާތްތަކަށް ނަސޭހަތްތެރިވަން،"

މިނިސްޓްރީން ބުނެފައި ވަނީ ސްކޫލްތަކަކީ އިންޑިއާގެ ގިނަ ޓީޗަރުން މަސައްކަތްކުރާ ތަނަކަށް ވެފައި ސްކޫލް ސަރަހައްދުތަކުގައި އެގޮތަށް ގޮވުމާއި ބެނާތައް ހަރުކުރުމާއި ފާރުތަކުގައި ލިޔެ ހެދުމުން އިންޑިއާ ޓީޗަރުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ.

އަދި އެ ފަރާތްތަކަށް އެތަންތަނުގައި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެ ފަރާތްތަކުން ސްކޫލުތަކުގައި އެދެމުންދާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ބިދޭސީ ޓީޗަރުން ހޯދަން ދަތިކަމަށާއި ރާއްޖެ ގެންނަ ބިދޭސީ ޓީޗަރުންނަކީ ދިވެހި ޓީޗަރުން ލިބުން ދަތި މާއްދާތަކަށް ގެންނަ ޓީޗަރުންނަށްވާތީ މިފަދަ އަމަލުތަކުގެ ސަބަބުން ވަޒީފާ ދޫކޮށްދާން ޖެހޭ ހިސާބަށް ކަންކަން ގޮސް، ސްކޫލްތަކުގެ ކިޔަވައިދިނުމަށް ބޮޑެތި ގެއްލުންވެ، ދަރިވަރުންނަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.