Advertisement

އަނިޔާވެރިކަމަށް ގޮވާލުމުން ޒާހިދު ކްރިއޭޓާގެ މައްސަލަ ފުލުހުން ބަލަނީ

17 ޖަނަވަރީ 2022 - 11:57 2

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ޒާހިދު ރަމީޒް: ފުލުހުން ބުނީ އޭނާގެ މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަން ފަށާފައިވާ ކަމަށް ފުލުހުން ބުނޭ -- ފޮޓޯ: ސޯޝަލް މީޑިއާ


އަނިޔާވެރިކަމަށް ގޮވާލުމުން ޒާހިދު ކްރިއޭޓާގެ މައްސަލަ ފުލުހުން ބަލަނީ

17 ޖަނަވަރީ 2022 - 11:57 2

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަނިޔާވެރިވުމަށް ގޮވާލާފައިވާތީ، އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކައުންސިލް މެމްބަރު އަދި ސޯޝަލް މީޑިއާ ޝަހުސިއްޔަތު ޒާހިދު ރަމީޒް (ޒާހިދު ކްރިއޭޓާ) ގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ރައީސް ސޯލިހާމެދު އަނިޔާވެރިވުމަށް ގޮވާލައި، ޒާހިދުގެ ވެރިފައިކޮށްފައިވާ ޓުވިޓާ އެކައުންޓުގައި ލިޔުނު މައްސަލައާ ގުޅޭ ގޮތުން "އަދަދު" އާ ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މީހެއްގެ ފުރާނައަށް ގެއްލުންދިނުމަށް ނުވަތަ އަނިޔާވެރިވުމަށް ގޮވުމަކީ ފުލުހުން ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރާނެ މައްސަލައެއް ކަމަށެވެ.

"އެ މައްސަލަ [ޒާހިދުގެ މައްސަލަ] ތަހުގީގު ކުރުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދަނީ. އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް ނުވަތަ ވަޔަލަންސް އިންސައިޓް ކުރުމަށް ގޮވުމަކީ ވަރަށް ސީރިއަސްކޮށް ނަގާނެ މައްސަލައެއް،" ހަމީދު ވިދާޅުވި އެވެ.

ޒާހިދުގެ މައްސަލައިގައި ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމާއެކު މަޝްވަރާ ކުރާނެ ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ. އަދި އެފަދަ މައްސަލަތަކުގައި ފުލުހުންނަށް އަމަލު ކުރެވޭނެ ހުރިހާ ގޮތްތަކެއް ވެސް އޮޅުންފިލުވާނެ ކަމަށް ހަމީދު ވިދާޅުވި އެވެ.

"ކިހާވަރަކަށްތޯ ރާއްޖޭގެ ގާނޫނުގެ ދަށުން، މީހަކު އެގޮތަށް އެކްސްޕްރެސް ކުރާ އޮޕީނިއަނަކަށް ނުވަތަ ބުނާ ބުނުމަކަށް ފިޔަވަޅު އެޅެން އޮންނަނީ [ބަލާނަން]. ދައުވާ ކުރުމަށް ކިހާ ޖާގައެއްތޯ އޮތީ އަދި ދައުވާ ނުކުރެވުނަސް ގާނޫނީ ގޮތުން ފިޔަވަޅެއް އެޅިދާނެތޯ ވެސް ބަލާނަން،" ހަމީދު ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ޒާހިދު މަޝްހޫރު ޝަހުސިއްޔަތަކަށްވީ، ޓުވިޓާގައި ބައެއް މީހުންނަށް ފާޅުގައި އިންޒާރު ދޭން ފެށުމުންނެވެ. ބްލޮގަރު ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރައިލީ، ޒާހިދު އޭނާއަށް އިންޒާރުތަކެއް ދީފައި އޮއްވަ އެވެ. އެ މައްސަލައިގައި އޭނާ، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނަށް ހާޒިރު ވެސް ކުރި އެވެ.

ޒާހިދަކީ މައްސަލަ ޖެހުނު ނިއު ޕޯޓްގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު އަދި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުގެ ފައުންޑަރެކެވެ.