Advertisement

ރީނދޫ އުރަހަ ކަންލެނި ބޭނޭނެ ލިމިޓު ކަނޑައަޅައިފި، ރާއްޖެއަށް 47،195 މެޓްރިކް ޓަން

17 ޖަނަވަރީ 2022 - 11:19 0

އަމަން ހަލީމް

އަމަން ހަލީމް

ދޮށީގެ މަސްވެރިކަން ކުރަނީ: ރީނދޫ އުރަހަ ކަންނެލި ބާނަން ދެވަނައަށް އެންމެ ބޮޑު ކޯޓާ ލިބުނީ ރާއްޖެއަށް. -- ފޮޓޯ: ސާޖިން (ޒުވާން މަސްވެރިޔާ)


ރީނދޫ އުރަހަ ކަންލެނި ބޭނޭނެ ލިމިޓު ކަނޑައަޅައިފި، ރާއްޖެއަށް 47،195 މެޓްރިކް ޓަން

17 ޖަނަވަރީ 2022 - 11:19 0

އިންޑިއާ ކަނޑުން ރީނދޫ އުރަހަ ކަންނެލި މި އަހަރުގެ ތެރޭގައި ބޭނޭނެ ލިމިޓަކީ 287،140 މެޓްރިކް ޓަނު ކަމުގައި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) އިން ކަނޑައަޅައިފި އެވެ.

އައިއޯޓީސީގެ ސައިންޓިފިކް ކޮމިޓީގެ ލަފާގެ މަތިން މި ލިމިޓު ކަނޑައެޅީ އެ ކޮމިޝަނުގެ 24 މެމްބަރުންނަށް އެކި އަދަދުތަކެވެ. މި އަހަރަށް ކަނޑައެޅި ލިމިޓުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބުނީ ޔޫރަޕުގެ އިއްތިހާދު (އީޔޫ) އަށް ނިސްބަތްވާ ގައުމުތަކަށާއި، ދިވެހިރާއްޖެ އާއި ސްރީ ލަންކާގެ އިތުރުން ޕާކިސްތާނާއި ޔަމަނާއި ޝީޝެލްސްއަށެވެ.

އެންމެ ބޮޑު ކޯޓާ އީޔޫ ގައުމުތަކަށް ލިބުނުއިރު، ވަކިވަކި ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު ކޯޓާއެއް ލިބުނީ ރާއްޖެއަށެވެ. އީޔޫއަށް ކޯޓާ ކަނޑައެޅީ އެ އިއްތިހާދުގެ 27 މެމްބަރު ގައުމުތަކުގެ މެދުގައި ކޯޓާ ބަހާ ގޮތަށެވެ.

ރީނދޫ އުރަހަ ކަންނެލި ބޭނޭނެ ލިމިޓުތައް

  • ޔޫރަޕުގެ އިއްތިހާދު (އީޔޫ) - 73،146 މެޓްރިކް ޓަން
  • ރާއްޖެ - 47،195 މެޓްރިކް ޓަން
  • ލަންކާ - 31،066 މެޓްރިކް ޓަން
  • ޝީޝެލްސް - 30،359 މެޓްރިކް ޓަން
  • ޔަމަން - 26،262 މެޓްރިކް ޓަން
  • ޕާކިސްތާން - 14،468 މެޓްރިކް ޓަން

ރީނދޫ އުރަހަ ކަންނެލި ބޭނޭ ލިމިޓު ކަނޑައެޅި ނަމަވެސް، އަހަރުގެ ތެރޭގައި މި އަދަދުތައް މުރާޖާ ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އައިއޯޓީސީން ބުނެ އެވެ.

އެ ކޮމިޝަނުގެ އެގްޒެކެޓިވް ސެކެޓްރީ ކްރިސްޓޮފާ އޯބްރަޔަންއާ ހަވާލާދީ ބޭރުގެ ނޫސްތަކުގައި ލިޔެފައިވާ ގޮތުގައި، ކޮންމެ އަހަރަކު ބޭނޭނެ އަދަދުތައް ކަނޑައަޅަނީ އޭގެ ކުރީ އަހަރު ބޭނި އަދަދުތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އެކަމަކު މިދިޔަ އަހަރު ބޭނި މަހުގެ މައުލޫމާތު ލިބެނީ މި އަހަރުގެ ޖޫން 2022 ގައި ކަމުން ލިމިޓުތަކަށް ބަދަލު އައުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ލޭނު މަސްވެރިކަމުގެ މައުލޫމާތު ލިބޭނީ މި އަހަރުގެ ޑިސެމްބަރުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައުލޫމާތުތައް ލިބެން ނެތުމުން މިހާރު ކަނޑައަޅާފައިވާ ލިމިޓުތަކަކީ 2020 ވަނަ އަހަރު ބޭނި ރީނދޫ އުރަހަ ކަންނެލީގެ އަދަދަށް ބިނާކޮށް ކަނޑައަޅާފައިވާ ލިމިޓުތަކެކެވެ.

އައިއޯޓީސީން ރީނދޫ އުރަހަ ކަންނެލި ބޭނޭނެ ލިމިޓުތައް ކަނޑައެޅިއިރު، މިއީ ރާއްޖެ އިސްވެ އޮވެގެން ގިނަ ދުވަސްތަކެއް ވަންދެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ އެވެ.

ދެމެހެއްޓެނިވި މަސްވެރިކަމުގައި މުޅި ދުނިޔެއަށް ނަމޫނާ ދައްކަމުން އަންނަ ރާއްޖޭގެ ހުށަހެޅުންތަކަށް ތާއީދު ލިބުނީ އެތައް ފަހަރަކު ނާކާމިޔާބީއާ ކުރިމަތިލުމަށް ފަހު އެވެ. އަދި، މިދިޔަ އަހަރު ބޭއްވި އައިއޯޓީސީގެ 25 ވަނަ ސެޝަންގައި، ރީނދޫ އުރަހަ ކަންނެލި ސްޓޮކް އާލާކުރާ ޕްލޭނަށް މެމްބަރު ގައުމުތަކުގެ ތާއީދު ލިބުނީ ބައެއް ކަންކަމުގައި ދޫދީގެންނެވެ.

އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކާ މެދު ކަންބޮޑުވުން ހުރި ނަމަވެސް، އައިއޯޓީސީގެ މެމްބަރު ފަސް ގައުމަކުން މަސް ބާނާ އަދަދު ލިމިޓު ކުރަން ދެކޮޅު ހެދި އެވެ. އެއީ އޮމާނާއި، އިރާނާއި، އިންޑިއާގެ އިތުރުން މަޑަގަސްކަރާއި އިންޑޮނޭޝިއާ އެވެ.