Advertisement

ޖޫނިއާ މުބާރާތަށް ތައްޔާރުވުމުގައި ކޯޗު ކޮސްޓޯއާ އެކު ސީނިއާ ތިން ކުޅުންތެރިން

17 ޖަނަވަރީ 2022 - 12:44 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން


ޖޫނިއާ މުބާރާތަށް ތައްޔާރުވުމުގައި ކޯޗު ކޮސްޓޯއާ އެކު ސީނިއާ ތިން ކުޅުންތެރިން

17 ޖަނަވަރީ 2022 - 12:44 0

އަންނަ މާޗް މަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ޖޫނިއާ މުބާރާތާއި ކެޑޭޓް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ޤައުމީ ޖޫނިއާ ޓޭބަލް ޓެނިސް ޓީމްގެ ތައްޔާރުކުރުމުގައި ގްރީސްގެ ކޯޗު ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް (ކޮސްޓޯ)ގެ އެހީތެރިންގެ ގޮތުގައި ސީނިއާ ޤައުމީ ޓީމްގެ ތިން ކުޅުންތެރިއަކު ހަމަޖައްސައިފި އެވެ.

މާޗް މަހުގެ 20 އިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ޖޫނިއާ މުބާރާތާއި ކެޑޭޓް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ޖޫނިއާ ޤައުމީ ޓޭބަލް ޓެނިސް ޓީމްގެ ފަރިތަކުރުންތައް މިހާރުވަނީ ފަށާފަ އެވެ.

ޤައުމީ ކޯޗު ކޮސްޓޯއާ އެކު އޭނާގެ އެހީތެރިންގެ ގޮތުގައި ޓީމް ތައްޔާރުކުރުމުގައި ބައިވެރިވާނީ ރާއްޖޭގެ ފިރިހެން ޤައުމީ ޗެމްޕިއަން މޫސާ މުންސިފް އާއި ޔޫތް ޓީމްގެ ކޯޗުގެ ގޮތުގައި މިދިޔަ ދެ އަހަރު ވެސް ހަރަކާތްތެރިވި މުންތިފް އަހުމަދުގެ އިރުރުން ސީނިއާ އަންހެން ޤައުމީ ޓީމްގެ ޖުމާނާ ނިމާލް އެވެ.

މެޑަލްތަކަކަށް ޓާގެޓްކޮށްގެން ސަރަހައްދީ ޖޫނިއާ މުބާރާތައް ތައްޔާރުވަމުން އަންނަ ޖޫނިއާ ޓީމްގެ މެނޭޖަރަކަށް ހަމަޖައްސާފައިވަނީ ޖާދުﷲ ހަސަން (ޖޭޑް) އެވެ. ޖޭޑަކީ 2019 އިން ފެށިގެން ޤައުމީ ސީނިއާ ޓީމްގެ މެނޭޖަރުވެސްމެ އެވެ.

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޗެމްޕިއަންޝިޕަށް ޖޫނިއާ ޓީމް ތައްޔާރުވުމަށް ގްރީސްގެ ކޯޗު ކޮސްޓޯ މާލެ އައިސްފައިވަނީ މި މަހުގެ ހަތް ވަނަ ދުވަހެވެ. ކޯޗު ކޮސްޓޯ، ގައުމީ ޓީޓީ ޓީމާ އެކު އެންމެ ފުރަތަމަ މަސައްކަތް އެންމެ ފުރަތަމަ ފެށީ މިދިޔަ އަހަރުގެ މާޗް މަހުގަ އެވެ. އެކަމަކު، އޭނާ ވަކި މުއްދަތަކަށް މަސައްކަތް ކުރުމަށް ފަހު ދާން ޖެހުނީ އެވެ. އަލުން، ކޮސްޓޯ ގެނައީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ.

މި އަހަރު ބާއްވަން ތާވަލުކޮށްފައި އޮތް ދެކުނު އޭޝިއާގެ ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ހޯސްޓްކުރާ ގޮތަށް ކުރިން ހަމަޖެހިފައި އޮތީ ސްރީ ލަންކާގަ އެވެ. އެކަމަކު، ލަންކާ އިން މިހާރު ނިންމާފައިވަނީ އެ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ރާއްޖެ އަށް ދިނުމަށެވެ.

މިހާރު އޮތްގޮތުން ދެކުނު އޭޝިއާގެ ޖޫނިއާ ޓީޓީ މުބާރާތް ރާއްޖޭގައި ހޯސްޓްކުރާނެ ތާރީހަކަށް ކަނޑައަޅާފައިވަނީ މާޗް މަހުގެ 20 އިން ފެށިގެން ދެ ދުވަހުގެ މުއްދަތަށެވެ.

މިއީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭ އަހަރު ކަމަށްވާތީ އެކަމާ ގުޅުވައިގެން ބާއްވާ ހަރަކާތްތަކުގެ ތެރެެއިން ބައިނަލްއަގުވާމީ ޓީޓީ މުބާރާތެއް ބޭއްވުމުގެ ވާހަކަ ވެސް އަންނަނީ ދެކެވެމުންނެވެ. ބޭރު ގައުމުތަކުގެ ކުޅުންތެރިންނަށް ދައުވަތުދީގެން ބާއްވާ އެ މުބާރާތް ބޭއްވޭތޯ މަސައްކަތް ކުރަނީ ސެޕްޓެމްބަރު މަހުގަ އެވެ. މީގެ އިތުރުން ވެސް ގައުމީ ޓީޓީ ޓީމުން ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކުގައި މި އަހަރު ވާދަކުރާނެ އެވެ.