Advertisement

ހިޔާ ފްލެޓް ސަރަހައްދުން އިއްޔެ އެކަނި 24 ޓަނުގެ ކުނި ނަގައިިފި

17 ޖަނަވަރީ 2022 - 10:55 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ހިޔާ ފްލެޓް ސަރަހައްދު ސާފުކުރަނީ: މީގެ ކުރިންވެސް ހިޔާ ސަރަހައްދު އެތައް ފަހަރަކު ކުނިން ފުރުމުން ސާފުކޮށްފައިވޭ-- ފޮޓޯ: އެޗްޑީސީ


ހިޔާ ފްލެޓް ސަރަހައްދުން އިއްޔެ އެކަނި 24 ޓަނުގެ ކުނި ނަގައިިފި

17 ޖަނަވަރީ 2022 - 10:55 0

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފުލެޓުތައް ކައިރިން އިއްޔެ އެކަނި 24 ޓަނުގެ ކުނި ނަގައި، އެ ސަރަހައްދު ސާފުކޮށްފި އެވެ.

ހިޔާ ފްލެޓް ސަރަހައްދުން ކުނި ނަގާ ސާފުކޮށްފައި ވަނީ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ނެވެ.

އެޗްޑީސީން ބުނީ އިއްޔެ ހިޔާ ސަރަހައްދު ސާފުކޮށް 24 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ. އެ މަސައްކަތް ކުރުމުގައި އެޗް-3 ޓަވަރާއި އެޗް-5 ޓަވަރުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރުގައި އެޗްޑީސީން ހިޔާ ސަރަހައްދު ސާފުކުރަން ފެށީ، ކުނީގެ މައްސަލަ ބޮޑުވެ އާންމުންގެ ޝަކުވާތައް ލިބެމުން ދިޔުމާ ގުޅިގެން އެ މައްސަލަ ހައްލުކުރުމުގެ ގޮތުންނެވެ.

އެއާއެކު ކުނި ނަގަން ހާއްސަ އިންތިޒާމްތަކެއް ފޯރުކޮށްދޭން މިހާރު ވެމްކޯއިން ވެސް ވަނީ ނިންމާފައިވާ އެވެ. އެގޮތުން މިހާރު ވަނީ އެ ސަރަހައްދުގައި ވެމްކޯގެ ބޮޑެތި ޑަސްބިންތަކެއް ވެސް ބަހައްޓާފަ އެވެ.

ހިޔާ މަޝްރޫއުގައި 16 ޓަވަރު ހަދާފައިވާއިރު، ކޮންމެ ފްލޯއެއްގައި، 20 ފްލެޓް ހުރެ އެވެ. އަދި ކޮންމެ ފްލެޓެއްގައި މަދުވެގެން ފަސް މީހުން ދިރިއުޅޭނެ ކަމަށް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަނުން ލަފާކުރެ އެވެ. އެހެންކަމުން އެއީ ފްލޯއެއްގައި 100 މީހުންނެވެ.

އެ އަދަދުން ބަލާ ނަމަ ކޮންމެ ޓަވަރެއްގައި، ގާތްގަނޑަކަށް 2،400 މީހުން ދިރިއުޅުން އެކަށީގެންވެ އެވެ. މުޅި 16 ޓަވަރަށް ބަލާ ނަމަ އެ އަދަދު 40،000 އާ ކައިރިކުރާނެ އެވެ.