Advertisement

ޓޮންގާގެ އަލިފާން ފަރުބަދަ ގޮވުމުން ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

17 ޖަނަވަރީ 2022 - 06:27 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޓޮންގާގެ އަލިފާން ފަރުބަދަ ގޮވި މަންޒަރުގެ ފޮޓޯއެއް ޖަޕާނުގެ ސެޓެލައިޓަކުން ނަގާފައި. -- ފޮޓޯ: އޭޕީ


ޓޮންގާގެ އަލިފާން ފަރުބަދަ ގޮވުމުން ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

17 ޖަނަވަރީ 2022 - 06:27 0

ވެލިންގްޓަން، ނިއުޒީލޭންޑް (ޖެނުއަރީ 16) - ޓޮންގާގެ އަލިފާން ފަރުބަދައެއް ގޮވައި ޕެސިފިކް ކަނޑުގެ އެކި ހިސާބުތަކަށް ސުނާމީ ރާޅުތަކެއް ފޮނުވާލު ހާދިސާގައި އެ ގައުމުގެ ވެރިރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ނަމަވެސް މުވާސަލާތީ ގުޅުން އަދިވެސް އިއާދަކުރެވިފައި ނުވާތީ ލިބުނު ގެއްލުމުގެ ސީދާ މަންޒަރު ސާފެއް ނޫނެވެ. އަލިފާން ފަރުބަދައިގެ ގޮވުމުގެ ބާރުގަދަކަމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގުޑުމުގެ އަސަރު ކުރި އެވެ.

އެ ގޮވުމާއެކު އުފެދުނު ސުނާމީގައި ޕެސިފިކް ކަނޑުގައިވާ އައްސޭރިފަށުގެ ހިސާބުތަކަށް ރާޅުތައް އެރި އެވެ. އެގޮތުން ޖަޕާނާއި އެމެރިކާއަށް ވެސް އަސަރުކުރި އެވެ.

ނިއުޒީލޭންޑްގެ ބޮޑު ވަޒީރު ޔެސިންޑާ އާޑޭން ވިދާޅުވީ ޓޮންގާގެ ވެރިރަށް ނުކުއަލޮފާ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކު މަރުވިކަމުގެ އަދި އަނިޔާއެއްވި ކަމުގެ ރިޕޯޓު ނުލިބޭ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

"ނުކުއަލޮފާގެ އުތުރު އައްސޭރިފަށަށް ބޮޑެތި ގެއްލުންތައް ލިބުނު. ސުނާމީގެ ރާޅުތަކާ އެކު ބޯޓުތަކާއި ބިޔަ ގާތައް ވަނީ އެއްގަމަށް އަރާފައި،" ނިއުޒީލޭންޑުގައި ހުންނަ ޓޮންގާގެ އެމްބަސީއަށް ގުޅުމަށް ފަހު އާޑޭން ވިދާޅުވި އެވެ.

"ނުކުއަލޮފާގައި މި ވަގުތު ވަނީ އަލިފާން ފަރުބަދައިގެ ހިރަފުހުން ރަޖާއެޅިފައި. ނަމަވެސް ހާލަތު ހަމައަކަށް އެޅެމުންދާ ކަމަށް މައުލޫމާތު ލިބޭ."

އާޑޭން ވިދާޅުވީ ޓޮންގާއަށް ފެނުގެ ސަޕްލައި ބޭނުންވާ ކަމަށާއި އަލިފާން ފަރުބަދަ ގޮވުމުން އުފެދުނު ދުމުގެ ވިލާގަނޑުގައި ފެން ތަގައްޔަރުވެފައިވާ ކަމަށެވެ.

ނިއުޒީލޭންޑްގެ ޑިފެންސް ފޯސް އިން ބުނީ ވައި ސާފުވާން ފެށުމާ އެކު އެހީއާ އެކު ވައިގެ އުޅަނދުތައް ފޮނުވާނެ ކަމަށާއި އެހީވެވޭނެ ގޮތްތައް ބަލަމުންދާ ކަމަށެވެ.

އޮސްޓްރޭލިއާއިން ވަނީ އަންނަނީ ޓޮންގާއަށް އެހީވުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރުން އެމެރިކާއިން ވެސް ހިތާމަ ފާޅުކޮށް ބުނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.