Advertisement

ސައިބާ ހަމަލާ ދިނީ ރަޝިއާކަން ސާބިތުވާ ހެކި އެބަހުރި: ޔޫކްރެއިން

17 ޖަނަވަރީ 2022 - 05:23 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޔޫކްރެއިންގެ ސިފައިންގެ މީހެއް. -- ފޮޓޯ: އޭއެފްޕީ


ސައިބާ ހަމަލާ ދިނީ ރަޝިއާކަން ސާބިތުވާ ހެކި އެބަހުރި: ޔޫކްރެއިން

17 ޖަނަވަރީ 2022 - 05:23 0

ކިޔެވް، ޔޫކްރެއިން (ޖެނުއަރީ 16) - މިދިޔަ ހަފްތާގައި ދިން ބޮޑު ސައިބާ ހަމަލާގައި ޔޫކްރެއިން ސަރުކާރުގެ ބައެއް މުހިއްމު ވެބްސައިޓުތައް ޑައުންކޮށްލުމުގެ ފަހަތުގައި ވަނީ ރަޝިއާކަން ސާބިތުވާ ހެކި އެބަހުރި ކަމަށް ޔޫކްރެއިނުން ބުނެފި އެވެ.

ޔޫކްރެއިން އާއި ރަޝިއާގެ މަޝްރަހު ފަހުގެ ތާރީހެއްގައި ގޯސްނުވާ މިންވަރަށް މިހާރު ވަނީ ގޯސްވެފަ އެވެ. ޔޫކްރެއިނުން ތުހުމަތުކުރާ ގޮތުގައި އެ ގައުމާއި ރަޝިއާ ގުޅޭ ބޯޑަރު ކައިރިއަށް ރަޝިއާ ސިފައިން ޖަމާކޮށްފައި ވަނީ ޔޫކްރެއިނަށް އެރުމަށެވެ.

ބައެއް އެނެލިސްޓުން ބުނާ ގޮތުގައި ސައިބާ ހަމަލާއަކީ ރަޝިއާ ސިފައިން ޔޫކްރެއިނަށް އަރާ ހަމަލާ ދިނުމުގެ ކުރިން ފޮނުވި އިންޒާރަކަށް ވެދާނެ އެވެ.

"ހުރިހާ ހެއްކެއް ވެސް އިޝާރާތް ކުރަނީ ސައިބާ ހަމަލާގެ ފަހަތުގައި ވަނީ ރަޝިއާކަން،" ޔޫކްރެއިންގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އާއްމު ރައްޔިތުން ކަންބޮޑުނުވުމަށް އެދި، އެ މިނިސްޓްރީން ބުނީ އާއްމުންގެ ޒާތީ މައުލޫމާތު ހުރީ ރައްކާތެރިކޮށް ކަމަށެވެ.

"އެ ހަމަލާގެ މަގުސަދަކީ ހަމައެކަނި އާއްމުން ބިރުގެންނެވުމެއް ނޫން. ނަމަވެސް ޔޫކްރެއިންގައި ހަމަނުޖެހުން އުފައްދައި، މަސައްކަތް ހުއްޓުވައި، އާއްމުން އިދާރާތަކަށް ކުރާ އިތުބާރު ގެއްލުވާލުން."

ރަޝިއާއިން ބުނީ ހަމަލާގެ ފަހަތުގައި ވަނީ އެ ގައުމުކަން ސާބިތުވާ ހެއްކެއް ނެތް ކަމަށާއި ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށެވެ.

"މިއީ އަޅުގަނޑުމެންނާ ބެހޭ ކަމެއް ނޫން. މި ސައިބާ ހަމަލާތަކާއި ރަޝިއާއާ އެއްވެސް ގުޅުމެއް ނެތް،" ރައީސް ލެޑިމިއަ ޕުޓިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ސީއެންއެންއަށް ވިދާޅުވި އެވެ.

"ޔޫކްރެއިނުން މިހާރު ހުރިހާ ކަމެއްގެ ތުހުމަތު ވެސް ކުރަނީ ރަޝިއާއަށް. އެ މީހުންގެ ގައުމުގެ މޫސުން ގޯސްވިޔަސް، ޒިންމާ ވާން ޖެހެނީ ރަޝިއާއަށް."

ޔޫކްރެއިންގެ އެސްބީޔޫ ސެކިއުރިޓީ ސާވިސް އިން ބުނީ ހުކުރު ދުވަހުގެ ހެނދުނު ދިން ހަމަލާގައި ސަރުކާރުގެ 70 ވެބްސައިޓަކަށް އަމާޒު ކުރި ކަމަށެވެ.