Advertisement

ލިބެންޖެހޭ ރިސޯޓު ކުލީގެ ތެރެއިން 1.6 ބިލިއަން ރުފިޔާ ނުލިބޭ

17 ޖަނަވަރީ 2022 - 09:04 3

އަމަން ހަލީމް

އަމަން ހަލީމް

ރިސޯޓެއް: ކޮވިޑު ބަލިމަޑުކަމާއި ގުޅިގެން 2020 ވަނަ އަހަރުގެ ފަހު ދެ ކުއާޓާގެ ކުލި ފަސްކޮށްދިން -- ފައިލް


ލިބެންޖެހޭ ރިސޯޓު ކުލީގެ ތެރެއިން 1.6 ބިލިއަން ރުފިޔާ ނުލިބޭ

17 ޖަނަވަރީ 2022 - 09:04 3

ވޭތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ދައުލަތަށް ރިސޯޓު ކުލިން ލިބެން ޖެހޭ ފައިސާގެ ތެރެއިން 105 މިލިއަން ޑޮލަރު ނުވަތަ 1.6 ބިލިއަން ރުފިޔާ ނުލިބިވާކަން ހާމަވެއްޖެ އެވެ.

ދައުލަތަށް ލިބެން ޖެހޭ ރިސޯޓު ކުލި އާމްދަނީއާ ގުޅިގެން އާރްޓީއައި އެކްޓިވިސްޓް އައިމަން ލަތީފް މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ) އިން ހޯދާ އާންމުކުރި މައުލޫމާތުން ފެންނަ ގޮތުގައި މިހާތަނަށް ނުލިބޭ ރިސޯޓު ކުލީގެ ތެރޭގައި ކޮވިޑާ ގުޅިގެން ފަސްކޮށްދިން ކުއްޔާއި ފަސްނުކޮށްދޭ ކުލި ހިމެނެ އެވެ.

އެގޮތުން 2020 ވަނަ އަހަރު ލިބެން ޖެހޭ ކުލި އާމްދަނީގެ ތެރެއިން 480 މިލިއަން ރުފިޔާ، އަދި 2021 ވަނަ އަހަރު ލިބެން ޖެހޭ ކުލި އާމްދަނީގެ ތެރެއިން 1.1 ބިލިއަން ރުފިޔާ އަދިވެސް ނުލިބެ އެވެ.

މި 480 މިލިއަން ރުފިޔާއަކީ 2020 ވަނަ އަހަރުގެ ފުރަތަމަ ދެ ކުއާޓަރަށް ލިބެން ޖެހޭ ރިސޯޓު ކުއްޔެވެ. އަނެއް 1.1 ބިލިއަން ރުފިޔާއަކީ 2020 ވަނަ އަހަރުގެ ފަހު ދެ ކުއާޓަރާއި 2021 ވަނަ އަހަރު ލިބެން ޖެހޭ ރިސޯޓު ކުލީގެ ތެރެއިން ނުލިބިވާ އަދަދެވެ.

ސަރުކާރުން މިދިޔަ އަހަރަށް ފަސްކޮށްދިނީ 2020 ވަނަ އަހަރުގެ ފަހު ދެ ކުއާޓަރުގެ ކުއްޔެވެ. އެ އެހަރުގެ ފުރަތަަމަ ދެ ކުއާޓަރުގެ ކުލި ދައްކަން ސަރުކާރުން ލުޔެއް ނުދެ އެވެ. އެއީ އެ އަހަރުގެ ނިޔަލަށް ލިބެންޖެހޭ ފައިސާ އެވެ.

މީރާގެ އުސޫލުތައް ބުނާ ގޮތުން ކަނޑައަޅާފައިވާ ސުންގަޑިއަށް ފައިސާ ނުދައްކާ ނަމަ، ޖޫރިމަނާ އާއި އިންޓްރެސްޓް އަަރާނެ އެވެ. އެކަމަކު މީރާއިން ހިއްސާކުރި މައުލޫމާތުގައި ނުލިބޭ ރިސޯޓު ކުލީގެ ގޮތުގައި ބަޔާންކުރާ އަދަދުތަކަކީ އިންޓްރެސްޓާއި ޖޫރިމަނާ ހިމަނައިގެން އަރާ އަދަދުތަކެއް ކަމެއް ޔަގީނެއް ނޫނެވެ.

މިހާތަނަށް ނުލިބޭ ރިސޯޓު ކުލި

  • 2020 ފުރަތަމަ ކުއާޓަރު - 220.8 މިލިއަން ރުފިޔާ
  • 2020 ދެވަނަ ކުއާޓަރު - 259.3 މިލިއަން ރުފިޔާ
  • 2020 ތިންވަނަ ކުއާޓަރު - 137.3 މިލިއަން ރުފިޔާ
  • 2021 ފުރަތަމަ ކުއާޓަރު - 231.8 މިލިއަން ރުފިޔާ
  • 2021 ދެވަނަ ކުއާޓަރު - 234.4 މިލިއަން ރުފިޔާ
  • 2021 ތިންވަނަ ކުއާޓަރު - 265.03 މިލިއަން ރުފިޔާ
  • 2021 ހަތަރުވަނަ ކުއާޓަރު - 264.9 މިިލިއަން ރުފިޔާ

މިދިޔަ އަހަރު ދައްކާ ގޮތަށް ފަސްކުރެވުނު 2020 ގެ ފަހު ދެ ކުއާޓަރުގެ ކުލި ފަސްކުރީ، ހަތަރު ބަޔަށް ބަހާލައިގެން ޖޫން 2021 އިން ފެށިގެން ދައްކާ ގޮތަށެވެ.

މިގޮތުން ފަސްކުރެވުނު ކުލީގެ ތެރެއިން ފަހު ޕޭމަންޓުގެ ސުންގަޑި ހަމަވާނީ މި އަހަރުގެ ފުރަތަމަ ކުއާޓާގެ ނިޔަލަށެވެ. ފަސްކޮށްދިން ކުލީގެ ތެރެއިން 2020 ގެ ތިންވަނަ ކުއާޓަރުގައި ލިބެން ޖެހޭ 137.3 މިލިއަން ރުފިޔާ ނުލިބެ އެވެ.

ފަސްކޮށްދިން ރިސޯޓު ކުލި ދައްކަން ޖެހޭ ސުންގަޑިތައް

  • ފުރަތަމަ ކުއާޓަލީ ޕޭމަންޓު (2020 ތިންވަނަ ކުއާޓާ) - 30 ޖޫން 2021
  • ދެވަނަ ކުއާޓަލީ ޕޭމަންޓު (2020 ތިންވަނަ ކުއާޓާ) - 30 ސެޕްޓެމްބަރު 2021
  • ތިންވަނަ ކުއާޓަލީ ޕޭމަންޓު (2020 ހަތަރުވަނަ ކުއާޓާ) - 31 ޑިސެމްބަރު 2021
  • ހަތަރުވަނަ ކުއާޓަލީ ޕޭމަންޓު (2020 ހަތަރުވަނަ ކުއާޓާ) - 31 މާޗު 2022

ފަސްކޮށްދިން ކުލީގެ އިތުރުން މިދިޔަ އަހަރު ލިބެން ޖެހޭ ރިސޯޓު ކުލިން 996 މިލިއަން ރުފިޔާ ނުލިބެ އެވެ. މިއީ ދައުލަތަށް އަހަރެއްގެ ތެރޭގައި ލިބެން ޖެހޭ 1.7 ބިލިއަން ރުފިޔާގެ 56 ޕަސެންޓު ނުވަތަ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ އެވެ.

ރިސޯޓު ކުލީގެ ތެރެއިން ބޮޑު އަދަދެއް ނުލިބުނު ނަމަވެސް، މީރާއިން ވަނީ ކުލި ނުދައްކާ ރިސޯޓުތަކުގެ މައުލޫމާތު ހިއްސާކުރަން އިންކާރުކޮށްފަ އެވެ. ސަބަބެއް ކަމުގައި ބުނީ ޓެކްސް ދެއްކުމަކީ ރަޖިސްޓްރީކޮށްފައިވާ ގާނޫނީ ޝަހްސުންގެ ލެވެލްގައި އަދާކުރާ ޒިންމާއެއް ކަމުން، ރިސޯޓުތަކުން ދައްކާ ޓެކްސް ވަކިން ހިއްސާކުރެވެން ނެތުން ކަމަށެވެ.

ރިސޯޓު ކުލިން ލިބޭ އާމްދަނީއަކީ ދައުލަތަށް މުހިންމު އާމްދަނީއެކެވެ. ހާއްސަކޮށް ޑޮލަރު އާމްދަނީއަށް ބަލާއިރު ޓީޖީއެސްޓީ ނަގާފައި އެންމެ ގިނަ ޑޮލަރު ވަންނަނީ ރިސޯޓު ކުލިންނެވެ. އަދި ޑޮލަރުން މި ފައިސާ ދައްކަން މަޖުބޫރު ވެސްމެ އެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ރިސޯޓު ކުލިން 134.7 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ. އެއީ 2 ބިލިއަން ރުފިޔާ އެވެ.

ބަލިމަޑުކަމުގެ ތެރޭގައި ޓެކްސް ނުދައްކާ މީހުންގެ އަދަދުތައް އިތުރުވެފައިވާ މައްސަލަތައް ގިނަ އެވެ. އެކަމަކު މި އަހަރުގެ ތެރޭގައި ފިޔަވަޅު އަޅައިގެން ވިޔަސް އެ ފައިސާ ހޯދަން މީރާއިން ވަނީ ނިންމާފަ އެވެ. މި އަހަރަށް އާންމުކުރި މީރާގެ "ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން" ގައި އެންފޯސްމަންޓް އެކްޝަންތައް އަަޅާނެ ކަމަށް ބުނެފަ އެވެ.