Advertisement

މަތީ ފަންތީގެ ވަފުދެއް ގޮވައިގެން ރައީސް ޔޫއޭއީ އަށް

16 ޖަނަވަރީ 2022 - 13:11 0


މަތީ ފަންތީގެ ވަފުދެއް ގޮވައިގެން ރައީސް ޔޫއޭއީ އަށް

16 ޖަނަވަރީ 2022 - 13:11 0

ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދަކާ އެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ އަބޫދާބީގެ ވަލީއަހުދު އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރު، ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ހޯމަ ދުވަހު ބާއްވާ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތު އަދި ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމް މިވަގުތު ހުންނެވީ ށ. އަތޮޅުގަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދުގެ ވަގުތެއްގައި ރަސްމީ ދަތުރުފުޅެއްގައި ސްރީ ލަންކާ އަށް ވަޑައިގެންފަ އެވެ.

މިއީ މި އަހަރު ރައީސް ރާއްޖޭން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އާ އަހަރުގެ ޗުއްޓީ އަށް މިދިޔަ އަހަރުގެ ފަހުކޮޅު އެމަނިކުފާނު އަވަށްޓެރި ސްރީ ލަންކާ އަށް ވަޑައިގެންނެވި އެވެ. އޭގެ ފަހުން ސަރުކާރުގެ ރަސްމީ މަސައްކަތުގައި ނ. އަތޮޅަށް އަދި އެމްޑީޕީގެ ކެމްޕެއިނުގައި ށ. އަތޮޅަށް ވަޑައިގެންނެވި އެވެ.