Advertisement

މުޖްތަމައަށް ހިދުމަތް ކުރަން ނެރުމުގެ އަދަބު ތަންފީޒުކުރަން ފަށައިފި

16 ޖަނަވަރީ 2022 - 14:44 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ޖަލެއް ބައްލަވާލައްވަނީ: އެ ގަވާއިދު ތަންފީޒު ކުރަން ފެށުމުން ޖަލުތަކަށް ލުއި ލިބިގެންދާނެ -- ފޮޓޯ: ކަރެކްޝަންސް


މުޖްތަމައަށް ހިދުމަތް ކުރަން ނެރުމުގެ އަދަބު ތަންފީޒުކުރަން ފަށައިފި

16 ޖަނަވަރީ 2022 - 14:44 0

ކޮމިއުނިޓީ ސާވިސް ނުވަތަ މުޖްތަމައަށް ނެރެގެން އަދަބު ދިނުމުގެ އުސޫލުތައް ބަޔާން ކުރާ ގަވާއިދު ގެޒެޓުކޮށް މިއަދުން ފެށިގެން އަމަލު ކުރަން ފަށައިފި އެވެ.

"ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޒު ކުރުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އަމަލުކުރާނެ ގޮތުގެ ގަވާއިދު" މިއަދު ގެޒެޓް ކޮށްފައިވާއިރު، އޭގައި މުޖުތަމައުއަށް ހިދުމަތްކުރުމަށް ކުށްވެރިންގެ ބޭނުމެއް ހިފާނެ ގޮތާއި އާމްދަނީއަށް ރިއާޔަތްކޮށް ޖޫރިމަނާގެ އަދަބު ދިނުމާއި ގޭބަންދު ކުރާނެ އުސޫލުގެ އިތުރުން އުޅޭ ނޫޅޭ ގޮތް ބެލުމާއި ޕްރޮބޭޝަންގެ އަދަބު ކަނޑައަޅާނެ ގޮތް ބަޔާންކޮށްފައި ވެއެވެ.

އެ އުސޫލުގައިވާ ގޮތުން މުޖްތަމައުއަށް ހިދުމަތް ކުރުމުގެ އަދަބު ތިން ގޮތަކަށް ކަނޑައެޅިދާނެ އެވެ. އެހެން ނަމަވެސް އެ ހިދުމަތުން އެއްވެސް ނަފާއެއް އެމީހަކަށް ނުލިބޭނެ އެވެ.

  • ހަމައެކަނި މުޖުތަމަޢަށް ހިދުމަތް ކުރުމުގެ އަދަބު
  • ޖަލު އަދަބާއެކު މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު
  • ގޭބަންދުގެ އަދަބާއެކު މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު

ޖަލު އަދި ގޭ ބަންދުގައި ތިބޭ މީހުން ހިދުމަތަށް ނެރޭއިރު، އެމީހުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމަށާއި ދިރިއުޅުމުގެ ހާލަތުގެ އިތުރުން ގައިދީގެ އާއިލީ ހާލަތާއި މާލީ ހާލަތަށް ރިއާޔަތް ކުރަން ޖެހެ އެވެ. އަދި އަދަބު ތަންފީޒު ކުރުމަށް ގައިދީ ބޭނުންވާ ގޮތްވެސް އެހިދާނެ އެވެ.

މުޖްތަމައުގެ ހިދުމަތަށް ނެރެން ހުކުމް ކުރާތާ 48 ގަޑީރު ތެރޭ މިކަންކަމަށް ރިޔާއަތްކުރުމަށްފަހު އެމީހާގެ އެެސެސްމެންޓެއް ކަރެކްޝަނުން ހަދަން ޖެހެ އެވެ. އެ އެސެސްމެންޓް ލިޔުމުން ގައިދީ އާއި ހިއްސާކުރަން ޖެހޭއިރު، 72 ގަޑީރު ތެރޭ ހިދުމަތަށް ނެރުމުގެ އަދަބު ތަންފީޒު ކުރަން ޖެހެ އެވެ.

މުޖުތަމައުއަށް ހިދުމަތްކުރުމުގެ އަދަބުގެ ގޮތުގައި ކަނޑައެޅިދާނެ ކަންކަން

  • މަގުތަކާއި ޕޭޓޮއިލެޓްތަކާއި ޕާކުތަކާއި ސްކޫލުތަކާއި މިސްކިތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އެހެނިހެން އާންމު ތަންތަން ސާފުކުރުމާއި އާބާތުރަ ފިލުވުން
  • ކުނި އުކުމާއި ގޭގެއިން ކުނި ނެގުމުގެ މަސައްކަތްކުރުން
  • މަގު ހެދުމާއި ކޮންސްޓްރަކްޝަން އާއި މި ނޫން ވެސް ދައުލަތުން ނުވަތަ އިދާރާއަކުން ހިންގާ އުމުރާނީ މަސައްކަތްކުރުން
  • ކުށްވެރިޔާއަށް ލިބިފައިވާ އިލްމެއް ނުވަތަ ހުނަރެއް އެހެން ބަޔަކަށް ކިޔަވައިދިނުން ނުވަތަ ދަސްކޮށްދިނުން
  • ދައުލަތުގެ އޮފީހެއްގައި ނުވަތަ ދައުލަތުގެ ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކުރުން

ގައިދީން ހިދުމަތަށް ނެރޭއިރު، އެމީހުންގެ މަސައްކަތް މޮނީޓާ ކުރާނެ އޮފިސަރެއް ކަރެކްޝަނުން ހަމަޖައްސަން ޖެހެ އެވެ. ގޭބަންދު ކޮށްފައިވާ މީހެއް ނަމަ، އެމީހުން ހިދުމަތަށް ގަނޑިއަށް ނުނިކުންނަ ނަމަ، ނުވަތަ ހިދުމަތް އަދާކުރުމުގެ ފަރުވާ ކުޑަ ނަމަ އަދަބު ތަންފީޒު ނުކުރާ ކަމަށް ކަނޑައަޅުމުގެ ބާރު ކަރެކްޝަނަށް ލިބިގެންވެ އެވެ. އަދި އެފަދަ މީހުން ފިލާފާނެ ކަމަށްޓަކައި، އިލެކްޓްރޮނިކް ޓެގެއްވެސް އެޅުވިދާނެ ކަމަށް މިއަދު ނެރުނު އެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

ގޭ ބަންދަށް ދޫކޮށްލާ މީހާއަށް ހައްޖަށް ދިއުމާއި އާއިލާ މީހެއްގެ ބޭސްފަރުވާއަށް ބޭރަށް ދިއުން ފަދަ ލުއިތައް ވެސް މި އުސޫލުގެ ދަށުން ލިބެ އެވެ. ނަމަވެސް އޭގެ ކުރިން ކަރެކްޝަންސްއާއެކު ހަދާ އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ، ވަގުތުން ޖަލަށް ބަދަލުކުރުމުގެ ބާރު ދައުލަތަށް ލިބެ އެވެ.