Advertisement

އަލަށް ފަށާ ވިޔަފާރިތަކަށް ބީއެމްއެލް އިން ހިލޭ އެހީ ދެނީ

16 ޖަނަވަރީ 2022 - 12:48 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ބީއެމްއެލްގެ އިމާރާތް: އެ ގްރާންޓައް އެދި ހުށަހެޅުން އަންނަ މާޗް މަހުގެ 16ގެ ނިޔަލަށް ވަނީ ހުޅުވާލާފައި-- ފޮޓޯ: ހުސެން ވަހީދު / އަދަދު


އަލަށް ފަށާ ވިޔަފާރިތަކަށް ބީއެމްއެލް އިން ހިލޭ އެހީ ދެނީ

16 ޖަނަވަރީ 2022 - 12:48 0

އަލަށް ފަށާ ވިޔަފާރިތަކަށް ހާއްސަކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިލޭ އެހީދޭ "ސްޓާޓް-އަޕް ގްރާންޓް" ޕްރޮގްރާމެއް ތައާރަފް ކޮށްފި އެވެ.

ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އުފެއްދުންތެރި ވިޔަފާރިތަކަށް ހާއްސަކޮށް، ޒުވާނުން ވިޔަފާރީގެ ދާއިރާއަށް ނެރުމަށާއި އަލަށް ފަށާ ވިޔަފާރިތަކަށް އެހީވުމަށް އަމާޒުކޮށް ޕްރޮގްރާމެކެވެ. މިއީ ކޮންމެ ދާއިރާއަކުންވެސް އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލެވޭ ފުރުސަތެކެވެ.

ބީއެމްއެލް އިން ބުނީ އެ ޕްރޮގްރާމްގެ ދަށުން ކޮންމެ ވިޔަފާރިއަކަށް 500,000ރ. ގެ މަގުން ހަތަރު ވިޔަފާރިއަކަށް 2 މިލިއަން ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ފައިސާ އަކީ ބީއެމްއެލް އަށް އަނބުރާ ދައްކަން ނުޖެހޭ ގޮތަށް، ހިލޭ އެހީގެ ގޮތުން ބޭންކުން ދޫކުރާ ފައިސާ އެވެ.

އެ ގްރާންޓަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ވަނީ ހުޅުވާލާފަ އެވެ. އަދި އާ ވިޔަފާރިއެއް ފެށުމުގެ އިތުރުން މިހާރު ހިންގަމުންދާތާ އެއް އަހަރު ނުވާ ވިޔަފާރިއެއް ކަމުގައިވާނަމަ ވިޔަފާރި ކުރިއެރުވުމަށްވެސް ނުވަތަ އެހެން ވިޔަފާރިއެއް ފެށުމަށްވެސް ބިޒްނަސް ޕްލޭން ހުށަހެޅިދާނެ ކަމަށްވެސް ބީއެމްއެލުން ބުނެ އެވެ.

އެ ގްރާންޓްގެ އިވެލުއޭޝަން ބަހާލެވިފައި ވަނީ ދެ ބަޔަކަށެވެ.

ފުރަތަމަ ސްޓޭޖުގައި ބަލަނީ ހުށަހަޅާފައިވާ ބިޒްނަސް ޕްލޭނަށެވެ. އެއަށް ފަހު އެންމެ ރަނގަޅު ދިހަ ޕްލޭން ހޮވައި އެ ފަރާތްތަކަށް ޕްރެޒެންޓޭޝަން ހުށަހެޅުމަށް ފުރުސަތު ދެއެވެ.

އަދި ޕްރެޒެންޓޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހަތަރު ޕްރެސެންޓޭޝަން ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ހަތަރު ވިޔަފާރިއަށް ބޭންކް އޮފް މޯލްޑިވްސް އިން މާލީ އެހީތެރިކަން ދިނުމުގެ އިތުރުން ވިޔަފާރީގެ މުހިންމު މައުލޫމާތުދީ އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށް ބީއެމްއެލުން ބުނެ އެވެ.

"ސްޓާޓަޕް ގްރާންޓަކީ ބޭންކުން ވިޔަފާރިތަކަށް އެހީ ފޯރުކޮށްދިނުމަށާއި ރާއްޖޭގެ ސްޓާޓަޕް ވިޔަފާރިތަކާއި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތެއް. މި ޕްރޮގްރާމުގެ ޒަރިއްޔާއިން ސްޓާޓަޕް ކޮމިއުނިޓީ މެދުވެރިކޮށް ވަޒީފާ އުފައްދާ، އިތުރު ފުރުސަތުތައް ލިބުމަށް މަގުފަހިވެ މުޖުތަމައަށާއި އިގްތިސާދީ ވެއްޓައް ހެޔޮ ބަދަލެއް ގެނެސްދޭނެ. ހޮވޭ ވިޔަފާރިތަކަށް އެފަރާތްތަކުގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ފައިނޭންޝަލް އެޑްވައިޒް ވެސް ބޭންކުން ފޯރުކޮށްދޭނެ. އަޅުގަނޑުމެންގެ އުންމީދަކީ ވީހާވެސް ގިނަ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން މި ފުރުސަތުގެ ބޭނުންހިފައި ރާއްޖޭގެ ސްޓާޓަޕް ކަލްޗާއަށް އެހީވެދިނުން." ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔަރ ވިދާޅުވި އެެވެ.

ބީއެމްއެލުން ބުނީ އެ ގްރާންޓައް އެދި ހުށަހެޅުން އަންނަ 16ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.