Advertisement

ބޮޑު ކާމިޔާބެއް، އެކަމަކު އޭގެ ކުރިން ހިތާމަ: އަދިވެސް އަރައިނުގަނެވޭ

16 ޖަނަވަރީ 2022 - 10:29 1

ގދ. ތިނަދޫ

މުހައްމަދު ހަމްދޫން

މުހައްމަދު ހަމްދޫން

2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ތަށި ހިފައިގެން ގައުމީ ޓީމު އެނބުރި އައުމުން އެއާޕޯޓުގައި ރައީސް މައުމޫން (ކ) ރޮނާއާ ސަލާމްކުރައްވަނީ.


ބޮޑު ކާމިޔާބެއް، އެކަމަކު އޭގެ ކުރިން ހިތާމަ: އަދިވެސް އަރައިނުގަނެވޭ

16 ޖަނަވަރީ 2022 - 10:29 1

ގދ. ތިނަދޫ

2000 ވަނަ އަހަރުގެ އޭޝިއަން ކަޕްވިނާސްކަޕުގެ ފުރަތަމަ ބުރުގައި ރާއްޖޭގެ ކްލަބް ވެލެންސިއާ ވާދަކުރަން ޖެހުނީ ޗައިނާގެ ގަދަބާރު ޑާލިއާންއާ އެވެ. އެ ޓީމު އަތުން ކުރި ހޯދައި ވެލެންސިއާ އަށް ދެ ވަނަ ބުރަށް ދެވިދާނެ ކަމަށް އެ ޓީމުގެ ސަޕޯޓަރުން ނުދެކެ އެވެ. ކަންވީ ވެސް އެހެންނެވެ. ޗައިނާގައި ކުޅުނު ފުރަތަމަ ލެގުން ވެލެންސިއާ 8-0 އިން ބަލިވީ އެވެ. އެ ނަތީޖާއާ އެކު އެ ޓީމަށް ދެ ވަނަ ބުރުގެ ފުރުސަތު ގާތްގަނޑަކަށް ގެއްލުނެވެ. އެހެންވެ މާލޭގައި ކުޅޭ ދެ ވަނަ ލެގަށް މާ ބޮޑު ފޯރިއެއް ނެތެވެ.

ވެލެންސިއާގެ ދެ ފޯވާޑުން ކަމަށްވާ ތޮއްޑޫ މުހައްމަދު ނިޒާމާއި އަލީ އުމަރު ނެތި ކުޅުނު އެ މެޗުގައި އެ ޓީމުގެ ފޯވާޑް ލައިން ބެލެހެއްޓީ ވަރަށް ޒުވާން ކުޅުންތެރިއެކެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެކަމަކު ދެ ވަނަ ހާފުގެ ކުރީކޮޅު ވެލެންސިއާ އިން ގޯލެއް ޖަހައި ލީޑު ނެގި އެވެ. މި ގޯލް ޖެހީ އެއްކަލަ ޒުވާން ކުޅުންތެރިއާ އެވެ. އަރިމަތިން އަބްދުﷲ ހަސަން ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު އޭނާ ގޯލަށް ވައްދާލީ ޑާލިއާންގެ ގޯލްކީޕަރުގެ ބޯ މަތިން ބޯޅަ ފޮނުވާލައިގެންނެވެ.

އެ ގޯލާ އެކު، 18 ނަމްބަރުގައި ކުޅެމުން ދިޔަ އެ ކުޅުންތެރިޔާ ގިނަ ބަޔެއްގެ ލޮލުގައި އަޅައިގަތެވެ. އުމުރުން 21 އަހަރުގެ އެ ކުޅުންތެރިޔާ ފެންނަ ފެނުމަށް ވައްތަރީ އޭރު ދުނިޔޭގެ އެއް ވަނަ ފޯވާޑް ބްރެޒިލްގެ ރޮނާލްޑޯ ނަޒާރިއޯއާ އެވެ. އިސްތަށިގަނޑުގެ ސްޓައިލާއި ކުޅުމުގެ ސްޓައިލް ވެސް މެ އެވެ. އެހެންވެ ވެލެންސިއާގެ ކޯޗު ހަންގޭރީގެ ލާސްލޯ ކިސް އޭނާ އަށް ކިޔަން ފެށީ "ރޮނާލްޑޯ" އެވެ. ފަހުން މަޝްހޫރުވީ "ރޮނާ" ގެ ގޮތުގަ އެވެ.

އެއީ އޭގެ އެއް އަހަރު ކުރިން 1999 ވަނަ އަހަރު ގދ. ތިނަދޫގައި އޮތް ކާނޑެއްދޫ އެއާޕޯޓް މުބާރާތުގައި ވިދާލި ގއ. ހޯނޑެއްދޫ އާދަމް ލަރީފެވެ. އެ މުބާރާތުގައި ކުޅުނު ވިކްޓްރީގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ އިސްމާއިލް އަނިލް އާއި އިބްރާހިމް ފައުޒީ (އޭދަފުށީ ފައުޒީ) އަށް ރޮނާގެ ކުޅުން ފާހަގަކުރެވި މާލޭގައި ކުޅެވިދާނެކަމަށް ބުނުމުން ރަށު މީހުންގެ އެހީގައި މާލެ އަށް ދިޔައީ އެވެ. އޭނާ ފުރަތަމަ ގުޅުނީ ނިއު ލެގޫންސްއާ އެވެ. އެކަމަކު އެ ޓީމުން އޭނާ އަށް ކުޅޭނެ ފުރުސަތެއް ނުލިބުނެވެ.

ރޮނާ (ވ) ހުއްރިއްޔާގެ ޖާޒީގައި ވެލެންސިއާއާ ދެކޮޅަށް ކުޅެނީ.


ޖެހިގެން އައި 2000 ވަނަ އަހަރު އޭނާ ވެލެންސިއާ އިން ފުރުސަތު ހޯދި އެވެ. އެއީ ތޮއްޑޫ އާއި އަލީ އުމަރާއި އިބްރާހިމް ރަޝީދު (ސިލާޗީ އައްޔަ) އާއި ބިންމާ އަބްދުﷲ ވަހީދު ފަދަ ކުޅުންތެރިން ކުޅެމުން ދިޔަ އަދި ކިސް ކޯޗުކޮށްދެމުން ދިޔަ ވެލެންސިއާގެ ރަން ޒަމާނެވެ. އެހެންވެ ނިއު ލެގޫންސް އިން ފުރުސަތު ނުލިބުނު ކުޅުންތެރިއަކަށް އެ ޓީމުން ޖާގަ ލިބިދާނެ ކަމަށް ގަބޫލެއް ނުކުރެވުނެވެ.

އެކަމަކު އެންމެ ހައިރާންކޮށްލާފައި ކިސް އޭނާ އަށް ފުރުސަތު ދިނެވެ. އެވެސް އެންމެ ހީނުކުރާ މެޗުގަ އެވެ. އޭޝިއާގެ ގަދަބާރަކާ ދެކޮޅަށް ކުޅުނު މެޗެއްގަ އެވެ. އެކަމަކު ދިވެހި "ރޮނާލްޑޯ" ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗުގައި އަދި ބައިނަލްއަގްވާމީ މުބާރާތެއްގައި ވެސް ކުޅުނު ފުރަތަމަ މެޗުގައި ގޯލް ޖަހައި ކިސް ކުރި އިތުބާރުގެ ބަދަލު ދިނެވެ.

"އަހަންނަކީ އޭރު ބްރެޒިލްގެ ރޮނާލްޑޯގެ ވަރަށް ބޮޑު ސަޕޯޓަރެއް. އޭނާގެ ސްޓައިލް ކޮޕީކޮށްގެން ކުޅެމުން ދިޔައީ ވެސް،"

އެ ގޯލާ އެކު އޭނާގެ ހީރޯގެ ނަމުން ގަލޮޅު ދަނޑުގައި އޭނާ އަށް މުހާތަބުކުރެވުންވީ ބޮޑު ހިތްވަރަކަށެވެ. ވެލެންސިއާގެ ޖާޒީގައި އެ އަހަރު ކުޅުމަށް ފަހު ރޮނާ ދެން ބަދަލުވީ 2001 ވަނަ އަހަރު ހުއްރިއްޔާ ސްޕޯޓްސް ކްލަބަށެވެ. ރޮނާ ވެގެންދިޔައީ މާލެ އަތޮޅު ހުރާގެ އެއް ވަނަ ފޯވާޑް އަލީ ޝިހާމް (ހުރާ އައްޔަ) އެ އަހަރު ވެލެންސިއާ އަށް ބަދަލުވުމުން އޭނާ ނެތްތަން ފޫބައްދަން ގެންދިޔަ ކުޅުންތެރިޔާ އަށެވެ. ޕޮމިސް ކަޕް ދެ އަހަރު ކާމިޔާބުކޮށް މިލްކުކުރަން ނުކުތް އަހަރު ހުއްރިއްޔާ ބަލިކަށިވެ އެކަން ނުވި ނަމަވެސް ފުރަތަމަ ޑިވިޝަނުގައި ދެމި އޮންނަން ކުރި މަސައްކަތުގައި ރޮނާގެ ހިއްސާ ބޮޑެވެ.

ހުއްރިއްޔާގެ ރަތްޖާޒީގައި އޭނާގެ މޮޅު ކުޅުން ފެނިގެން ދިޔައީ 2002 ވަނަ އަހަރު އެވެ. އެ އަހަރު 31 ލަނޑު ޖެހި ރޮނާ އަށް އެންމެ ގިނަ ގޯލް ޖަހާ ކުޅުންތެރިއާ އަށް ދޭ "ހަވީރު" ރަންބޫޓު ގެއްލުނީ އެންމެ ގޯލެއްގެ ތަފާތުންނެވެ. ރަންބޫޓު ގެންދިޔައީ 32 ލަނޑު ޖެހީ އަލީ ޝިހާމެވެ. ރޮނާ އެ އަހަރު ތަފާތު ހުނަރެއް ވެސް ދެއްކި އެވެ. އެއީ ކޯނަރުންނާއި ހިލޭ ޖެހުންތަކުން ގޯލް ޖެހުމެވެ. އެ ސީޒަނުގައި އޭނާ ކޯނަރުން ނުވަ ގޯލް އަދި ހިލޭ ޖެހުންތަކުން 10 ގޯލް ޖެއްސެވެ. ނަތީޖާއަކަށްވީ، ނިއު ރޭޑިއަންޓުގެ ލޯ އޭނާ އަށް އަމާޒުވުމެވެ. އެ އަހަރުގެ ދިވެހި ލީގުގެ ގަދަ ހަތަރެއްގައި ހުއްރިއްޔާ ނުހިމެނި ސީޒަން ނިންމާލަން ޖެހުމުން ސީޒަނުގެ ބާކީ ބައިގައި ކުޅުވަން ނިއު އިން ރޮނާ ގެންދިޔަ އެވެ. މޫސާ މަނިކު (ކުޑަމޫސަ) ގެ ކޯޗުކަމުގައި ނިއު އިން އޭރު ދިޔައީ އޭއެފްސީ ޗެމްޕިއަންސް ލީގަށް ތައްޔާރުވަމުންނެވެ.

ރޮނާ (ކ) ގދ. ތިނަދޫ ހަވަރު ޔޫތު ކަޕުގައި ކުޅެނީ. --ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


އޭއެފްސީ އިން އަލަށް ފެށި އެ މުބާރާތުގެ އިރުމަތީ އޭޝިއާ ބުރުގެ ފުރަތަމަ ލެގުގައި ސްރީ ލަންކާގެ ވެރިރަށް ކޮޅުނބުގައި އެ ގައުމުގެ އެއާފޯސްއާ ނިއު ކުޅުނު މެޗުގައި ވެސް ރޮނާ ތަފާތު ދެއްކި އެވެ. އެއާފޯސް 1-0 އިން މޮޅުވާން ދަނިކޮށް އިތުރު ވަގުތުގެ ތެރޭގައި ރޮނާ ލަނޑެއް ޖަހައި ނިއު އަށް ރަށުން ބޭރުގައި މުހިއްމު ޕޮއިންޓެއް ހޯދައިދިނެވެ. މާލޭގައި ކުޅުނު މެޗުގައި މައުސޫމް އަބްދުލްޣަފޫރު (މާސޭ) ގެ ދެ ލަނޑާ އެކު 2-1 އިން މޮޅުވެ ނިއު ދެ ވަނަ ބުރަށް ދަތުރުކުރި އެވެ.

އެކަމަކު ޖެހިގެން އައި އަހަރު ލަރީފު އެނބުރި ހުއްރިއްޔާ އަށް ދިޔަ އެވެ. ހުއްރިއްޔާގައި ފަސް އަހަރު ހޭދަކުރި ނަމަވެސް އެ ޓީމާ އެކު އޭނާ އަށް ކާމިޔާބަކާ ހަމަޔަށް ދެވުނީ 2005 އަހަރެވެ. އެ އަހަރު އޭނާ ހުއްރިއްޔާއާ އެކު ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ދިވެހި ލީގު ކާމިޔާބުކުރި އެވެ. އެއާ އެކު އަނެއްކާ ވެސް ބޮޑެތި ޓީމުތަކުގެ ލޯ އޭނާ އަށް އަމާޒުވި އެވެ. އެގޮތުން 2006 ވަނަ އަހަރު ވިކްޓްރީ ސްޕޯޓްސް ކްލަބުން އޭނާ ގެންދިޔަ އެވެ. ވިކްޓްރީއާ އެކު ފުރަތަމަ އަހަރު، ފަހު މެޗުން ލީގު ގެއްލުނު ނަމަވެސް ޖެހިގެން އައި 2007 ވަނަ އަހަރު ލީގު ކާމިޔާބުކުރި އެވެ.

ޖެހިގެން އައި 2008 ވަނަ އަހަރު ރޮނާ ފެނުނީ އޭނާ އެންމެ ފުރަތަމަ ކުޅުނު ނިއު ލެގޫންސްގެ ނަން ބަދަލުވަމުން ގޮސް އޭގެ ކުރީ އަހަރު އުފެދުނު ވީބީ ސްޕޯޓްސް އިންނެވެ. އާޖެންޓީނާގެ މަޝްހޫރު ކޯޗަކާއި ދޭސީ އަދި ބިދޭސީ މޮޅު އެތައް ކުޅުންތެރިން ގެނައި ނަމަވެސް ވީބީ ފުރަތަމަ އަހަރު ނިންމާލީ ހުސް އަތާ އެވެ. އެ ޓީމު ދެ ވަނަ އަހަރު ހަވާލުކުރީ ވެލެންސިއާގެ ކުރީގެ ކޯޗު ކިސްއާ އެވެ. އެ ޓީމަށް ރޮނާ ގެންދިޔައީ ވެސް ކިސް އެވެ.

އޭގެ އަށް އަހަރު ކުރިން ރޮނާ ކިސް ދިން އިތުބާރު މި ފަހަރު ވެސް ދިނެވެ. އެގޮތުން ފޯވާޑް ލައިނުގެ އެންމެ މުހިއްމު ޒިންމާ ދިނީ އޭނާ އަށެވެ. އޭގެ ބަދަލު ރޮނާ ދިނެވެ. އެ އަހަރުގެ އެފްއޭ ކަޕުގެ ހުރިހާ މެޗެއްގައި ލަނޑު ޖެހި އެވެ. އަދި ވީބީ އަށް ފުރަތަމަ ލިބުނު ތަށި ހޯދައިދޭން އެ މުބާރާތުގައި ފައިނަލުގައި އޭގެ ކުރީ ތިން އަހަރުގެ ޗެމްޕިއަން ނިއު ކޮޅަށް ގޯލް ޖެހި އެވެ. ޑިފެންޑަރު އަހުމަދު އަޝްފާން (އަޝްކޮ) މަތިން ދިން ބޯޅައެއް ކޮންޓްރޯލްކޮށް ނިއުގެ ތިން ކުޅުންތެރިން ކައިރިން ދެމި ގަނެ އޭރިއާ ތެރެއަށް ރޮނާ ވައްދާލި ގޯލާ އެކު ވީބީ އަށް ތާރީހީ ފުރަތަމަ ތަށި ލިބުނެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ ރޮނާ އެވެ.

ރޮނާ (9) ވީބީގެ ކުޅުންތެރިންނާ އެކު.


އޭރު ކްލަބްތަކުގެ މެދުގައި އޮތް ވާދަވެރިކަމުގައި ވީބީ އަށް ތަށި ލިބުމަކީ ބޮޑު ކާމިޔާބެކެވެ. ރޮނާގެ ގޯލާ އެކު ލިބުނު އެ ކާމިޔާބަށް ފަހު ކިސް، ފާޑުކިޔާ މީހުންނަށް ރައްދު ދެމުން ބުނީ "ހަނދާންކުރައްޗޭ ވީބީ އަކީ ކުޑަ ކްލަބެއް ނޫން!" ކަމަށެވެ.

"އަހަރެމެންނަށް ތަށި ނުލިބޭނެ ކަމަށް ވަރަށް ގިނަ މީހުން ވާހަކަދެއްކި،" ކިސް ބުނެފައިވެ އެވެ.

އެ ތަށްޓާ އެކު ވީބީގެ ސްޕޮންސަރު ގަލްފްކްރާފްޓުގެ ޗެއާމަން މުހައްމަދު އަލްޝާލީ ކޮންމެ ކުޅުންތެރިޔަކަށް 500 ޑޮލަރު ދިނެވެ. އަދި ކްލަބުން ވެސް އެވަރުގެ އަދަދެއް ދިނެވެ. އެ މުހިއްމު ކާމިޔާބީ ހޯދައިދިނުމާ އެކު ކިސް އާއި އެ ކްލަބަށް ރޮނާ ވީ ވަރަށް މުހިއްމު ކުޅުންތެރިއަކަށެވެ.

"ވަރަށް މޮޅު ކުޅުންތެރިއެއް އެއީ،" ކިސް "އަދަދު" އަށް ބުންޏެވެ.

ކިސްގެ ނަޒަރުގައި އޭނާ އަށް ދިވެހި ފުޓްބޯޅައިން ލިބުނު އެންމެ ބޮޑު އެއް ނަސީބަކީ ހުނަރުވެރި ފަސް ފޯވާޑަކަށް ކޯޗުކޮށްދޭން ލިބުމެވެ. އޭގެ ތެރޭގައި ކިސް، ރޮނާ ހިމަނަ އެވެ. އަނެއް ހަތަރު ކުޅުންތެރިންނަކީ އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ އުމަރާއި މުޚުތާރު ނަސީރު (ޓޫކިލޯ) އާއި އާދަމް އަބްދުއްލަތީﷲ (ލައްޗޭ) އެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ބިދޭސީ ކޯޗުގެ އެންމެ މޮޅު ފަސް ފޯވާޑުންގެ ތެރޭ ރޮނާ ހިމެނުމަކީ ކުޑަ ޝަރަފެއް ނޫނެވެ.

އެފްއޭ ކަޕުގައި ދެއްކި ކުޅުމާ އެކު "ހަވީރު" ސްޕޯޓްސް އެވޯޑްސްގެ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ވާދަކުރާ ގަދަ ފަހެއްގައި ހިމެނުނެވެ. ދެން ލިބުނީ އެއަށް ވުރެ އުފާވެރި ހަބަރެކެވެ. އެއީ އެ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ލުބްނާނާ ދެކޮޅަށް ކުޅެން ނެގި ގައުމީ ސްކޮޑުން ޖާގަ ލިބުނެވެ. އާޒިމް ހުސެއިން (އެންޑީ) ގެ ބަދަލުގައި ރޮނާ އަށް ޖާގަ ދިނުމަށް ފަހު ކޯޗު ޖޯސެފް ޔަންކޭ ވަނީ އޭނާގެ ކުޅުމަށް ތައުރީފުކޮށްފަ އެވެ.

ރޮނާ (ވ) ވީބީގެ ޖާޒީގައި ވިކްޓްރީއާ ދެކޮޅަށް ކުޅެނީ.


ނަތީޖާއަކަށްވީ އެ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ސްލޮވާކިއާގެ ޑުބްނިސާއާ ދެކޮޅަށް މާލޭގައި ކުޅުނު ދެ މެޗަށް ނެގި ސްކޮޑުން ވެސް ޖާގަ ލިބުނެވެ. އޭނާ އެ ދެ މެޗުގައި ވެސް ކުޅުނެވެ. ރޮނާ ބުނި ގޮތުގައި އެ ފުރުސަތާ އެކު ބޮޑު އުފަލެއް ލިބުނީ އަމިއްލަ ގައުމުގައި އޮންނަ ސާފް ޗެމްޕިއަންޝިޕުން ޖާގަ ލިބޭނެ ކަމުގެ "ޔަގީންކަން" ގާތްގަނޑަކަށް ލިބުމުންނެވެ.

"ކޯޗު ބުނީ ޑުބްނިސާ މެޗުގައި ކުޅޭ ކުޅުންތެރިންނަށް ފުރުސަތު އޮންނާޔޭ (ސާފް އިން)،" ރޮނާ ބުންޏެވެ.

އަރައިނުގަނެވުނު ހިތާމަ އާއި މާޔޫސްކަން

އެއީ ޖޫން 1، 2008 އެވެ. އެ ދުވަހު ހަވީރު ގަލޮޅު ދަނޑުގައި އޮތް ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިހަށް ފަހު މުހިއްމު ކަމެއް އިއުލާންކުރުން އޮތެވެ. އޭގެ ދެ ދުވަސް ފަހުން މާލޭގައި ފަށާ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ދިވެހި ގައުމީ ސްކޮޑް ފައިނަލް ކުރުމެވެ. އިރުއޮއްސެން ގާތްވިއިރު ކޯޗިން ސްޓާފުން ޕްރެކްޓިސް ނިންމާލައި ސްކޮޑް އިއުލާންކުރަން ތައްޔާރުވި އެވެ. ފަހަރަކު ނަމެއް ކިޔަމުން ގޮސް ޓީމު އިއުލާންކޮށް ނިމުމާ އެކު އެއް ކުޅުންތެރިއަކު އަޑުން އަޑު ނަގައި ރޯން ފެށި އެވެ. ފައިނަލް ސްކޮޑުން ޖާގަ ނުލިބުމުން ކުރި އަސަރު ބޮޑުވެ ރޯން ފެށީ ރޮނާ އެވެ. ވަރަށް ގިނަ ކުޅުންތެރިން އޭނާގެ ގައިގައި ބައްދައި ހިތްވަރުދީ ހެދި އެވެ. އެކަމަކު ވެސް ރޮނާ އަށް ހުއްޓާލެވޭ ގޮތެއް ނުވި އެވެ.

އަމިއްލަ ގައުމުގައި ކުޅޭ މުބާރާތެއްގައި ގައުމު ތަމްސީލްކުރަން ލިބުނު ފުރުސަތު ގެއްލުމުން ކޮންމެ ކުޅުންތެރިޔަކު ވެސް މާޔޫސްވާނެ އެވެ. އެކަމަކު ރޮނާ އަށް ކޮށްފައިވަނީ އެއަށް ވުރެ ބޮޑު އަސަރެކެވެ. އެއީ ކީއްވެ ހެއްޔެވެ؟

"އެފްއޭ ކަޕުގައި ވަރަށް މޮޅަށް ކުޅުނިން. މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ލިބުން. ބުއްދިއަށް ގަބޫލުއް ނުކުރެވުނު ސްކޮޑުން ޖާގަ ނުލިބެންވީ ސަބަބެއް. އެހެންވެ އެވަރަށް ރޮވުނީ،" ރޮނާ އެ ހަނދާންތައް "އަދަދު" އާ ހިއްސާކުރަމުން ބުންޏޭވެ.

"އެއީ ހަޔާތުގައި އެންމެ ދެރަވި ދުވަސް. ދުވަހަކު ވެސް، ދުވަހެއްގެ ކޮޅުން ވެސް އެ ދުވަސް ހަނދާނުން ނުފޮހެވޭނެ."

ރޮނާ ބުނި ގޮތުގައި އޭނާގެ ޒަމީރު ގަބޫލުކުރަނީ ސްކޮޑުން ޖާގަ ނުލިބުނީ ޒާތީކަމެއްގެ ސަބަބުން ކަމަށެވެ.

"އެ ނޫން ގޮތަކަށް ގަބޫލެއް ނުކުރާނަން،"

ރޮނާ (ވ) އާ ރައީސް މައުމޫން ސަލާމްކުރައްވަނީ.


23 ކުޅުންތެރިންގެ ސްކޮޑުގައި ނުހިމެނި ބާކީވީ ނަމަވެސް ލަރީފާއި ނިއުގެ އާދަމް ޝަރީފް (އެޑަމް) އާއި މާޒިޔާގެ ގޯލްކީޕަރު އިބްރާހިމް އިފްރާހު އަރީފު ސްކޮޑާ އެކު ސެމީ ފައިނަލާއި ފައިނަލް މެޗަށް ލަންކާ އަށް އެފްއޭއެމުން ގެންދިޔަ އެވެ. ބެންޗުން ޖާގަ ނުލިބުނަސް އެ ތިން ކުޅުންތެރިން ވަނީ ޓީމުގެ ތެރޭގައި ގެންގުޅެފަ އެވެ. ޓޫކިލޯގެ ލަނޑުން އިންޑިއާ 1-0 އިން ބަލިކޮށް ރާއްޖޭން ތާރީހީ ތަށި ހޯދުމުން ބޭއްވި އުފާފާޅުކުރުންތަކުގައި ވެސް އެ ތިން ކުޅުންތެރިން ބައިވެރިކުރި އެވެ. އަދި ތަށި ލިބުމުން ސަރުކާރުން ދިން ބޯނަސް ވެސް އެ ތިން ކުޅުންތެރިންނަށް ދިނެވެ.

ރޮނާ ބުނި ގޮތުގައި ރާއްޖެ އަށް ތަށި ލިބުންވީ ފުޓްބޯޅައިގެ އެންމެ އުފާވެރި ދުވަސް ކަމަށެވެ.

"ވަރަށް އުފާވި ގައުމަށް ކާމިޔާބު ލިބުމުން. އެކަމަކު އެ ކާމިޔާބީއާ އަހަރެންގެ އަމިއްލަ ނަފްސު ގުޅުވައެއް ނުލެވުނު. އެކަމުން އަމިއްލަ ނަފުސަށް ހިތްހަމަޖެހުމެއް ނުލިބުނު،" ލަރީފް ބުންޏެވެ.

ޖެހިގެން އައި 2009 ވަނަ އަހަރު މާލޭގައި އޮތް އޭއެފްސީ ޗެލްންޖް ކަޕް ކޮލިފައިންގައި ރޮނާ އަށް ހުރިހާ މެޗެއްގައި ކުޅުމުގެ ފުރުސަތު ލިބުނެވެ. އަދި 2011 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި އީރާނާ ދެކޮޅަށް ވެސް ކުޅުނެވެ.

ފަހުން އަނެއްކާ ވިކްޓްރީ އާއި ވީބީ އަށް އަދި މާޒިޔާ އާއި އޭވައިއެލް އަށް ވެސް ކުޅުނު ރޮނާ ފުޓްބޯޅަ ކެރިއަރު ނިންމާލީ 2016 ވަނަ އަހަރު އެވެ. 2004 ގައި ކުރި ކައިވެންޏަށް އެއް ކުއްޖަކު ލިބި 2008 ގައި ވަރިވެފައިވާ ރޮނާ، 42، މިހާރު އަންނަނީ އަމިއްލަ ރަށުގައި އެކެޑެމީއެއް ހިންގަމުންނެވެ. ރިސޯޓް މުބާރާތްތަކުގައި ކޯޗުކޮށްދެ އެވެ. އަދި އަތޮޅުތެރޭގައި ބާއްވާ މުބާރާތްތަކުގައި ކުޅެ އެވެ. އެއީ އޭނާގެ ފުރަތަމަ ލޯތްބެވެ. ރޮނާ ވަނީ އޭނާގެ ރަން ޒަމާނުގައި އެއް ފަހަރާ އަތޮޅުތެރޭގެ ހަތަރު ފަސް މުބާރާތުގައި ވެސް ކުޅެފަ އެވެ.

"މާލޭ މެޗު ނިންމާފައި އަނެއް މެޗަށް ދަނީ. އެ މެޗު ނިންމާފައި ފުރައިގެން ގޮސް އަނެއް ރަށެއްގެ މެޗެއް ކުޅެލަނީ،" ރޮނާ ބުންޏެވެ.

ރޮނާ ހަވަރު ޔޫތު ކަޕުގެ މެޗެއްގެ ތެރެއިން. --ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ލަރީފް ބުނި ގޮތުގައި މެދުނުކެނޑި 16 އަހަރު އެންމެ މަތީ ފަންތީގައި ހޭދަކުރި ފުޓްބޯޅަ ކެރިއަރާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އޭގެ ސަބަބަކީ މާލޭގައި ވަރަށް ހާލުގައި އުޅެ އެކަމަކު މޮޅަށް ކުޅެވި ކާމިޔާބީތަކެއް ލިބުމެވެ.

"ވަރަށް ދަތީގައި މާލޭގައި ދުވަސްތައް ހޭދަކުރީ. ނިދުމާއި ކެއުން ވެސް. އެ ހުރިހާ ހާލަތެއްގައި އުޅެމުން ވެސް މަތީ ފަންތީގައި ހިފަހައްޓާ ލެވުމަކީ ހިތްހަމަޖެހުމެއް،" 300 އަށް ވުރެ ލަނޑު ޖަހާފައިވާ ލަރީފް ބުންޏެވެ.

އެކަމަކު ރޮނާ ބުނި ގޮތުގައި ރާއްޖެ އަށް ފުޓްބޯޅައިން ލިބުނު އެންމެ ބޮޑު ކާމިޔާބީގައި ހިއްސާވުމުގެ ހައްގު ލިބި އެ ފުރުސަތު ނުލިބުމުން ކުރިމަތިވި މާޔޫސްކަމުގެ އަސަރުގެ ހިޔަނި ކެރިއަރަށް އެޅުނު ކަމަށެވެ.

"އެ ފަހަރު ގައުމީ ޓީމުގައި ނުހިމެނުމުގެ ހިތާމަ އަދިވެސް ކުރަން. އަބަދުވެސް ކުރާނަން،" ރޮނާ، 42، ބުންޏެވެ.

"ތަށި ލިބުމުން ލިބުނު އުފަލަށް ހިޔަނި އެޅުނީ އޭގެ ކުރިން ޓީމުން ފުރުސަތު ގެއްލުމުން."