Advertisement

އަރަބިއްޔާ ދަރިވަރުންގެ ކިޔެވުން ވަގުތީ ސްކޫލްގައި ފަށައިފި

16 ޖަނަވަރީ 2022 - 10:28 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ކުރީގެ ފޮރިން މިނިސްޓްރީގެ އިމާރާތުގައި މިއަދު ކިޔެވުން ފަށައިގެން ކުރިއަށް ދަނީ ---


އަރަބިއްޔާ ދަރިވަރުންގެ ކިޔެވުން ވަގުތީ ސްކޫލްގައި ފަށައިފި

16 ޖަނަވަރީ 2022 - 10:28 0

އަރަބިއްޔާ ސްކޫލް ދަރިވަރުންގެ ކިޔެވުން ވަގުތީ އިމާރާތަށް ބަދަލުކޮށް, މިއަދު އެ ސްކޫލް އޮޕަރޭޝަނަށް ގެނެސްފި އެވެ.

ސްކޫލްތަކުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިމުމުން ލިބުނު ބަންދަށްފަހު ރާއްޖޭގެ ސްކޫލްތަކުގެ ކިޔެވުން މިއަދު ހެނދުނު ވަނީ ފަށާފަ އެވެ. ދެ ވަނަ ޓާމްގެ ކިޔެވުން ފަށާފައި މި ވަނީ 21 ދުވަހުގެ ޗުއްޓީއަކަށްފަހު އެވެ.

ސްކޫލްތަކުގެ ކިޔެވުން މިއަދު ފެށިއިރު، ކޮވިޑް ފެތުރޭ މިންވަރު ގިނަވެފައިވާތީ، މާލޭގައި ގްރޭޑް އަށަކުން ފެށިގެން ތިރީގެ ދަރިވަރުން ސްކޫލަށް ދާނީ ހަފްތާއަކު ދެ ދުވަހެވެ. އަދި ހުރިހާ ދަރިވަރުން ވެސް ސްކޫލުގައި ހޭދަ ކުރާނީ ކުރިއަށްވުރެ މަދު ވަގުތެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ "އަދަދު" އަށް ވިދާޅުވީ މިއަދު އަރަބިއްޔާ ސްކޫލުގައި ކިޔަވައިދޭން ފަށާފައިވާ ކަމަށެވެ.

"މާލޭގެ އެހެން ސްކޫލުތަކެކޭ އެއްގޮތަށް އަރަބިއްޔާގަ ވެސް މިއަދު ކިޔެވުން ކުރިއަށް އެބަދޭ. ސްކޫލުގަ ހުރިހާ އިންތިޒާމެއް ދަރިވަރުންނަށާއި މުވައްޒަފުންނަށް ވެސް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ހަމަޖެހިގެން ކުރިއަށް އެބަދޭ،" އަހުމަދު އަލީ ވިދާޅުވި އެވެ.

އަރަބިއްޔާގެ ވަގުތީ އިމާރާތުގައި ކިޔަވައިދެނީ--


ކުޑަ ދުވަސްކޮޅެއްގެ ތެރޭ އަރަބިއްޔާ ދަރިވަރުންނަށް ކިޔަވައިދެވޭނެ އިންތިޒާމު އެހެން އިމާރާތެއްގެ ހަމަޖެހުމަކީ ގިނަ ބަޔަކު ގުޅިގެން ކުރި ވަރަށް ކާމިޔާބު މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސްޓަރަކްޗަރަށް ދިމާވެފައިވާ މައްސަލަތަކަަކާ ގުޅިގެން އަރަބިއްޔާ ސްކޫލު އިމާރާތުގައި މި ވަގުތު ހާލަތު ހުރި ގޮތުން އެތަނުގައި ކިޔަވައިދިނުން ރައްކާތެރި ނޫން ކަމަށް ނިންމާ ކުދިން ކިޔެވުން މެދުނުކެނޑި ކުރިޔަށް ގެންދަން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމި އެވެ.

ނަމަވެސް އެކަމާ އެ ސްކޫލުގެ ބެލެނިވެރިން ވަނީ އިހްތިޖާޖުވެސް ކޮށްފަ އެވެ. އެއާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވީ ހައްލެއްގެ ގޮތުން މިހާރު އިލެކްޝަން ކޮމިޝަންގެ އޮޕަރޭޝަން ހިންގަމުންދާ އިމާރާތް (ކުރީގެ ޖަމާލުއްދީން ސްކޫލު) އަރަބިއްޔާ އެޅުމަށް ދިނުމަށެވެ.

އެ ސްކޫލުގެ ދަރިވަރުން ސްކޫލަށް ވަންނަނީ--


ބާ ޖަމާލުއްދީން ބިމުގައި އަރަބިއްޔާ ސްކޫލްގެ އިމާރާތެއް އެޅެންދެން ވަގުތީ ގޮތުން އެ ސްކޫލްގެ ކިޔެވުން ކުރިއަށް ގެންދަން ނިންމީ ކުރިން ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގި އެމްޓީސީސީގެ ޝޯރޫމްގަ އެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް، 29 މިލިއަން ރުފިޔާއަށް ހަދަން އެންމެ ފުރަތަމަ ހަވާލުކުރީ މާލޭ ހައި ރައިޒިން ކުންފުންޏާ އެވެ. އެއީ މާޗް 2، 2011 ގަ އެވެ. ނަމަވެސް މަސައްކަތް ނުގެންދާތީ ޖުލައި 20، 2011 ގައި އުވާލި އެވެ. އެއަށް ފަހު އޮގަސްޓް 25، 2011 ގައި ފަހުން ހައުސިން މިނިސްޓްރީން އެ އިމާރާތުގެ މަސައްކަތް ހަވާލުކުރީ އެލްއެފް ކޮންސްޓްރަކްޝަން އާ އެވެ.

ހަތް ބުރީގެ އެ އިމާރާތުގެ މަސައްކަތް އެ ކުންފުނިން ނިންމައި، އިމާރާތް ހުޅުވީ ސެޕްޓެމްބަރު 19، 2013 ގައެވެ. ހުޅުވިތާ އަށް އަހަރު ފަހުން އެ ސްކޫލުގެ ތަނބުތަކުގައި ބޮޑެތި ރެނދުތައް ލައި ވަރަށް ބޮޑަށް ވަނީ ހަލާކުވެފަ އެވެ.