Advertisement

ކޮވިޑުގައި ބަންދުކުރި އައްޑޫ ކެނަރީފް ރިސޯޓު އަލުން ހުޅުވައިފި

16 ޖަނަވަރީ 2022 - 12:50 0

އަމަން ހަލީމް

އަމަން ހަލީމް

ކެނަރީފް ރިސޯޓް މޯލްޑިވްސް: މިއީ އައްޑޫ އަތޮޅުގައި ފުރަތަމަ ހުޅުވި ރިސޯޓު. -- ފޮޓޯ: ކެނަރީފް


ކޮވިޑުގައި ބަންދުކުރި އައްޑޫ ކެނަރީފް ރިސޯޓު އަލުން ހުޅުވައިފި

16 ޖަނަވަރީ 2022 - 12:50 0

ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި އޮޕަރޭޝަންތައް މެދުކަނޑާލި އައްޑޫ ކެނަރީފް ރިސޯޓުގެ އެއް ބައި އޮޕަރޭޝަނަށް ގެނެސް ޓޫރިސްޓުންނަށް ހުޅުވާލައިފި އެވެ.

ކެނަރީފް ރިސޯޓުގެ މެނޭޖްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ ރިސޯޓު އަލުން ހުޅުވީ ފިޔަވަހިތަކަކަށް ބަހާލައިގެން ރިސޯޓު އޮޕަރޭޝަނަށް ގެންނަ ގޮތަށް ކަމަށެވެ.

ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުވީ 142 ކޮޓަރި އެވެ. އެކު ޖުމްލަ 271 ކޮޓަރީގެ މި ރިސޯޓުގެ ބާކީ ހުރި ކޮޓަރިތައް އޭޕްރިލްގެ ނިޔަލަށް ހުޅުވަން ވަނީ ރާވާފަ އެވެ.

ކެނަރީފް ހުޅުވިއިރު އޮޕަރޭޝަނަށް ގެނައި ކޮޓަރިތަކުގެ ތެރެއިން 140 ކޮޓަރިއަކީ، މި ރިސޯޓު ހުޅުވަން އިސްދައުރެއް އަދާކުރި ރިސޯޓު ލައިފުން ގަނެފައިވާ ކޮޓަރި އެވެ. ރިސޯޓު ލައިފުން ވަނީ މި ކޮޓަރިތަކުގެ ބުކިންއާއެކީ އެޑްވާންސްކޮށް ފައިސާ ވެސް ދައްކާފަ އެވެ.

އެކަމަކު އަދި އެ ކުންފުނިން ގެނައި ޓޫރިސްޓަކު އެ ރިސޯޓަކަށް ނުދެ އެވެ.

ކެނަރީފް ރިސޯޓު: ގުދުރަތީ ހާއްސަ ސިފަތަކެއް ލިބިފައިވާ މި ރަށަކީ ކުޅި ހުންނަ މަދު ދިވެހި ރިސޯޓުތަކުގެ ތެރެއިން ރިސޯޓެއް. -- ފޮޓޯ: ކެނަރީފް


މިކަމާ ގުޅޭގޮތުން ރިސޯޓް ލައިފުގެ އެމްޑީ ޝާޒް ވަލީދު "އަދަދު" އަށް ވިދާޅުވީ، ޓޫރިސްޓުން އަންނާނީ އެ ކުންފުނިން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށެވެ.

"މަރާމާތަށް ފަހު ކޮޓަރިތަކާއި ރިސޯޓު ބަލައިލަން ދާން އަދި ނުދެވޭ. އަޅުގަނޑުމެންގެ އޮޕަރޭޓަރުންނާއެކީ ރިސޯޓު ބެލުމަށްފަހު ޓޫރިސްޓުން އަންނާނީ," އޭނާ ވިދާޅުވި އެވެ.

މިހާރު ބައެއް ދަތިތައް ހުރި ނަމަވެސް، އައްޑޫގެ ވަޅުޖެހިފައިވާ ޓޫރިޒަމް އިޔާދަކުރަން ފެށި މަސައްކަތް ހުއްޓާނުލާނެ ކަމުގެ ޔަގީންކަން ޝާޒް ދެއްވި އެވެ. އަދި ވިދާޅުވީ، މަސް ނިމުމުގެ ކުރިން ބޭނުންވާ ކަންކަން ހަމަޖެހި ޓޫރިސްޓުން އަންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ކެނަރީފް އޮޕަރޭޝަނަށް ގެންނަން ރިސޯޓް ލައިފްގެ އިތުރުން އައްޑޫ ސިޓީ ކައުންސިލާއި ސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލުން ލިބުނެވެ. މިކަމަށްޓަކައި އެ ކުންފުނީގެ މެނޭޖްމަންޓުން ވަނީ އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.

ކެނަރީފް ހުޅުވުމުން މިހާރު އައްޑޫ ސިޓީގައި ތަރައްގީކޮށްފައިވާ ތިން ރިސޯޓުގެ ތެރެއިން ދެ ރިސޯޓު ހުޅުވީ އެވެ. އެއީ ކެނަރީފާއި ސައުތް ޕާމެވެ. މިހާރު ނުހުޅުވާ ހުރީ އައްޑޫގައި ހުރި އެންމެ މަތީ ފަންތީގެ ރިސޯޓު ކަމުގައިވާ ޝަންގްރިއްލާ ވިލިނގިލި އަދިވެސް ނުހުޅުވަ އެވެ.