Advertisement

ނައިޖީރިއާ ދެ ވަނަ ބުރަށް، ސަލާހުގެ ގޯލާއި ވީއޭއާރްގެ އެހީއާ އެކު މިސްރަށް މޮޅެއް

16 ޖަނަވަރީ 2022 - 02:15 0

ގިނީ ބިސާއުގެ މާނޭ (ވ) ކައިރިން ނައްޓާފައި މިސްރުގެ ސަލާހު ބޯޅަ ހިފައިގެންދަނީ.


ނައިޖީރިއާ ދެ ވަނަ ބުރަށް، ސަލާހުގެ ގޯލާއި ވީއޭއާރްގެ އެހީއާ އެކު މިސްރަށް މޮޅެއް

16 ޖަނަވަރީ 2022 - 02:15 0

ގަރުއާ، ކެމަރޫން (ޖެނުއަރީ 16) - އެފްރިކަން ކަޕް އޮފް ނޭޝަންސްގައި މިރޭ ސޫދާން އަތުން 3-1 އިން މޮޅުވެ، ނައިޖީރިއާ ދެ ވަނަ ބުރުގެ ޖާގަ ޔަގީންކުރިއިރު، މުހައްމަދު ސަލާހުގެ ގޯލާއި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީއާ އެކު 1-0 އިން ގިނީ ބިސާއު ބަލިކޮށް މިސްރުން މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

އަށާރަ އަހަރު ތެރޭގައި އެފްރިކަން ކަޕްގެ ގްރޫޕް ސްޓޭޖުގައި މި ފަަހަރު ނައިޖީރިއާ އިން މިސްރު ބަލިކުރިއިރު، މިއަދު ދެ ވަނަ މެޗުން ސޫދާން އަތުން މޮޅުވެ، ގްރޫޕް ޑީގެ އެއް ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ. ނައިޖީރިއާ އަކީ ކެމަރޫނާއި މޮރޮކޯ އަށް ފަހު މި ފަހަރުގެ މުބާރާތުގެ ދެ ވަނަ ބުރު ކަށަވަރުކުރި ޓީމެވެ.

ގްރޫޕް ޑީގެ ދެ ވަނައިގައި މިސްރު އޮތީ ތިން ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ގިނީ ބިސާއު އާއި ހަތަރެއްގައި އޮތް ސޫދާނަށް ވެސް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

ނައިޖީރިއާ އިން ވަނީ 46 މިނިޓް ތެރޭ ސޫދާން ކޮޅަށް ތިން ގޯލުގެ ލީޑެއް ނަގައިފަ އެވެ. ތިން ވަަނަ މިނިޓްގައި ސެމިއުލް ޗުކުވޭޒީ ނައިޖީރިއާގެ ފުރަތަމަ ގޯލު ޖެހިއިރު، އެ ޓީމަށް ދެ ވަނަ ގޯލެއް ޖަހައިދިނީ ޓައިވޯ އޮނިޔީވީ އެވެ. ދެ ވަނަ ހާފުގެ ފުރަތަމަ މިނިޓްގައި މޮސެސް ސިމޯން ވަނީ ނައިޖީރިއާގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. ސޫދާނުގެ ހަމައެކަނި ގޯލު ޕެނަލްޓީ އަކުން ޖެހީ ވަލީލްދީން ހިދީރު އެވެ.

އެފްރިކަން ކަޕް ހަތް ފަހަރު ކާމިޔާބުކުރި މިސްރުގެ ހަަމައެކަނި ގޯލު މެޗުގެ 69 ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން ސަލާހު ކާމިޔާބުކުރީ އޭރިއާތެެރެއިން ވޮލީ އަކުންނެވެ. ސަލާހު ރަނގަޅަށް މާކް ކޮށްގެން ގިނީ ބިސާއު އިން ކުޅުނު ނަމަވެސް ލިބުނު ރަނގަޅު ހުސް ފުރުސަތުގެ ބޭނުން އޭނާ ހިފި އެވެ.

މެޗުގެ 81 ވަނަ މިނިޓްގައި ގިނީ ބިސާއުގެ މާމާ ބާލްޑޭ ވަނީ ގޯލެއް ޖަހައި އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. އެކަމަކު، ވީއޭއާރް އިން ބެލިއިރު، މާމާ ބާލްޑޭ ވަނީ ގޯލު ޖެހުމުގެ ކުރިން މިސްރުގެ އޮމާރް ކަމާލަށް ފައުލުކޮށްފަ އެވެ. އެއީ ފައުލެއްތޯ ވީއޭއާރް އިން ކަށަވަރުކުރީ ދަނޑު ކައިރީގައި ހުންނަ މޮނީޓަރު ކައިރިއަށް ގޮސް ބަލައިފަ އެވެ. ރެފްރީގެ މި ނިންމުމާ މެދު ގިނީ ބިސާއު ކުޅުންތެރިން ވަރަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

އިތުރު ވަގުތުގައި ގިނީ ބިސާއުގެ މޮރޭޓޯ ކަސާމާ އޭރިއާބޭރުުން ޖެހި ބޯޅަ މިސްރުގެ ކީޕަރު މުހައްމަދު އެލް ޝަނާވީ ވަނީ މަތަކޮށްފަ އެވެ.