Advertisement

ލަންކާގެ ގަރުނުގެ ހާފް މެރަތަންގައި ރާއްޖޭން މޯޑް، ޝަރަފް، ރިޝްމީ އަދި މަރީ

16 ޖަނަވަރީ 2022 - 08:23 1


ލަންކާގެ ގަރުނުގެ ހާފް މެރަތަންގައި ރާއްޖޭން މޯޑް، ޝަރަފް، ރިޝްމީ އަދި މަރީ

16 ޖަނަވަރީ 2022 - 08:23 1

ސްރީލަންކާގެ އެތުލެޓިކްސް އަށް 100 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް މި މަހު 22 ވަނަ ދުވަހު ބާއްވާ ހާފް މެރަތަންގައި ވާދަކުރާ ރާއްޖޭގެ ޓީމު އިއުލާނުކޮށްފި އެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިއުލާނުކުރި ރާއްޖޭގެ ޓީމުގައި ހިމެނެނީ ފިރިހެން ދެ ދުވުންތެރިންނާއި އަންހެން ދެ ދުވުންތެރިންނެވެ. އެއީ އަހުމަދު ޝަރަފް، މުހައްމަދު ރަޝީދު (މޯޑު)، އައިޝަތު ރިޝްމީ (އިއްތި) އަދި މަރިޔަމް އަބްދުލް ކަރީމް (މަރީ) އެވެ.

ރާއްޖެ ޓީމުގެ ކޯޗަކީ ދާދި ފަހުން ބަންގްލަދޭޝްގައި ބޭއްވި ޑާކާ މެރަތަންގައި ދިވެހި ޓީމުގެ ކޯޗުގެ ޒިންމާ އަދާކުރި ނަސްރުﷲ އަހްމަދު (ނަސްރު) އެވެ.

މި މަހު 10 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވި މެރަތަންގައި ރާއްޖެ ތަމްސީލްކުރީ މޯޑް އާއި ރިޝްމީ އެވެ. ފުލް މެރަތަންގައި ވާދަކޮށް މޯޑް ރޭސް ނިންމީ ދެ ގަޑިއިރު 45 މިނިޓް 28 ސިކުންތުންނެވެ. ރިޝްމީ ރޭސް ނިންމީ ތިން ގަޑިއިރު 26 މިނިޓް 26 ސިކުންތެވެ. މިއީ ރިޝްމީގެ އެންމެ ރަނގަޅު ޓައިމިންނެވެ.

ޑާކާ މެރަތަންގައި މޯޑާއި ރިޝްމީގެ އިތުރުން ޝަރަފް ވެސް އޮތީ ވާދަކުރާ ގޮތަށެވެ. އެކަމަކު، ފަހުން ޝަރަފް ވާދަކުރާ ހާފް މެރަތަން ކެޓަގަރީ ރޭހުން އުނިކުރުމުން އޭނާ އަށް ފުރުސަތު ގެއްލުނީ އެވެ. އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ މުންތަގިމް، "އަދަދު" އަށް ވިދާޅުވީ ކޮވިޑް-19ގެ ހާލަތާ ހެދި ރޭހަށް ގެނައި ބަދަލާ އެކު ޝަރަފަށް މުބާރާތް ގެއްލުނީ ކަމަށެވެ. އަދި ވަރަށް އަވަހަށް ޝަަރަފް ލަންކާގައި ބާއްވާ މެރަތަންއެއްގައި ވާދަކުރާނެ ކަމަށާއި މިހާރު ޓްރެއިން ކުރަނީ އެ މެރަތަން އަށް ކަމަށް މުންތަގިމް ވިދާޅުވި އެވެ.

އިންޑިއާގެ ނާގާލޭންޑްގައި އިއްޔެ ކުރިއަށް ގެންދަން ނިންމާފައި އޮތް ސައުތު އޭޝިިއަން ކްރޮސް ކައުންޓީ ޗެމްޕިއަންޝިޕްގައި ވެސް ރާއްޖޭން ވާދަކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެކަމަކު، އިންޑިއާގައި ހަލުވިކަމާ އެކު ކޮވިޑް ފެތުރޭތީ އިންޑިއާގެ އެތުލެޓިކްސް ފެޑެރޭޝަން (އޭއެފްއައި) އިން ވަނީ އެ މުބާރާތް ފަސްކޮށްފަ އެވެ. ކްރޮސް ކައުންޓީ ޗެމްޕިއަންޝިޕްގައި ރާއްޖޭން ވާދަކުރަން ނިންމާފައިވާ ދުވުންތެރިންނަކީ މުހައްމަދު އިރުފާން، ހުސައިން ފަޒީލް ހާރޫން، ޔޫސުފް އިބްރާހިމް، އިބްރާހިމް އާދަމް، އާބިދު އަހްމަދު ސިރާޖު އަދި ޝައިހާން މުހައްމަދެވެ. ޓީމުގެ ކޯޗުންނަށް ހަމަޖައްސާފައިވަނީ ނަސްރުގެ އިތުރުުން އަބްދުﷲ އިބްރާހިމް (އަބްޅޯ) އެވެ.