Advertisement

ކާޑު އެޖެންޓުންގެ ކާމިޔާބީން އުފަންވި ކޮންސްޓްރަކްޝަން އެޖެންޓުން

28 ޖަނަވަރީ 2022 - 14:10 0

އަމަން ހަލީމް

އަމަން ހަލީމް


ކާޑު އެޖެންޓުންގެ ކާމިޔާބީން އުފަންވި ކޮންސްޓްރަކްޝަން އެޖެންޓުން

28 ޖަނަވަރީ 2022 - 14:10 0

ރަށުން ބޭނުންވާ ކޮންސްޓްރަކްޝަން ސާމާނު ނުލިބުމަކީ އަތޮޅުތެރޭގައި އިމާރާތްކުރާ މީހުންގެ އާންމު ޝަކުވާއެކެވެ.

އިމާރާތްކުރަން ބޭނުންކުރާ ސާމާނު އަމިއްލަ ރަށުން ނުލިބޭއިރު، ގިނަ ފަހަރު ކައިރި އެހެން ރަށަކުން ވެސް އެ ސާމާނު ލިބޭކަށް ނުހުރެ އެވެ. އެ އިމާރާތެއް އަޅަން އުޅޭ މީހާ ނޫނީ މީހުންނަށް އޮންނަ ގޮތަކީ މާލެއިން އަންނަ ނާލު ބޯޓުގެ އިންތިޒާރުގައި، މަސައްކަތް ހުއްޓާލާ އަތް އުރާލައިގެން ތިބުމެވެ.

"ބޭނުންވާ ތަކެތި ރަށުން ލިބެން ނުހުންނާތީ އަޅުގަނޑުމެންނަށް ވަރަށް ހާލުގައި އުޅެންޖެހޭ އޮޑިފަހަރަށް އެއްޗެހި އަރުވައިގެން،" އެ ކަންބޮޑުވުން ހިއްސާކުރާ އއ. ރަސްދޫ މީހަކު ބުންޏެވެ.

ރަށްރަށުން ކޮންސްޓްރަކްޝަން ސާމާނު ލިބެން ނުހުންނަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ކޮންސްޓްރަކްޝަން ސާމާނު ވިއްކާ ވިޔަފާރިއެއް ފެށުމާއި ހިންގުމުގެ ހަރަދު މާ ބޮޑީ އެވެ. ގިނަ ރަށްރަށުން ދެކޮޅު ޖެހޭ ވަރަށް އިމާރާތްކުރާ ސާމާނަށް ޑިމާންޑު ވެސް ނޯންނަނީ އެވެ. ސަރުކާރު ކުންފުންޏަކުން މިކަން ކުރަން ބެލި ނަމަވެސް އުނދަގޫވަނީ ހަމަ އެ ސަބަބުތަކާ ހުރެ އެވެ.

އެކަމަކު މައްސަލައަކީ ހައްލުކުރަން ޖެހޭ މައްސަލައެއް ކަމުން އެސްޓީއޯއިން އެހެން ގޮތެއް ހޯދައިފި އެވެ. ކުދި ވިޔަފާރިތަކާ ގުޅިގެން ކޮންސްޓްރަކްޝަން ސާމާނު ލިބޭނެ މަގުފަހި ކުރަން، ކޮންމެ ރަށެއްގައި ކޮންސްޓްރަކްޝަން އެޖެންޓެއް ހަމަޖެއްސުމެވެ.

ކޮންސްޓްރަކްޝަން އެޖެންޓުންނަކީ ކޮބާ؟

އެސްޓީއޯއަކީ އެންމެ ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން ސާމާނުގެ ވިޔަފާރިކުރާ އެއް ކުންފުންޏެވެ. އެ ކުންފުނިން ވިއްކާ ސާމާނުގެ ތެރޭގައި ސިމެންތި އާއި ވެއްޔާއި ދަގަނޑާއި ޕްލައިވުޑާއި ދަގަނޑުގެ އިތުރުން ދަގަނޑު ހޮޅި އާއި ޓިނާއި ޓިނުގެ އުފެއްދުންތައް ހިމެނެ އެވެ.

ކޮންސްޓްރަކްޝަން އެޖެންޓުންނަކީ އެ ސާމާނު ވިއްކަން އެސްޓީއޯއާ ބައިވެރިވާ ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކެވެ.

ކޮންސްޓްރަކްޝަން އެޖެންޓުންގެ ހިޔާލު އެސްޓީއޯއަށް އައީ، އެއް އަގެއްގައި ހުރިހާ ރަށަކުން ކާޑު ލިބޭ ސިޔާސަތު ތަންފީޒުކުރަން 2019 ވަނަ އަހަރު ތައާރަފުކުރި ކާޑު އެޖެންޓުންގެ ކާމިޔާބީންނެވެ.

ކާޑު އެޖެންޓުންގެ މޮޑެލްއަކީ ކުދި ވިޔަފާރިތަކާ ގުޅިގެން ކާޑު ލިބޭނެ މަގުފަހި ކުރަން އެސްޓީއޯއިން ތައާރަފުކުރި މޮޑެލްއެކެވެ. މިހާތަނަށް ކުރެވުނު ތަޖުރިބާއިން، މިއީ އެ ކުންފުނީގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ވިޔަފާރި މޮޑެލް އެވެ.

"އެއީ ބޮޑު ކާމީޔާބީއެއް. މިހާރު ދެ ކާޑު އެޖެންޓުން ނުހުންނަ ރަށެއް މަދުވާނެ،" އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު މި ނޫހަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ކާޑު އެޖެންޓުންގެ ކާމިޔާބިން ހިތްވަރު ލިބިގެން ކޮންސްޓްރަކްޝަން ސާމާނު ވިއްކަން ކޮންސްޓްރަކްޝަން އެޖެންޓުކަން ހުޅުވާލީ މިދިޔަ އަހަރުގެ މާޗުގަ އެވެ. ފުރަތަމަ އިއުލާނުކުރީ 11 އަތޮޅަކުން ކޮންމެ އަތޮޅަކުން 2 އެޖެންޓުން ނަގާށެވެ. އެ 22 އެޖެންޓުންނާ އެކީ އެއްބަސްވުންތަކުގައި ސޮއިކޮށް މަސައްކަތް ފެށީ ޖޫން 24، 2021 ގައި އެވެ.

އެ މޮޑެލް ތައާރަފުކޮށްދެއްވަމުން އެސްޓީއޯގެ އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޖެނެރަލް މެނޭޖަރު މުހައްމަދު އީމާން އެ ދުވަހު ވިދާޅުވީ ކޮންސްޓްރަކްޝަން އެޖެންޓުންނަކީ ކޮންސްޓްރަކްޝަން ސާމާނު ނުލިބޭ މައްސަލައިގެ ހައްލު ކަމަށެވެ.

"މި މޮޑެލްއިން ރާއްޖޭގެ ހުރިހާ ރަށެއްގައި އިމާރާތްކުރުމަށް ބޭނުންވާ ސާމާނު އަތްފޯރާ އަގުތަކެއްގައި ހުސްނުވެ ލިބޭނެކަން ޔަގީންކުރެވޭނެ،" އީމާން ވިދާޅުވި އެވެ.

މިހެން ވިދާޅުވުމަށް ފަހު، އެސްޓީއޯގެ ކޮންސްޓްރަކްޝަން އެޖެންޓުކަމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލި އެވެ. ރަށުގެ އުމްރާނީ ތަރައްގީގެ އިސް ބައިވެރިއަކަށް ވާން ވިޔަފާރިތަކަށް ފުރުސަތު ދިނެވެ.

ބޮޑު ތަރުހީބެއް، ބޮޑު ކާމިޔާބެއް

ކޮންސްޓްރަކްޝަން އެޖެންޓުންނާއެކީ އެސްޓީއޯއިން ކުރަމުންދާ ދަތުރު ވަރަށް ކާމިޔާބެވެ. އެ ޕްރޮޖެކްޓު ތައާރަފުކުރިތާ މިވީ ހަ މަސް ދުވަހުގެ ތެރޭގައި، ހީނުކުރާ ވަރުގެ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފި އެވެ. މިހާރު ރާއްޖޭގެ އެކި ރަށްރަށުގައި އެސްޓީއޯގެ 56 ކޮންސްޓްރަކްޝަން އެޖެންޓުން އެބަ ތިއްބެވެ.

އެ ކުންފުނިން ބުނަނީ ހުރިހާ ރަށަކުން ކޮންސްޓްރަކްޝަން ސާމަނު ލިބޭނެކަން ކަށަވަރުކުރަން، އެންމެ މޮޅު އަދި އެންމެ މަންފާ ބޮޑު ގޮތަކީ އެއީ ކަމަށެވެ. އެ ކުންފުންޏާއެކީ މަސައްކަތް ކުރާ ކޮންސްޓްރަކްޝަން އެޖެންޓުން ވެސް މިކަމާ އެއްބަހެވެ.

"މިހާރު ރަށަށް ބޭނުންވާ ކޮންސްޓްރަކްޝަން ސާމާނު ފޯރުކޮށްދެވޭ ގެޔެއްގެ ފައުންޑޭޝަނުން ފެށިގެން ފަށައިގެން ހިޔާ ކުރުމާ ހަމައަށް," އެސްޓީއޯގެ ރަސްދޫ ކޮންސްޓްރަކްޝަން އެޖެންޓު، ވުޑް ވިލެޖް ކުންފުނީގެ ބޭފުޅަކު މި ނޫހަށް ވިދާޅުވި އެވެ.

އެ ގުޅުމުގެ ސަބަބުން ހަމައެކަނި ރަށްރަށުން މުދާ ލިބުމުގެ އިތުރުން ވިޔަފާރިތަކަށް ރަނގަޅު ފައިދާއެއް ވެސް ލިބެ އެވެ. އެސްޓީއޯއިން ހިއްސާކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ އަހަރު އެއް ވިޔަފާރިއަކަށް ހަމައެކަނި އެސްޓީއޯ ކޮންސްޓްރަކްޝަން ސާމާނު ވިއްކައިގެން ހަ މަސް ދުވަހުގެ ތެރޭގައި 2.4 މިލިއަން ރުފިޔާގެ ވިޔަފާރި ލިބުނެވެ.

ރަށުގެ ތަރައްގީއަށް ރަނުގެ ފުރުސަތެއް

މިހާތަނަށް އެ ޕްރޮޖެކްޓުގެ ދަށުން 56 އެޖެންޓުން ތިބި ނަމަވެސް، އެސްޓީއޯއިން ތިބީ މިވަރުން ފަރުޖައްސާލާކަށް ނޫނެވެ. އެ ކުންފުނީގެ އަމާޒަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޮންސްޓްރަކްޝަން އެޖެންޓަކު ބެހެއްޓުމެވެ. ބޭނުންވަނީ ޝައުގުވެރިކަން ހުރި ހުރިހާ ވިޔަފާރިވެރިންނާ ބައިވެރިވެގެން ރަށްރަށުގެ އުމްރާނީ ތަރައްގީގެ މިސްރާބު ބަދަލުކުރާށެވެ.

މިހާރު ކޮންސްޓްރަކްޝަން އެޖެންޓުން ތިބި ރަށްރަށުން އެ މަންޒަރު ދަނީ ފެންނަމުންނެވެ. ސާމާނު ނުލިބުގެން މަސައްކަތް ހުއްޓާލަން ޖެހުން ހައްލުވެ، އިމާރާތްކުރުމުގެ ދުވެލި ބާރުވެއްޖެ އެވެ. އަތޮޅު ތެރޭގައި ވަޅުޖެހިފައި އޮތް އިމާރާތްކުރުމުގެ ސިނާއަތަށް އާ ދިރުމެއް ލިބިއްޖެ އެވެ. ކުރިން ޖެހުނު ތުރާތައް ނުޖެހޭތީ އިމާރާތްކުރާ ހިތް ވެސް ޖެހިއްޖެ އެވެ.

"އެސްޓީއޯއިން މިކޮޅުގެ އެޖެންޓުން ބައިތިއްބައިގެން މިކަން ކުރުމަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ކުރިއެރުމެއް. މިހާރު މަސައްކަތް ހުއްޓި ދާނެތީ ކަންބޮޑުވާން ޖެހޭ އެއްވެސް ސަބަބެއް ނެތް،" ކުރިން ރަސްދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ކޮންސްޓްރަކްޝަން އެޖެންޓުންނަކީ ރަށެއްގައި އާދައިގެ ވިޔަފާރިއެއް ހިންގާ ވިޔަފާރިވެރިޔާއަށް ވެސް ޖީބުން ބޮޑު ހަރަދެއްނުކޮށް ވިޔަފާރި ފުޅާކުރަން ރަނގަޅު ގޮތެކެވެ. ހަމައެކަނި ބޭނުންވަނީ ސާމާނު ބަހައްޓާނެ ތަންކޮޅެކެވެ. އެވަރުން ކޮންމެ މީހަކަށް ވެސް ކޮންސްޓްރަކްޝަން އެޖެންޓަކަށް ވެވޭނެ އެވެ.

އެއީ އެސްޓީއޯއާ ބައިވެރިވެގެން އަމިއްލަ ރަށުގެ އުމްރާނީ ތަރައްގީގެ އިސް ބައިވެރިއަކަށް ވާން ވިޔަފާރިތަަކަން ރަނުގެ ފުރުސަތެކެވެ.