16 ޖަނަވަރީ 2022 - 06:11 0
ފާތިމަތު ސާޔާ އަހުމަދު
ޔަމަނުގެ ހޫތީން އާއްމުކުރި ޔޫއޭއީ ބޯޓުގެ ފޮޓޯއެއް. -- ފޮޓޯ: އޭއެފްޕީ
16 ޖަނަވަރީ 2022 - 06:11 0
ސަނާ، ޔަމަން (ޖެނުއަރީ 15) - ޔަމަނުގެ ހޫތީން ހައިޖެކް ކުރި ޔޫއޭއީގެ ބޯޓު ދޫކޮށްލަން އދ. އިން ގޮވާލުމުން، ބޯޓުގައި ހަތިޔާރު ހުރި ކަމަށް ބުނެ އެ ގޮވާލުން ބަލައިނުގަންނަ ކަމަށް ހޫތީން ބުނެފި އެވެ.
"ރަވާބީ ބޯޓުގައު އުފުލަމުން ދިޔައީ ކުޑަކުދިންގެ ކުޅޭ އެއްޗިއްސެއް ނޫން. އޭގައި ހުރީ ހަރުކަށި ފިކުރުގެ މީހުންނަށް ހަތިޔާރު،" ހޫތީ އޮފިޝަލް ހުސެން އަލް އައްޒީ ވިދާޅުވި އެވެ.
އިރާނުގެ އެއްބާރުލުމާ އެކު ޔަމަނުގައި ހަނގުރާމަ ކުރާ ހޫތީން އެ ބޯޓު ހައިޖެކް ކުރީ ޖެނުއަރީ ތިން ވަނަ ދުވަހު ރަތް ކަނޑުގެ ބަނދަރު ހުދެއިދާ ކައިރިންނެވެ.
އޭގެ 11 ފަޅުވެރިން ވެސް ބަންދުކޮށްފައި ތިބިއިރު، ފަހުން ނެރުނު ވީޑިއޯއެއްގައި ހޫތީން ބުނީ ބޯޓުގައު ހުރީ އަސްކަރީ ސާމާނު ކަމަށެވެ.
ޔޫއޭއީ އިން ބުނީ ރަވާބީ "އާއްމުންގެ މުދާ އުފުލާ ބޯޓެއް" ކަމަށެވެ. އެއީ ސައުދީ އަރަބިއްޔާގެ ކުންފުންޏެއްގެ އަތުން ކުއްޔަށް ނެގި ބޯޓެއް ކަމަށާއި ހައިޖެކް ކުރި އިރު ދަތުރު ކުރީ ފީލްޑް ހޮސްޕިޓަލެއް އެޅުމުގެ މިޝަނަށް ފަހު ކަމަށް ވެސް ބުންޏެވެ.
ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނުން 2015 ވަނަ އަހަރު ޔަމަނު ހަނގުރާމައިގެ ތެރެއަށް ވަނީ ހޫތީން ވެރިރަށް ސަނާ ހިފުމުން، ގާނޫނީ ސަރުކާރުން ސައުދީގެ އެހީއަށް އެދުމުންނެވެ.
ހުކުރު ދުވަހު އދ. ގެ ސަލާމަތީ މަޖިލީހުގެ 15 ގައުމުން ނެރުނު ބަޔާނުގައި ވަނީ އެ ބޯޓާއި ފަޅުވެރިން ވަގުތުން ދޫކޮށްލަން ހޫތީންނަށް ގޮވާލާފަ އެވެ.
ނަމަވެސް ހޫތީންގެ އަލް މަސީރާ ޓީވީން އެ މީހުންގެ އޮފިޝަލް އައްޒީއާ ހަވާލަދީ ބުނީ އދ. އިން "ނަގަނީ ބައިނަލްއަގްވާމީ ގާނޫނާ ހިލާފުވާ ގާތިލުންގެ ފަޅި" ކަމަށެވެ.
ރަވާބީއަކީ ޔަމަންގެ ހަނގުރާމައިގައި ބައިވެރިވާ ސައުދީ ކޯލިޝަނުގައި ހިމެނޭ ގައުމެއްގެ އުޅަނދެއް ކަމަށާއި ހައިޖެކް ކުރި އިރު ދަތުރު ކުރީ ބައިނަލްއަގްވާމީ ގާނޫނާ ހިލާފަށް ކަމަށް ތުހުމަތު ކުރި އެވެ.
Comment