Advertisement

ޓޯކިޔޯ ޔުނިވާސިޓީ ބޭރުގައި ވަޅިން ހަމަލާ ދީފި

15 ޖަނަވަރީ 2022 - 21:56 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ހޮނިހިރު ދުވަހު ހެނދުނު ޓޯކިޔޯ ޔުނިވާސިޓީގެ އެންޓްރެންސް އިމްތިހާން ހަދަން ދިޔަ ދަރިވަރުން. -- ފޮޓޯ: ކިޔޯޑޯ


ޓޯކިޔޯ ޔުނިވާސިޓީ ބޭރުގައި ވަޅިން ހަމަލާ ދީފި

15 ޖަނަވަރީ 2022 - 21:56 0

ޓޯކިޔޯ، ޖަޕާން (ޖެނުއަރީ 15) - ޖަޕާނުގެ ޔުނިވާސިޓީތަކަށް ވަންނަ "އެންޓްރެންސް" އިމްތިހާން ހަދަން ހޮނިހިރު ދުވަހު ދަރިވަރުން ޖަމާވަނިކޮށް ޓޯކިޔޯ ޔުނިވާސިޓީގެ ބޭރުގައި ވަޅިން ހަމަލާ ދީފި އެވެ.

ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކު ވަނީ ހައްޔަރުކޮށްފަ އެވެ. ފަހަތުން ގޮސް އޭނާ ވަޅިން ހަމަލާ ދީ ޒަހަމްކޮށްލީ އުމުރުން 72 އަހަރުގެ ފިރިހެނަކާއި، އުމުރުން 18 އަހަރުގެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކަށެވެ.

ހައި ސްކޫލަށް ނިސްބަތްވާ އެ ދެ ކުދިންނަކީ ވެސް ޗިޕާ ޕްރިފެކްޗާ އިން އައި ދެ ކުދިންނެވެ. އެ ކުދިންނަށް ސީރިއަސް ޒަހަމެއް ނުލިބެ އެވެ. އެ ކުދިންނާއި ހަމަލާދިން ކުއްޖާއާ ގުޅުމެއް ނެތް ކަމަށް ފުލުހުން ބުންޏެވެ.

ހަމަލާ ދިން ކުއްޖާއަކީ ނަގޯޔާގައި ދިރިއުޅޭ އަދި އެ ތަނުގައި ޕްރައިވެޓް ހައި ސްކޫލަކަށް ދާ ކުއްޖެކެވެ. ހަމަލާ ދިނުމާ އެކު ވަގުތުން އޭނާ ހައްޔަރުކޮށް، ގަސްތުގައި މީހުން މަރަން އުޅުނު ކަމަށް ތުހުމަތު ކުރި އެވެ. އެ ކުއްޖާ ވަނީ އިއުތިރާފްވެފަ އެވެ.

"އަޅުގަނޑުގެ ކިޔެވުން ދަނީ ރަނގަޅަކަށް ނޫން. އެހެންވެ، އަޅުގަނޑު ބޭނުންވީ ބޮޑު ކަމެއް ހިންގުމަށް ފަހު އަމިއްލައަށް މަރުވާން،" އޭނާ ފުލުހުންނަށް ބުންޏެވެ.

ހަމަލާ ދިނުމަށް ގެންގުޅުނު ވަޅި ގެނައީ ގެއިން ކަމަށް އެ ކުއްޖާ ބުންޏެވެ. ޔުނިވާސިޓީގެ ބޭރުން ވަނީ ލޭ އުނގުޅިފައި އޮތް ވަޅިއެއް ފެނިފަ އެވެ.

ވަޅީގެ ހަމަލާ ދިނީ ޖަޕާނުގެ ޔުނިވާސިޓީތަކަށް ވަނުމުގެ ކުރިން ދަރިވަރުން ހަދަން ޖެހޭ ދެ ދުވަހުގެ އިމްތިހާން ފެށުމާ ދިމާކޮށްފަ އެވެ.

ޓޯކިޔޯ ޔުނިވާސިޓީއާ އެކު އިތުރު 600 މަރުކަޒެއްގައި އިމްތިހާން ބާއްވަ އެވެ. ހަމަލާ ދިން ނަމަވެސް، ޓޯކިޔޯ ޔުނިވާސިޓީގެ އިމްތިހާންތައް ފަސްކޮށްފައެއް ނުވެ އެވެ.

ވަޅިން ހަމަލާ ދިނުމުން އެކަން ފުލުހުންނަށް އެންގީ އަނިޔާވި 72 އަހަރުގެ މީހާ އެވެ. އެ ހަމަލާގެ ކުރިން ޔުނިވާސިޓީ ކައިރީގައި އަލިފާން ވެސް ރޯކުރި ކަމަށް ހައްޔަރު ކުރި ކުއްޖާ އެއްބަސްވި އެވެ.

ޓޯކިޔޯ ފަޔާ ޑިޕާޓްމަންޓުން ބުނީ ޓޮޑައިމޭ ރޭލު ސްޓޭޝަން ހުންނަ އިމާރާތުގައި އަލިފާން ރޯވެގެން ރިޕޯޓު ކުރި ކަމަށާއި، ގަޑިއެއްހާއިރުގެ ތެރޭގައި އަލިފާން ނިއްވާލި ކަމަށެވެ.

ނޭޝަނަލް ސެންޓާ ފޯ ޔުނިވާސިޓީ އެންޓްރަންސް އެގްޒެމިނޭޝަންސް އިން ހުރިހާ ޔުނިވާސިޓީތަކަށް މިހާރު އަންގާފައި ވަނީ ސެކިއުރިޓީ ވަރުގަދަ ކުރުމަށެވެ.

އެ އިމްތިހާނުގައި 530،367 ދަރިވަރުން ބައިވެރިވެ އެވެ. ޖަޕާނުގައި ޔުނިވާސިޓީއަށް ވަންނަ ދަރިވަރުން ދެ އިމްތިހާނެއް ހަދަން ޖެހެ އެވެ. ފުރަތަމަ އިމްތިހާނުގައި ހުރިހާ ޔުނިވާސިޓީއަކުން ދެނީ އެއް ސުވާލު ކަރުދާހެވެ. ދެ ވަނަ އިމްތިހާނުގައި ވަކިވަކި ޔުނިވާސިޓީތަކުން ތައްޔާރު ކުރާ ސުވާލު ކަރުދާހެއް ހަދަން ޖެހެ އެވެ.