Advertisement

އަލިފާން ފަރުބަދައެއް ގޮވައި ޓޮންގާއަށް ބޮޑު ސުނާމީއެއް އަރައިފި

15 ޖަނަވަރީ 2022 - 21:54 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޓޮންގާއަށް ސުނާމީ އަރަނީ. -- ފޮޓޯ: އޭބީސީ ނިއުސް


އަލިފާން ފަރުބަދައެއް ގޮވައި ޓޮންގާއަށް ބޮޑު ސުނާމީއެއް އަރައިފި

15 ޖަނަވަރީ 2022 - 21:54 0

ނުކުއަލޮފާ، ޓޮންގާ (ޖެނުއަރީ 15) - ޓޮންގާގައި ކަނޑު އަޑީގެ އަލިފާން ފަރުބަދައެއް ގޮވައި ސުނާމީއެއް އެރުމާ އެކު އާއްމު ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުވެއްޖެ އެވެ.

"ނުކުއަލޮފާއަށް 1.2 މީޓަރުގެ ސުނާމީއެއް އެރި،" އޮސްޓްރޭލިއާގެ ބިޔުރޯ އޮފް މިޓިއޮރޮލޮޖީ އިން ކުރި ޓްވީޓެއްގައި ބުންޏެވެ.

ހުކުރު ދުވަހު އަލިފާން ފަރުބަދަ ގޮވި ވަގުތާ ދިމާކޮށް ވެސް ސުނާމީ އެރި އެވެ. ނަމަވެސް އޭރު އެރި އެންމެ އުސް ރާޅުގައި ވެސް ހުރީ 30 ސެންޓިމީޓަރެވެ.

ހުކުރު ދުވަހުގެ ސުނާމީ އިންޒާރު އުވާލިތާ ގަޑިއިރުތަކެއް ފަހުން އަނެއްކާވެސް ހުންގާ ޓޮންގާ ހުންގާ ހާޕައި އަލިފާން ފަރުބަދަ ވަނީ ގޮވާފަ އެވެ.

ޓޮންގާގެ ރައްޔިތުން ބުނީ ހޮނިހިރު ދުވަހު އަލިފާން ފަރުބަދައަށް ގުޑުންތައް އައީ ރާޅު ރާޅަށް ކަމަށާއި ބޮޑު އެއް ގޮވުމަށް ފަހު މިނެޓުތަކެއް ތެރޭގައި ގޭތެރެއަށް ސުނާމީގެ ފެންގަނޑު ވަންނަން ފެށި ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޓޮންގާގެ ރަސްގެފާނު ޓުޕޮއު ހަ ވަނަ ނުކުއަލޮފާގައި ހުންނަ ގަނޑުވަރުން ރައްކާތެރި ތަނަކަށް ބަދަލުކުރީ ފުލުހުންގެ އެހީގަ އެވެ.

ޓޮންގާ ޕަބްލިކް ސާވިސް ކޮމިޝަނުން ހުކުރު ދުވަހު ބުނީ އައްސޭރިފަށާއި ބިންތިރި ހިސާބުތަކުގައި ނުތިބުމަށް އާއްމުންނަށް އިންޒާރު ދީފައިވާ ކަމަށެވެ.

ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ވަނީ އެމެރިކާގެ ސަމޯއާ ރަށްތަކަށް ސުނާމީގެ އިންޒާރު ނެރިފަ އެވެ. ނިއުޒީލެންޑާއި ފިޖީގައި ވެސް ސުނާމީގެ އިންޒާރު ނެރުނެވެ.

ހުންގާ ޓޮންގާ ހުންގާ ހާޕައި ފަރުބަދައަކީ ވެރިރަށް ނުކުއަލޮފާއާ 65 ކިލޯމީޓަރު އުތުރުން ފަޅު ރަށަކާ ދިމާލުން ކަނޑު އަޑީގައި އޮންނަ އަލިފާން ފަރުބަދައެކެވެ.