Advertisement

އަލީ ވަހީދުގެ ހައްޔަރު އަމުރުގެ ތަރުޖަމާއަކަށް ފުލުހުން ނޭދޭ ކަމަށް ކޯޓުން ބުނެފި

15 ޖަނަވަރީ 2022 - 11:32 1

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

އަލީ ވަހީދު: ފުލުހުން ބުނާ ގޮތުގައި އިންޓަޕޯލް ނެރިގެން އޭނާ ހައްޔަރު ނުކުރެވިގެން އުޅެނީ އިނގިރޭސި ބަހުން ކޯޓު އަމުރެއް ނުލިބެގެން -- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު


އަލީ ވަހީދުގެ ހައްޔަރު އަމުރުގެ ތަރުޖަމާއަކަށް ފުލުހުން ނޭދޭ ކަމަށް ކޯޓުން ބުނެފި

15 ޖަނަވަރީ 2022 - 11:32 1

ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ އިނގިރޭސިވިލާތުގައި ފިލައިގެން އުޅުއްވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކުރަން ނެރުނު އަމުރުގެ އިނގިރޭސި ތަރުޖަމާއެއް ދިނުމަށް ފުލުހުން މިހާތަނަށް އެދިފައިނުވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

ފުލުހުން ބުނެފައި ވަނީ އަލީ ވަހީދުގެ މައްޗަށް ޝަރީއަތް ހިންގުމަށް އޭނާ މާލެ ނުގެނެވިގެން އުޅެނީ ނޮވެމްބަރު 28، 2021 ގައި ނެރުނު ހައްޔަރު އަމުރުގެ އިނގިރޭސި ތަރުޖަމާއެއް ކޯޓުން ނުލިބިގެން ކަމަށެވެ.

"އަލީ ވަހީދު ހައްޔަރު ކުރަން ނެރުނު އަމުރު އިނގިރޭސި ބަހުން އެބަ ބޭނުންވޭ، އެ ނުލިބޭތީވެ އަޅުގަނޑުމެންނަށް މި އުޅެނީ ކުރިއަށް ނުދެވިގެން، އިންޓަޕޯލްއަށް ވެސް ހުށަނޭޅިގެން،" ޗީފް ސުޕްރިންޓެންޑް އޮފް ޕޮލިސް ޔޫނުސް ސަބާހު މީޑިޔާއަކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފައިވެ އެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން ބުނީ އަލީ ވަހީދުގެ ހައްޔަރު އަމުރު އިނގިރޭސިން ދިނުމަށް ފުލުހުން އެދިފައެއް ނުވެ އެވެ.

"އަލީ ވަހީދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް މި ކޯޓުން ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށް ނެރިފައިވާ އަމުރުގެ އިނގިރޭސި ތަރުޖަމާއެއް، ނުވަތަ އިނގިރޭސި އަމުރަކަށް އެދި، މިއަދާއި ހަމައަށްވެސް ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން މައްސަލަ ބައްލަވާ ގާޒީއަށް ހުށަހަޅާފައެއް ނުވޭ،" ކޯޓުގެ މީޑިއާ އޮފިސަރު އަމާން ނަޖީބު ވިދާޅުވި އެވެ.

ބޭސްފަރުވާއަށް ކަމަށް ބުނެ އިނގިރޭސި ވިލާތަށް ގޮސް ފިލައިގެން އުޅޭ އަލީ ވަހީދު ގެނައުމުގައި ހުރަސްތަކެއް ހުރިކަން މީގެ ކުރިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ފާހަގަކުރެއްވި އެވެ. އެގޮތުން އިންޓަޕޯލްގެ 194 މެންބަރު ގައުމުގެ ތެރޭގައި އިނގިރޭސި ވިލާތް ހިމެނުނު ނަމަވެސް، އެކި ގައުމުތަކުގެ ޖުރިސްޑިކްޝަންތަކުގައި އެ އިޖުރާއަތްތައް ހިނގާނީ އެކި ގޮތަށް ކަމަށް ސީޕީ މީގެ ކުރިން ވިދާޅުވި އެވެ.

"އިންޓަޕޯލު ރެޑް ނޯޓިސް ނެރުމަކުންނެއް އަދި އެ މީހަކު ހައްޔަރުކޮށްގެން، އަޅުގަނޑުމެންގެ ޖުރިސްޑިކްޝަން ތެރެއަކަށް ނުގެނެވޭނެ. ކޯޓުގެ ހުރުމަތް ކަނޑާލައި ދެ މަހުގެ ހުކުމާ ގުޅުވައި އޭނާ ގެންނަން އަޅުގަނޑުމެންނަށް އުނދަގޫވެދާނެ. އެކަމަކު ޖިންސީ ގޯނާގެ މައްސަލާގައި އެދިއްޖެ ނަމަ އެކަމަށް އިތުރަށް މަސައްކަތް ކުރެވޭނެ." މި ނޫހަށް ސީޕީ ދިން އިންޓަވިއުއެއްގައި ވިދާޅުވެފައި ވެއެވެ.

އަލީ ވަހީދުގެ މައްސަލަ ހިނގާދިޔަ ގޮތް

އަލީ ވަހީދު އިނގިރޭސިވިލާތަށް ވަޑައިގަތީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ކްރިމިނަލް ކޯޓުން ބާތިލްކޮށް ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ އެ ކޯޓުން ދިނުމުންނެވެ. އޭނާގެ ޕާސްޕޯޓް ދޫކުރީ ޖާމިނުވާ މީހެއްގެ ގޮތުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ އެއްބަސްވުމުންނެވެ.

އެ އެއްބަސްވުމުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. ނަމަވެސް، އަލީ ވަހީދު ރާއްޖެ ވަޑައިނުގެންނެވި އެވެ.

ކްރިމިނަލް ކޯޓުގެ އެ ނިންމުން ދައުލަތުން ހައިކޯޓާއި ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފުކުރި އެވެ. ނަމަވެސް، އަލީ ވަހީދު އުޅޭނޫޅޭ ތަނެއް ނޭނގި، ޗިޓް ނުފޮނުވިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓައިދޭން ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ވެސް ބޭރުކޮށްލީ އެވެ.

އެފަހުން ދެވަނަ ފަހަރަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އަލީގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުގައި އެދުމުން އެ އަމުރު ނެރެނުދިން މައްސަލާގައި ހައިކޯޓަށް ދިޔަ އެވެ. ނަމަވެސް، އަލީގެ ގައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، މައްސަލަ ބަލައިގެންފައިނުވެ އެވެ.

އަލީ ވަހީދު މައްޗަށް ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފައިވެ އެވެ.

މި ތުހުމަތުތައް އޭނާގެ މައްޗަށް ކުރުމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވުމުން ވެސް އިސްތިއުފާ ނުދެއްވުމުން ޖުލައި 9، 2020 ގައި އޭނާ މަގާމުން ވަކިކުރި އެވެ.