Advertisement

ދެ ކޮމަންޑޫ ގުޅާލާ މަޝްރޫއު ހުއްޓުވަން ބަޔަކު މަސައްކަތް ކުރޭ: ފައްޔާޒް

14 ޖަނަވަރީ 2022 - 20:32 2

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް: ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއާ ގުޅޭގޮތުން ފައްޔާޒް ވިދާޅުވީ ކުރިއަށް އޮތް ޖީލުތަކަށް ހިތްހަމަ ޖެހިލައިގެން އަމިއްލަ ވަޒަނުގައި އުޅެވޭނެ ގޮތް ވެގެން ދާނެ ކަމަށް--


ދެ ކޮމަންޑޫ ގުޅާލާ މަޝްރޫއު ހުއްޓުވަން ބަޔަކު މަސައްކަތް ކުރޭ: ފައްޔާޒް

14 ޖަނަވަރީ 2022 - 20:32 2

ދެ ކޮމަންޑޫ ގުޅާލުމަށް ސަރުކާރުން ހިންގާ މަޝްރޫއު ހުއްޓުވުމަށް ބަޔަކު މަސައްކަތްކުރާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމައިލް ތުހުމަތުކުރައްވައިފި އެވެ.

އެމްޓީސީސީއާ އެކު ސަރުކާރުން ހަވާލު ކޮށް ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުރާނެ އެއް މަސައްކަތަކީ 16.7 ހެކްޓަރުގެ ބިން ހިއްކުމެވެ. އެއާއެކު ދެކޮމަންޑޫ ގުޅައިލާ އަޅާ ފާލަމުގެ ދިގުމިނުގައި 200 މީޓަރުގެ (656.1 ފޫޓްގެ) ފާލަމުގެ ފުޅާ މިނުގައި ހުންނާނީ 9.6 މީޓަރު (31.4 ފޫޓު) އެވެ. އެ ފާލަން ގޮސް ގުޅޭނީ ދެކޮމަންޑޫގެ ވެސް ހިއްކި ބިމާ އެވެ.

ގުޅައިލާ ސަރަހައްދާއި ހިއްކާ ސަރަހައްދު ހިމާޔަތްކުރަން 1520 މީޓަރުގެ ބޮޑުހިލައިގެ ތޮށްޓަކާއި 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި ޖެހުން ވެސް އެ މަޝްރޫއުގައި ހިމެނެ އެވެ. މަތިކޮމަންޑޫގެ ގޮނޑުދޮށް ހިމާޔަތްކުރަން ޖަހާނީ 112 މީޓަރުގެ ޖިއޯ ބޭގް ތޮށްޓެކެވެ.

ދެ ކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް ފެށުމަށް ކޮމަންޑޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ އެ މަޝްރޫއަކީ ހަމައެކަނި ކޮމަންޑޫގެ ބޯހިޔާވަހަކަމަށް އެކަނި ކުރެވޭ ކަމެއް ނޫން ކަމަށެވެ.

އެކަމުގެ ސަބަބުން ށ އަތޮޅުގެ ހުރިހާ ރައްތަކެއްގެ ރައްޔިތުންނަށް އެތައް ގޮތަކުން ފައިދާވާނެކަމަށް ފައްޔާޒް ވިދާޅުވި އެވެ. ފައްޔާޒް ވިދާޅުވީ އެ މަސައްކަތް ހުއްޓުވުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ސިޔާސީ ބޭނުމަކަށްޓަކައި ބަޔަކު އެބަ މަސައްކަތް ކުރޭ އޭސީސީއަށް މައްސަލަ ލައިގެން މިކަން ހުއްޓުވުމަށް. މަތިކޮމަންޑޫގެ މަޝްރޫއު ހުއްޓުވުމަށް. އެއީ ސަރުކާރަށް ކަމެއް ނުވާކަން ދެއްކުމަށް. ވިސްނާ ބަޔަކަށް މި ވާ ގޮތް އެނގިވަޑައިގަންނަވާނެ. މިއީ ރައީސް ސޯލިހް ވެވަޑައިގެންވި ވައުދެއް،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ އެ މަޝްރޫއު ނިމިގެންދާއިރު 21 ހެކްޓަރުގެ ކޮމަންޑޫގައި އޮތްނަމަވެސް މަތި ކޮމަންޑޫއާ ގުޅުވާލުމުން 25 ހެކްޓަރު އިތުރުވެގެންދާނެ ކަމަށެވެ.

"ބިން 100 އިންސައްތަ އިތުރުވެގެން ދާނެ. ކުރިއަށް އޮތް ޖީލުތަކަށް ހިތްހަމަ ޖެހިލައިގެން އަމިއްލަ ވަޒަނުގައި އުޅެވޭނެ ގޮތް ވެގެން މިދަނީ. މިއީ ކޮމަންޑޫ ރައްޔިތުންގެ މުސްތަގްބަލް ބަދަލު ކޮށްލާނެ ދުވަހެއް،" ފައްޔާޒް ވިދާޅުވިއެވެ.

ނިމިދިޔަ ސަރުކާރުތަކަށް ފާޑު ވިދާޅުވެ ފައްޔާޒް ވިދާޅުވީ ކުރިން ރާއްޖޭގައި ކޮށްފައި ވަނީ ހުދުމުހުތާރު ވެރިކަން ނަމަވެސް މި ސަރުކާރުން ކުރަނީ ހެޔޮ ވެރިކަމެއް ކަމަށެވެ. އެގޮތުން ކުރީ ސަރުކާރުތަކުން ބޭނުން ވަގުތަކު ބޭނުން ގޮތަކަށް ގާނޫނުތައް ހަދައި ބަދަލުކޮށްފައިވާ ކަމަށާއި އޭރު ހުރިހާ މުއައްސަސާއެއް އޮތީ ސަރުކާރުން ބޭނުންވާ ކަމެއް ކުރާ މުއައްސަސާތަކެއްގެ ގޮތުގައި ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ މި ސަރުކާރު އައުމުގެ ކުރިން ރާއްޖެ އޮތީ 19 ވަނަ ގަރުނުގެ ތެރޭގައި ކަމަށެވެ. އަދި މި ސަރުކާރު އައިސް 21 ވަނަ ގަރުނައަށް ރާއްޖެ ގެނެސްފައިވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އެގޮތުން މި ސަރުކާރުގެ ތިން އަހަރު ދުވަހުގެ ތެރޭގައި ކޮވިޑާއެކު ވެސް ތަރައްގީގެ ބޮޑު ކުރިއެރުންތައް ހޯދާފައިވާކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ދެ ކޮމަންޑޫ ގުޅައިލުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސަައްކަތް އެމްޓީސީސީއާ ހަވާލުކުރީ 730 ދުވަހުގެ (2 އަހަރާއި 10 ދުވަހުގެ) ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ޕްރޮޖެކްޓުގެ އަގަކީ 249.9 މިލިއަން ރުފިޔާ އެވެ.