Advertisement

ގަތަރަކީ ވޯލްޑް ކަޕް ބާއްވާވަރުގެ ތަނެއް ނޫން: ކެންޓޮނާ

14 ޖަނަވަރީ 2022 - 13:57 1

ޔުނައިޓެޑްގެ ލެޖެންޑް އެރިކް ކެންޓޮނާ.-- ފޮޓޯ: އޭއެފްޕީ


ގަތަރަކީ ވޯލްޑް ކަޕް ބާއްވާވަރުގެ ތަނެއް ނޫން: ކެންޓޮނާ

14 ޖަނަވަރީ 2022 - 13:57 1

ޕެރިސް (ޖެނުއަރީ 14) - ގަތަރަކީ ފީފާ ވޯލްޑް ކަޕް ބާއްވާ ވަރުގެ ގައުމެއް ނޫން ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް އަދި ފްރާންސްގެ ކުރީގެ ތަރި އެރިކް ކެންޓޮނާ ބުނެފި އެވެ.

ސްޕޯޓްސްމެއިލް އަށް ކެންޓޮނާ، 55، ދިން އިންޓަވިއުގައި ބުނީ މި ފަހަރުގެ ވޯލްޑް ކަޕް ނުބަލާނެ ކަމަށާއި ގަތަރުގައި ވޯލްޑް ކަޕް ބާއްވާތީ އެ މުބާރާތަށް އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ. ކެންޓޮނާ ވަނީ ގަތަރުގައި ބާއްވަނީ "އަސްލު" ވޯލްޑް ކަޕެއްގެ ގޮތުގައި ސިފަނުވާ ކަމަށް ވެސް ބުނެފަ އެވެ.

"އަހަރެންގެ ވިސްނުން މި ހުރީ ފުޓްބޯޅަ ޑިވެލޮޕްވަމުން އަންނަ ދެކުނު އެފްރިކާ ނޫނީ އެމެރިކާ ކަހަލަ ގައުމުތަކުގައި ފުޓްބޯޅަ ބޭއްވިޔަނުދޭ ގޮތަކަށް ނޫން. އެކަހަަލަ ގައުމުތަކުގައި ފުޓްބޯޅަ ޕްރޮމޯޓްކުރަން މަސައްކަތް ކުރަން ޖެހޭ. އެކަމަކު، ގަތަރަކީ ފުޓްބޯޅައިގެ ގައުމެއް ނޫން. އެއީ ހަމައެކަނި ފައިސާގެ ގައުމެއް،" ޔުއެފާގެ ރައީސް ދޭ ފުޓްބޯޅައިގެ ހާއްސަ ހިދުމަތްތެރިޔާގެ އެވޯޑް 2019 ވަނަ އަހަރު ހޯދި ކެންޓޮނާ ބުންޏެވެ.

ޔޫރަޕްގެ ގައުމުތަކަށް ފީފާ ވޯލްޑް ކަޕްގެ ކޮލިފައިން މެޗުތައް ފެށިއިރު، ގަތަރު ވޯލްޑް ކަޕަށް އަމާޒުކޮށް އިންސާނުންގެ ހައްގުގައި ގައުމީ ޓީމުތަކުން ކެމްޕެއިންތަކެއް ފެށި އެވެ. އެއީ ގަތަރުން ވޯލްޑް ކަޕް ބާއްވަން ވެގެން ބިނާކުރާ އިންފްރާސްޓްރަކްޗާ ތަކުގެ މަސައްކަތް ކުރަނީ އިންސާނީ ހަންގުތައް ކަށަވަރުނުކޮށް ކަމަށް މީޑިއާތަކުން ރިޕޯޓްކުރަމުން އަންނާތީ އެވެ.

އިނގިރޭސި މަޝްހޫރު ނޫހެއް ކަމަށްވާ ދި ގާޑިއަން އިން ރިޕޯޓްކުރާގޮތުގައި 2010 ވަނަ އަހަރު ގަތަރުގެ ވޯލްޑް ކަޕް ސްޓޭޑިއަމްތައް ހަދަން ފެށި ފަހުން އެތަންތަނުގައި މަސައްކަތްކުރާ 7000 އަށް ވުރެ ގިނަ މީހުން ވަނީ އެކި ހާދިސާތަކުގައި މަރުވެފަ އެވެ.

ކެންޓޮނާ ވެސް ވަނީ ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ތާއީދު ނުކުރާ އެންމެ ބޮޑު އެއް ސަބަބަކީ ވޯލްޑް ކަޕެއް ބާއްވަން ވެގެން ގަތަރުން ކުރާ މަސައްކަތުގައި އެތައް ބައެއްގެ ފުރާނަ ގެއްލިގެންދާތީ އެއީ މަރުހަބާ ކިޔޭނެ ކަމެއް ނޫން ކަމަށް ބުނެ އެވެ.

ގަތަރުގައި މި އަހަރު ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކުރިއަށްދާނީ އާންމުކޮށް އެ މުބާރާތް ބާއްވާ ދުވަސްވަރެއް ނޫނެވެ. މި ފަހަރުގެ ވޯލްޑް ކަޕް އޮތީ ނޮބެމްބަރު 21 އިން ޑިސެމްބަރު މަހުގެ 18 އަށެވެ. މިއީ ޖޫން/ ޖުލައި ނޫން ހިސާބެއްގައި ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ. މި ބަދަލު ގެންނަން ޖެހުނީ މޫސުމަށް ބަލައިފަ އެވެ. ޖޫން މަހާއި ޖުލައި މަހު ގަތަރުގެ ފިނިހޫނުމިން އުޅޭނީ 50 ޑިގްރީ ސެލްސިއަސްގަ އެވެ. އަދި އަހަރު ފަހު ކޮޅަށް ބަދަލުކޮށްފިނަމަ އުޅޭނީ 15-30 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ.