14 ޖަނަވަރީ 2022 - 10:24 0
ކެމަރޫން ޓީމުގެ ކެޕްޓަން އަބޫބަކާރު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ
14 ޖަނަވަރީ 2022 - 10:24 0
ޔައުންޑޭ، ކެމަރޫން (ޖެނުއަރީ 14) - އެފްރިކަން ކަޕް އޮފް ނޭޝަންސް މި ފަހަރު ހޯސްޓްކުރާ ކެމަރޫނުން ކުޅުނު ދެ ވަނަ މެޗުން އިތިއޯޕިއާ 4-1 އިން ބަލިކޮށް، ގްރޫޕްގައި ބާކީ މެޗެއް އޮއްވައި ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
ކުޅުނު ދެ މެޗުން ވެސް މޮޅުވެފައިވާ ކެމަރޫން ގްރޫޕް އޭގެ އެއް ވަނައިގައި އޮތީ ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ އިއްޔެ ކޭޕް ވާޑް 1-0 އިން ބަލިކުރި ބުރްކީނާ ފާސޯ އެވެ. އެ ޓީމާއި ތިން ވަނައިގައި އޮތް ކޭޕް ވާޑަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް އިތިއޯޕިއާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ބާކީ މެޗެއް އޮއްވައި ކެމަރޫނަށް ދެ ވަނަ ބުރު ކަށަވަރުވީ ގްރޫޕް އޭގެ ގަދަ ދެ ޓީމުގެ ތެރޭގައި ނުހިމެނުނު ކަމުގައި ވިޔަސް އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަަނަ އަށް ދާ ޓީމުތަކުގެ ރޭންކިން އިން އެ ޓީމު ހޮވޭނެކަން ޔަގީންވުމުންނެވެ.
ކެމަރޫން ސިއްސުވާލުމަށް ފަހު ހަތަރު ވަނަ މިނިޓްގައި އިތިއޯޕިއާ އިން ލީޑުނެގީ ހޮޓޭސާ ޑާވާ ޖެހި ގޯލުންނެވެ. މާގިނައިރަކު އިތިއޯޕިއާ އަށް ލީޑު ހިފަހައްޓައިނުލެވުނެވެ. މެޗުގެ އަށް ވަނަ މިނިޓްގައި ކާލް ޓޯކޯ-އެކަމްބީ ބޮލުން ޖެހި ގޯލުން ކެމަރޫން އެއްވަރުކުރި އެވެ.
މެޗުން ކެމަރޫން މޮޅުވީ ދެ ވަނަ ހާފުގެ ގޯލުތަކާ އެކު އެވެ. ދެ ވަަނަ ހާފުގެ ކުޅުން ފެށިގެން ކެމަރޫންގެ ކެޕްޓަން، ވިންސެންޓް އަބޫބަކާރު ވަނީ 53 އާއި 55 ވަނަ މިނިޓްގައި ގޯލު ޖަހައި، އެ ޓީމަށް ހަމަޖެހުމެއް ގެނެސްދީފަ އެވެ. މި ގޯލުތަކާ އެކު އަބޫބަކާރުވެފައިވަނީ 2008 ވަނަ އަހަރުގެ އެފްރިކަން ކަޕަށް ފަހު މި މުބާރާތުގައި ފުރަތަމަ ދެ މެޗުގައި ގޯލު ޖެހި ފުރަތަމަ ކެމަރޫން ކުޅުންތެރިޔާ އަށެވެ. އެ ފަހަރު ދެ ގޯލު ޖެހީ ކެމަރޫންގެ ކުރީގެ ފޯވާޑް އަދި މިހާރު އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ސެމިއުލް އެޓޫ އެވެ.
ކެމަރޫންގެ ފަހު ގޯލު ޖެހީ މެޗުގައި އެ ޓީމަށް މޮޅު ކުޅުމެއް ދެއްކި އެކަމްބީ އެވެ. އިތުރު ގޯލު ޖަހަން ކެމަރޫނަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.
އެފްރިކަން ކަޕްގައި މިއަދު ގްރޫޕް ބީގެ ދެ މެޗާއި ގްރޫޕް ސީގެ ދެ މެޗު ކުޅޭނެ އެވެ. ގްރޫޕް ބީން ކުޅޭނީ ސެނެގޯލާއި ގިނީގެ މެޗާއި މަލާވީ އާއި ޒިމްބާބްވޭ ކުރިމަތިލާ މެޗެވެ. އަދި ގްރޫޕް ސީން އޮތީ މޮރޮކޯ އާއި ކޮމޮރޯސް ކުޅޭ މެޗުގެ އިތުރުން ގެބޮން އާއި ގާނާ ކުޅޭ މެޗެވެ.
Comment