Advertisement

އިޝްތާރު ޒިކްރާއެކު އާދަމުގެ ބައްރަށް!

14 ޖަނަވަރީ 2022 - 08:20 3

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން


އިޝްތާރު ޒިކްރާއެކު އާދަމުގެ ބައްރަށް!

14 ޖަނަވަރީ 2022 - 08:20 3

މަޢުޟޫޢު ފެނުމާއެކު މޫނު އަރިކޮށްލައި، ކޮލުގައި ޝަހާދަތް އިނގިލި ވިއްދާލާފައި، ދެ ބުމަ ގޮށްޖަހާ ފުންކޮށް ވިސްނާލަން މަޖުބޫރުކުރުވައިފި އެވެ. މަރިޔަމް އިޝާ ޢަޒީޒް (އިޝްތާރު ޒިކްރު) 2020 ވަނަ އަހަރު ޢާއްމުކުރައްވާފައިވާ، އޭނާގެ ފުރަތަމަ ދިވެހި ޅެން "އާދަމުގެ ބައްރު" ކިޔަމުންދިޔައިރު، ދުނިޔަވީ، ދުވަހީ އާދަކާދަތަކުގެ ތެރޭ އެއްގޯސްވަމުންދިޔަ އަޅުގަނޑުގެ ހަރަކާތްތައް ހުއްޓުވައި، ވަށައިގެންވާ މާހައުލާއި އަމިއްލަ ތަޖުރިބާއިން ފެންނަ އެތައް ކަމަކަށް، އަޅުގަނޑުގެ ސަމާލުކަން ސަމުގާކުރުވި އެވެ. ނަފުސާއި، ޖިސްމާއި ރޫޙުގެ މަޤްޞަދުތަކާއި ދުނިޔޭގެ ޙަޤީޤީ ޒިންމާތަކުގެ ހަނދާން އާކޮށްދެމުންދިޔަ އެވެ.

ޅެން އަމުނުއްވާފައިވަނީ ރޯޝަނީ ވަޒަނުގެ ސާދާ ތާލަށެވެ. އެހެންނަމަވެސް ފާޅުކުރައްވާފައިވާ ޚިޔާލުތަކަކީ ފުން ޚިޔާލުތަކެކެވެ. ފުން ބަސްކޮށާރެކެވެ. ޅެންވެރިޔާގެ ގިނަބައްސަ ނުފޫޒުތައް ބަސްކޮށާރުން ފެންނައިރު، ޅެމުގައި ފެންނަ އުރުދޫ އަދި ފާރިސީ ހަވާލާތަކުން، ބަސް "މަސްހުނި" ކުރުމުގެ އައިބުކަމެއް ނުފެނެ އެވެ. މި ޅެން، އަޅުގަނޑު ސިފަކުރާ ހިތްވަނީ، ފަސްދޮޅަހާއި ހަތްދިހައިގެ އަހަރުތަކުގެ ދިވެހި ޅެންވެރިކަމުގެ ބަސްކޮށާރާއި، އާދީ (ކޮންޓެމްޕޮރަރީ) ޚިޔާލާތާއި ފިކުރުގެ ބަދަހި ކައިވެންޏެއްގެ ގޮތުގަ އެވެ.

އާދީ ޚިޔާލާއި ފިކުރޭ ދެންނެވިކަމުގައިވިޔަސް، އިޝްތާރު މިޅެމުގައި އިޝާރާތްކުރައްވާ މަފްހޫމްތަކާއި އަޤީދާއަކީ އަޅުގަނޑުމެނަށް އާ ވާހަކަތަކެއް ނޫނެވެ. މި ޅެމުގައި މި ދައްކަނީ އިންސާނުން ނުވަތަ އާދަމުގެ ދަރީންނަށް ދުނިޔެމަތީ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކަށް އިހުމާލުވަމުންދާ ގޮތުގެ ވާހަކަ އެވެ.

އިންސާނުންނަކީ މި ބިމުގައި ލެއްވި "ޚަލީފާ" އިންކަމީ، އެންމެ ތުއްތު އިރުއްސުރެ ކޮންމެ މުސްލިމަކަށް ދަސްކޮށްދޭ އަސާސީ ކަންތައްތަކުގެ ތެރެއިން ކަމެކެވެ. އިންސާނުންނަށް ދެއްވާފައިވާ ބުއްދީގެ ނިޢުމަތްތަކާއި، ޖިސްމާއި، ނަފުސާއި ރޫޙު ޠާހިރުކުރާނޭ ގޮތްތަކާއި އަހަރެމެންނަށް ދަސްކޮށްދެނީ، އަސާސީ ތަޢުލީމުގެ ގޮތުގަ އެވެ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް އެ ނިޢުމަތްތަކަށް އަމާނާތްތެރި ވެވޭތޯ ސުވާލުކޮށްލަމާތޯ އެވެ. ޅެންވެރިޔާ ވިދާޅުވެ އެވެ.

"ޖިސްމުވިކި ބާޒާރުގައި ނީލަން ކިޔަން ފައްޓައިފިޔޭ

ނަފްސު ތޯލާއިން ކިރާ މުޅި ދުނިޔެއަށް ވިއްކައިފިޔޭ"

އިންސާނާގެ ހަށިގަނޑު ބާޒާރުގައި ނީލަން ކިޔައި، ބޮޑު އަގު ދޭ މީހަކަށް ވިއްކަމުންދާއިރު، ތިމާގެ ފުރާނަ، ދެ ކުޅަނދުން ދެ ކުޅަނދުން ކިރަމުން އަގުދިން ކޮންމެ މީހަކަށް ވިއްކަމުންދާ ވާހަކަ އެވެ. ޝަޚްޞީ ފެންވަރެއްގައި ވިސްނާލިކަމުގައިވިޔަސް، ޖަމަޢީ ފެންވަރެއްގައި ވިސްނާލިކަމުގައިވިޔަސް، މި ބައިތަކީ މިއަދުގެ ދިރިއުޅުމަށް ދިއްކޮށްލާ ލޯގަނޑެއް ފަދަ އެވެ. ސިޔާސީ ދެކޮޅުވެރިކަމާއި، ފައިސާގެ ދަހިވެތިކަމާއި، މަޤުބޫލުކަމުގެ އަވައިގައި ތިމާގެ ދެ ދުނިޔެ، ނުއަގުގައި ވިއްކާލަން ތިމާ ޖެހިލުން ނުވާ ވާހަކަ އެވެ. މި ބައިތުގައި "ނަފުސު" އެ ލަފުޒު ބޭނުންކުރައްވާފައިވުމުން، ދީނީ ނަޒަރަކުން އެ ލަފުޒަށް ބަލާލަން މަޖުބޫރުކުރުވަ އެވެ.

2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ޝައިޚް ޙަސަން މޫސާ ފިކްރީ ޝާއިޢުކުރައްވާފައިވާ މަޒުމޫނެއްގައި ލިޔުއްވާފައިވެ އެވެ.

"މީސްތަކުގެ ނަފްސުތަކާއި އެމީހުންނާ ދެމެދުގައި އޮތް ގުޅުމަށް ބަލާއިރު ދެބައެއް ވެއެވެ. އެއީ؛ އެމީހެއްގެ މައްޗަށް އޭނާގެ ނަފްސު ގަދަވެގަންފައިވާ މީހާއެވެ. އެފަދަ މީހަކުވަނީ އޭނާގެ ނަފްސުގެ އަވައިގައި ޖެހި، އެނަފްސަށް ކިޔަމަންގަންނަ މީހަކު ކަމުގައެވެ. އަދި ނަފްސުގެ އެދުންތަކުގެ ސަބަބުން އޭނާ ނެތި ހަލާކުވެގެން ދެއެވެ. އަނެއް ބަޔަކީ، އެބައެއްގެ ނަފްސުތަކުގެ މައްޗަށް ގަދަވެގަންފައިވާ މީހުންނެވެ. އެބައިމީހުންގެ ނަފްސުތައްވަނީ ކިޔަމަންތެރިކުރުވާފައެވެ. އެމީހުންގެ އަމުރުތަކަށް އެނަފްސު ކިޔަމަންގަނެއެވެ. އެ ނަފްސުގެ މައްޗަށް ގަދަވެގަންފައިވާ މީހާއަކީ ކާމިޔާބު ލިބިގެންވާ މީހެކެވެ. އަދި އެމީހެއްގެ މައްޗަށް އޭނާގެ ނަފްސު ގަދަވެގެންފައިވާ މީހާއަކީ ގެއްލެނިވެ ހަލާކުވެފައިވާ މީހެކެވެ."

އިޝްތާރު ޒިކްރު މި ސިފަކުރައްވަނީ ނަފުސުގެ އެދުންތަކުގެ ސަބަބުން ނެތި ހަލާކުވެގެންދާ މީހުންގެ ވާހަކަކަމަށް މި ސިފަކުރާ ސިފަކުރުމަށް ދެން ހުރި ބައިތުތަކުން އިތުރަށް ބާރުދެ އެވެ.

"ރޫޙު ޒީނަތްތެރި ވެގެންވީ އަލި ލިބާސް ބާލައިފިޔޭ

ރަޙުމަތާ ނިޢުމަތުގެ ބާޣުން ކުސްތަޅާ ނުކުމެއްޖެޔޭ

ޒަމްޒަމާ މާމުއިގެ ތިކިތައް އަރުތެރޭ ގެއްލިއްޖެޔޭ

ޙަމްދުކޮށް ހަލުވަންވި ދޫތައް ކުފުރުގައި ކުނިވެއްޖެޔޭ"

ދެވަނަ ބައިތުގައި އެ އިޝާރާތްކުރާ އަލި ލިބާހަކީތޯ އެވެ. އިންސާނާގެ ނަފްޞު ޠާހިރުކޮށްދޭ ސިފަތަކެވެ. އެ ލިބާސް ބޭލުމޭ ވިދާޅުވެ ބޭނުންކުރައްވާފައިވާ "މެޓަފޯ" ނުވަތަ މަޖާޒުގެ އެހީގައި އެ ވިދާޅުވަނީ އެ ހުރިހާ ސިފައެއް ދޫކޮށްލާ ވާހަކަ އެވެ. އަދި ރަޙުމަތްތަކާއި ނިޢުމަތްތަކުގެ ބަގީޗާއިން ކުސްތަޅާފައި ނިކުތް ވާހަކަ އެވެ. މި ބައިތުގައި "ރަޙުމަތާއި ނިޢުމަތްތަކުގެ ބަގީޗާ" އަކީ ސުވަރުގެ ކަމުގައި ބެލެވިދާނެ އެވެ. ނަފުޞު ޠާހިރު ކުރާ ހުރިހާ ފޭރާމެއް ބާލާ ހޫރާލުމުން، ސުވަރުގެއަށް އޮތް މަގު ބަންދުކޮށްލެވުނީތާ އެވެ. މި ބައިތުގެ ޢަޖުޒުގައި "ކުސްތަޅާ" މި ކަންއިތުރު ބޭނުންކުރައްވާފައިވުމުން ހެޔޮ ގޮތް ދޫކޮށްލާ އިންސާނާ އެ ގޮތް ދޫކޮށް، ނިޢުމަތްތައް ދޫކޮށްލާ ދަނީ، ކުޑަކުއްޖެއް ބޮޑާހާކާފައި ދާ ފަދައިން، ތަކުރާރުކޮށް އެ ނުބައި މަގު އިޚުތިޔާރުކުރަން އެދިގެންކަން ދޭހަވެ އެވެ.

ތިންވަނަ ބައިތުގައި އެ ވިދާޅުވަނީ ހާދަ މުހިއްމު ވާހަކައެކެވެ. ޒަމްޒަމާއި މާމުތުގެ ތިކިތައް އަރުތަރޭ ގެއްލިއްޖެޔޭ ވިދާޅުވުމުން، ޒަމްޒަމާ މާމުތުގެ ރަހަ މިހާރު ގެއްލިފައިވިޔަސް، އެއް އިރެއްގައި އެ އަރުތެރޭ އެ ރަހަތައް ލާފައިވާކަން ވެސް ދޭހަވެ އެވެ. ޒަމްޒަމް ފެނާއި މާމުތުގެ ފައިދާތަކާ މެދު ސުންނަތުން އައިސްފައިވާ ވާހަކަތައްވެސް، މި ބައިތާއެކު ހަނދާނަށް އާދެ އެވެ. މާމުތާއި ކީރިތި ޤުރުއާނުގެ ފަރުވާގެ ވާހަކައަކީ މުސްލިމުންނަށް އާ ވާހަކައެއް ނޫނެވެ. އެހެންކަމުން، ޒަމްޒަމާއި މާމުތުގެ ރަހަ އަރުތެރެއިން ގެއްލުނު ވާހަކައަށްފަހު، "ޙަމްދުކޮށް ހަލުވަންވި ދޫތައް ކުފުރުގައި ކުނިވެއްޖެޔޭ" ވިދާޅުވުމުން، އޭގެ ބުރަދަން އިތުރުވެގެންދެ އެވެ. ދޫތައް ކުނިވެފައިވާކަމަށް ސިފަކުރެއްވުމުން، އެ ދޫތަކުން ކުރެވޭ ފާފަތަކުގެ ބުރަދަން އިހުސާސްކުރެވެ އެވެ.

ހަތަރުވަނަ ބައިތުގައި ސިފަކުރައްވަނީ މި ނޭއްގާނީ ޢަމަލުތަކުން މިންޖުވި މީސްކޮޅަށް ޖެހިފައިވާ ޙާލުކަމުގައި ދެންނެވިދާނެ އެވެ. ކިޔާލަމާތޯ އެވެ.

"ފަސްދަމަށް ފޮޅި ޒާރުގައި ތިބި ގުލް އެކަށް ބިނދެލައިފިޔޭ

ފަސްބަޔާ ލާ މެހުނު ކަށިތައް ހާރުގައި އަމުނައިފިޔޭ

މޭގެ ކިޑިކީން ވަންނަހާ ބާދޭސަބާ ހުއްޓިއްޖެޔޭ

ގޭގެ މެދުގައި މަކުޑިލައްވާ ދޮރުފަތެއް ލައްވައިފިޔޭ"

ފަސްދަމަށް ފޮޅޭ ގުލް ނުވަތަ މާތައް އަޅުގަނޑަށް ސިފަކުރެވެނީ ރޭ އަޅުކަމަށް ފަސް ދަމުގައި ތެދުވާ މުއުމިނުންގެ ގޮތުގަ އެވެ. އެ މާތައް ބިނދެލައިފިއޭ އެ ވިދާޅުވާ ވިދާޅުވުމުން ސިފަކުރެވެނީ އެ ފަދަ މީހުންނާ ދެކޮޅަށް ހިންގޭ ޢަމަލުތަކާއި ބާއްވާ ތަޢައްޞަބުތަކުގެ ވާހަކަ އެވެ. އަދުގެ ދުނިޔޭގައި މުއުމިނުންނާއި ހެޔޮ ޢަމަލުކުރާ މީހުން "ކަޓު" ނުވަތަ "ހަރުކަށި" ވެފައިވާ މީހުންގެ ގޮތުގައި ސިފަކުރުމަށް އަވަސްވެގަންނަ ގަތުމުގެ ވާހަކަ އެވެ. އަދި އެމީހުންގެ ޢަބުރާ ޢިއްޒަތް ވެއްޔާ މޮޑުމަށްފަހު، "ފަސްބައިގައި ލާ މެހޭ" އެމީހުންގެ "ކަށިތައް" ހާރުތަކެއްގައި ކަރުގައި އަޅައި، އެ ފަދަ މީހުންނަށް ކުރިމަތިކުރާ ނާއިންސާފުން "މެޑަލް" ޖަހާ މަންޒަރެވެ.

ފަސް ވަނަ ބައިތުން އަޅުގަނޑަށް ސިފަ ވަނީ ހެޔޮ ބަދަލަށް ދޭ އުއްމީދަށްވެސް ފުރުޞަތު ދޭން އިންސާނުން ބޭނުންނުވާކަން ކަމުގަ އެވެ. ބާދޭސަބާ ނުވަތަ ފަތިހުގެ ފިނި ރޯޅި އަކީ އާ ދުވަހެއް ގެނުވާ އުއްމީދެއްކަމުގައި ބެލެވިދާނެ އެވެ. މި ބައިތުގައި އިންސާނާ ސިފަކުރައްވާފައިމިވަނީ ގެއެއް ފަދައިންނެވެ. އެ ގޭގެ ހުޅުވާފައިވާ ކުޑަދޮރުތަކުން އަންނަ އުއްމީދުގެ ރޯޅިތަކަށް ގޭގެ ވަކި ހިސާބަކަށް ވުރެ އެތެރެއަށް ދާނޭ ފުރުޞަތެއް ނުލިބެ އެވެ. އަދި ކިއެއްތަ، އެ ރޯޅިތައް ހުއްޓުވުމަށް، ގޭގެ މެދުގައި މަކުޑިލައްވައިގެން ދޮރެއް ޖަހާ، އުއްމީދަށް އޮތް ފުރުޞަތު އެއްކޮށް ބަންދުކޮށްލަ އެވެ.

ޅެމުގެ މިހާހިސާބުން ދެން އިޝްތާރު ޒިކްރު ހާމަކުރައްވަނީ އިންސާނާގެ ޙާލަތު މިހެން ހުރިނަމަވެސް، އިންސާނާ ޢިލްމާއި ފަންނިއްޔާތުގައި ކުރިއަރާފައިވާ މިންވަރެވެ.

"ސިއްރުތައް ވާ ކީމިޔާ އިންސީން ހިތުން ދަސްކޮށްފިޔޭ

ތިއްކަކުން ގިރިޓީފެނަށްލާ ބައު ދަގަނޑު ރަންކޮށްފިޔޭ

އައިބަކީ އާދަމުގެ ދަރިޔާ ދުނިޔެ އަނދިރިން ފުރިކަމޭ

ވައިކަފާ އުޑު ފޫއަޅާ ޝަމްސުގައިމެ ގޮސް އަތްލައިފިޔޭ"

މިއަދުގެ އިންސާނާއަށް ކެމިސްޓްރީ އާއި އެނޫންވެސް ސައިންސުތައް އެނގެ އެވެ. ފެނައްލާ ކުޑަ ތިއްކަކުން ބާ ދަގަނޑު ރަން ގިރިޓީ ކުރަންވެސް އިންސާނާ ދަނެ އެވެ. އަދި ވައި ކަފާފައި އުޑު ފޫއަޅުވާފައި ގޮސް އިރުގެ ސިއްރުތައް ދިރާސާކުރަމުންދާއިރުވެސް، ދުނިޔެއަށް އަލިކަމެއް ގެންނަށް އިންސާނާއަށް ނޭނގުނެވެ. ޅެންވެރިޔާ ސިފަކުރައްވަނީ އެ ހުރިހާ ޢިލްމެއް ލިބިތިބެމެ، އިންސާނާއަށް ކުރެވުނު ކަމަކީ ދުނިޔެ އަނދިރިކަމުން ފުރުންކަމުގައިވަނީނަމަ، އެއީ އިންސާނުންގެ އައިބެއްކަމުގަ އެވެ.

ޅެންވެރިޔާ މި މޭރުމުން އިންސާނާގެ އައިބު ދައްކަވަމުން ޅެން ނިންމަވާލެއްވިކަމުގައިވިޔަސް، އެއީ ބަހަނާއެއްކަމުގައި ހަދާނޭ ޖާގަ ނުދެއްވާކަން ސާފުވަނީ ޅެމުގައި ގެންގުޅުއްވާފައިވާ ޓޯނުންނެވެ. އާދަމުގެ ދަރީންނަށް މި ބައްރު ހަވާލުކުރެވުމުން، ދުނިޔެ އަނދިރިން ފުރާލީ ގަސްދުގައިކަން، ބައިތުތަކުގެ ނިމުންތަކުގެ ބަސްމަގުން އެނގެ އެވެ. "ފައްޓައިފި"، "ވިއްކައިފި"، "ބާލައިފި"، "ނުކުމެއްޖެ" ފަދަ ލަފުޒުތަކުން ދައްކަނީ އަމިއްލަ އިޙުތިޔާރެވެ. މަޖުބޫރީއެއް ނެތްކަމެވެ. ދުނިޔެ މި ދައްކާ ކުލަތަކާމެދު ޅެންވެރިޔާ މާޔޫސްވެފައިވާކަން ޅެމުގެ ކޮންމެ ލަފުޒަކުންވެސް ހާމަވެ އެވެ. ނަފުސުގެ ޠާހިރުކަމާއި، އެ ޠަހާރަތުގެ އެހީގައި ދުނިޔަވީ އުފާތަކަށް ވުރެ އުޚުރަވީ އުފާތައް އިސްކުރާނެ މަގު ސާފުވެގެންދާނޭކަން އިހުސާސްކުރެވެ އެވެ.

މި ޅެމުގައި ޅެންވެރިޔާ ސިފަކުރައްވަނީ އިންސާނާގެ އުޅުމެވެ. ކުރައްސަވަނީ މާ އުއްމީދީ ތަސްވީރެއް ނޫނެވެ. އެހެންނަމަވެސް ކޮންމެ ދެ ފޮޅުވަތެއްގެ ދޭތެރެއިން އެ އިލްތިމާސްކުރައްވަނީ ހިތް ނިޔަތް ޚާލިސްކުރުމަށެވެ. ބުއްދީގެ އެހީގައި މުޅި ކާއިނާތުގެ ޒިންމާތައް ކޮނޑުއަޅަން ތައްޔާރުވަމުންދާއިރު، އިންސާނާ ދުނިޔެއަށް ފޮނުއްވި މަޤްޞަދު ހަނދާން ނައްތާ ނުލުމަށެވެ. ހަނދާނަށް އަންނަނީ ހޯރަފުށީ އަލްމަރްޙޫމް އާދަމް ސަލީމު ހައްދަވާފައިވާ ލަވަ "ހުރީހެ ޣަފްލަތުގާ"ގެ ފުރަތަމަ ކަޑި އެވެ.

"ޙަޔާތު ކަނޑައެޅިފައިވާ ކަލަންޑަރުގެ ގަނޑުތައް

އޮޔާ ވަޔަށް އުކަމުން ހުސްވަމުން އެ ދާ އަޑުތައް

ޚިޔާލުކޮށް ނުމެލާ ޣަރަޤުވާ މި ފުން ކަނޑުތައް

ޤިޔާމަތަށް ކުޑަވެސް ޖެހިލުމެއް ނުވާ ގޮތުގައި... ހުރީހެ ޣަފުލަތުގައި"