Advertisement

އީގަލްސްއާ އެއްވަރުވެ ވެލެންސިއާ އަށް ވެސް ހަމަޖެހުމެއްނެތް

13 ޖަނަވަރީ 2022 - 23:26 0

ވެލެންސިއާގެ ދެ ހަނާން އާއި ސިޒާން ކައިރިން އީގަލްސްގެ ހަންނަ (ކ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


އީގަލްސްއާ އެއްވަރުވެ ވެލެންސިއާ އަށް ވެސް ހަމަޖެހުމެއްނެތް

13 ޖަނަވަރީ 2022 - 23:26 0

ޕްރެޒިޑެންޓްސް ކަޕްގައި މިރޭ ކުޅުނު މެޗުން ކްލަބް އީގަލްސްއާ 2-2 އިން އެއްވަރުވެ، މުބާރާތުގެ ފައިނަލަށް ދިއުމުގެ ރޭހުގައި ވެލެންސިއާ އަށް ވެސް ހަމަޖެހުމެއް ނުލިބި ފަރުޖައްސާލަން ޖެހިއްޖެ އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގެ ގަދަ ދެ ޓީމަކަށް މުބާރާތުގެ ފައިނަލުން ފުރުސަތު ލިބޭ ގޮތަށް އޮތްއިރު، އެ މަގާމަށް ވާދަކުރަނީ ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް އަދި މާޒިޔާ އެވެ. ތިން ޓީމަށް ވެސް ބާކީ އޮތީ އެންމެ މެޗެކެވެ. ވެލެންސިއާ މިރޭގެ ޕޮއިންޓާ އެކު އެއް ވަނައިގައި އޮތީ 16 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އާއި ތިން ވަނައިގައި އޮތް މާޒިޔާ އަށް 15 ޕޮއިންޓް ލިބިފައިވާއިރު، ގްރީން ސްޓްރީޓްސް އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

ލީގު ބުރުގައި ގްރީން ސްޓްރީޓްސް ބުދަ ދުވަހު ހަވީރު ކުޅޭނީ އީގަލްސްއާ އެެވެ. އެރޭ ކުޅޭ މެޗުގައި ވެލެންސިއާ ބައްދަލުކުރާނީ މާޒިޔާއާ އެވެ. ގްރީން ސްޓްރީޓްސް އިން އީގަލްސް ބަލިކޮށްފިނަމަ، މާޒިޔާ އާއި ވެލެންސިއާ ނުކުންނަން ޖެހޭނީ ގަދަ ހިފުމަކަށް ފައިނަލުގެ ޖާގަ އަކަށް ވާދަކުރާށެވެ. އެ ހާލަތުގައި އެއްވަރުވެއްޖެނަމަ ފައިނަލަށް ދާނީ ވެލެންސިއާ އެވެ.

ވެލެންސިއާ އިން މިރޭގެ މެޗަށް ނުކުތީ އާންމުކޮށް އެ ޓީމުން ބޭނުންކުރަމުން އައި ފުރަތަމަ އެގާރައިގައި ހިމެނޭ ދެ ކުޅުންތެރިން ނެތި އެވެ. އެއް ވަނަ ގޯލްކީޕަރު މުހައްމަދު ފައިސަލާއި މިޑްފީލްޑަރު ހަސަން ސުފިޔާން ބެންޗުގައި އިންއިރު، ވެލެންސިއާ ގޯލު ބެލެހެއްޓީ ހަސަން ތޮލާލް (ޓޮޕްލަކް) އެވެ. ވެލެންސިއާގެ ޑިފެންޑަރު ސްރީލަންކާގެ ޑަކްސަން ޕުސްލަކްސް ނެތްއިރު، އެ މަގާމަށް ހުސެއިން ފައިސަލް (ފައިޓޯ) ކުޅުނުއިރު، ވާތު ބެކަކަށް ހުރީ އަލީ ސަމްދޫހް މުހައްމަދު އެވެ.

މިރޭގެ މެޗު ފަށައިގެން އެއް މިނިޓް 20 ސިކުންތު ތެރޭގައި ވެލެންސިއާ އިން ލީޑުނެގީ ސްޕެއިނުގެ ފޯވާޑް ބޯހަސް މާޓިން ޖެހި ގޯލުންނެވެ. ވެެލެންސިއާގެ މިސްރު މިޑްފީލްޑަރު ހަލީލް ޖަމާލް ހުސްކޮށްލާފައި، ބޯހަސް އަށް ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު އޭނާ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ވެލެންސިއާގެ ލީޑުފުޅާކޮށްދޭން މެޗުގެ 13 ވަނަ މިނިޓްގައި އެ ޓީމުގެ އިސްމާއިލް ޒާން އާމިރަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ވެލެންސިއާގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ހުސްކޮށްލާފައި އޭރިއާތެރެއިން ޒާން އަށް ދިން ބޯޅަ އޭނާ ފޮނުވާލީ އީގަލްސްގެ ކީޕަރު ލެބަނަންގެ މުހައްމަދު ތޯހާއާ ދިމާލަށެެެވެ.

އީގަލްސް އިން ވަނީ އޭގެ ދެ މިނިޓް ފަހުން ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ 15 ވަނަ މިނިޓްގައި ހުމައިދު ހަސަން ހުސްކޮށްލާފައި އެ ޓީމުގެ އަހުމަދު ހަސަން (އައްމަޑޭ) އަށް ދިން ބޯޅަ އޭނާ ވަނީ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ. އޭގެ ފަހުން ވެސް އީގަލްސް އިން ރަނގަޅު އެޓޭކްތަކެއް ކޮށް، ވެލެންސިއާ އަށް ޕްރެޝަރު ކުރި އެވެ. ނަތީޖާ އަކަށްވީ މެޗުގެ 27 ވަނަ މިނިޓްގައި އަހުމަދު ރިޒުވާން (ރިޒޭ) ޕެނަލްޓީ އަކުން އީގަލްސް އަށް ލީޑުނަގައިދިނުމެވެ. މިއީ ހަންނަ އަށް ސަމްދޫހު ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެެެލެންސިއާ އަށް އެއްވަރުކޮށްދޭން އެ ޓީމުގެ ހަލީލް ޖެހި ޝޮޓެއް ކީޕަރު ތޯހާ ވަނީ މަތަކޮށްފަ އެވެ. ވެލެންސިއާ އިން ދެ ވަނަ ހާފަށް ކުޅެން އެރީ ޒާންގެ ބަދަލުގައި އިސްމާއިލް އީސާ (މެސީ) ކުޅެން އަރުވައިގެންނެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 11 މިނިޓް ތެރޭ ވެލެންސިއާ އަށް އެއްވަރުކޮށްދިނީ އީސަ އެވެ. ބޯހަސް ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު އީސަ ވަނީ ތިރިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ވެލެންސިއާ އިން ނަތީޖާ ހަމަހަމަކުރި ފަހުން އީގަލްސް އިން ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. މެޗުގެ 75 ވަނަ މިނިޓްގައި ހަންނަ ހުސްކޮށްލާފައި ދިން ބޯޅައެއް ހިފައިގެން އެ ޓީމުގެ އަބްދުﷲ ޒިޔާން (ޖަންކީ) އޭރިއާ ތެެރެއަށް ވަދެ ފޮނުވާލި ބޯޅަ ކީޕަރު ޓޮޕްލަކް ވަނީ މަތަކޮށްފަ އެވެ. އެ ބޯޅަ ކުޅުމުގެ ތެރެއަށް އައިސް ރިޒޭ އަށް ލިބުމުން އޭނާ އައްމަޑޭ އަށް ޖައްސާލުމާ އެކު އެއް ފަހަރުން ފޮނުވާލިއިރު، ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ފަހުން ވެސް ހަންނަ ޖެހި ޝޮޓެއް ކީޕަރު ޓޮޕްލަކް ހުއްޓުވި އެވެ.

މެޗުގެ 89 ވަނަ މިނިޓްގައި ވެލެންސިއާގެ ސެންޓޭ ޖެހި ހިލޭ ޖެހުމެއް ކީޕަރު ތޯހާ ވަނީ މަތަކޮށްފަ އެވެ. އޭގެ މިނިޓެއް ފަހުން ކީޕަރު ތޯހާ ކުރިއަށް އެރި ބޯޅައެއްގައި ވެލެންސިއާގެ ބޯހަސް އަށް ފައުލުކުރި ކަމަށް ބުނެ، ވެލެންސިއާ އިން ޕެނަލްޓީ އަކަށް އެޕީލްކުރި އެވެ. އެކަމަކު، ރެފްރީ މުހައްމަދު ޝިފާން ނިންމީ ޕެނަލްޓީއެއް ދޭން ނުޖެހޭ ކަމަށެވެ.

އިތުރު ވަގުުތުގައި ވެލެންސިއާގެ ހުސައިން ހަނާން (ޖޯ) އަށް ކުރި ފައުލަކަށް އީގަލްސްގެ ހުމައިދަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ. މި މެޗުން ލިބުނު ޕޮއިންޓާ އެކު އީގަލްސް އޮތީ ލީގު ބުރުގެ ހަތަރު ވަނައިގައި ހަ މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ.