Advertisement

ޔަމަނަށް އެހީވާން އދ. އަށް 3.9 ބިލިއަން ޑޮލަރު ބޭނުންވޭ

14 ޖަނަވަރީ 2022 - 06:26 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޔަމަނުގެ ރެފިއުޖީ ކޭމްޕެއްގައި ދިރިއުޅޭ ކުދިންތަކެއް. -- ފޮޓޯ: އޭއެފްޕީ


ޔަމަނަށް އެހީވާން އދ. އަށް 3.9 ބިލިއަން ޑޮލަރު ބޭނުންވޭ

14 ޖަނަވަރީ 2022 - 06:26 0

އދ.، އެމެރިކާ (ޖެނުއަރީ 13) - ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޔަމަނުގެ ރައްޔިތުންނަށް މި އަހަރު އެހީ ވާން އދ. އަށް 3.9 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް ބުނެފި އެވެ.

އދ. ގެ އިންސާނީ ކަންކަމާ ގުޅޭ އެކްޓިން އެސިސްޓަންޓް ސެކެޓްރީ ޖެނެރަލް ރަމޭޝް ރާޖަސިންގްހަމް އދ. ގެ ސަލާމަތީ މަޖިލީހުގައި ވިދާޅުވީ ދިމާވާ އެންމެ ބޮޑު ދައްޗަކީ ފަންޑު ނުލިބުން ކަމަށެވެ.

ޔަމަނުގެ ހަތް އަހަރުވީ ދިގު ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ 16 މިލިއަން މީހުންނަށް އެހީ ފޯރުކޮށްދޭން އދ. އިން މަސައްކަތް ކުރެ އެވެ.

"ޑޯނަރުންނަށް އަޅުގަނޑު ގޮވާލަނީ އެހީގެ އަދަދު ދަމަހައްޓައި، އިތުރު ކުރެވެން އޮތް ނަމަ އިތުރުކޮށްދިނުމަށް،: ރާޖަސިންގްހަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އދ. އަށް ލިބޭ ފަންޑު މަދުވާން ފަށާފައިވާ ކަމަށާއި އެގޮތުން މިދިޔަ އަހަރު ޔަމަނަށް ހާއްސަކޮށް ހެދި ޕްލޭނަށް ލިބުނީ 58 ޕަސެންޓު ފައިސާ ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހު އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމުން ވެސް ބުނެފައި ވަނީ ފަންޑު ނުލިބޭތީ އަށް މިލިއަން މީހުންނަށް ދޭ އެހީގެ ބަޖެޓު ކުޑަކުރަން ޖެހިފައިވާ ކަމަށެވެ.

"ފަންޑުތައް ނެތުމުން އިތުރު މުހިއްމު ޕްރޮގްރާމްތައް ކަމުގައިވާ ފެނާއި، ސިއްހީ ރައްކާތެރިކަމާ ގުޅޭ ހިދުމަތްތައް ވެސް މަދުކުރަން ވަނީ ޖެހިފައި،" ރާޖަސިންގްހަމް ވިދާޅުވި އެވެ.

ޔަމަނުގެ ދާހިލީ ހަނގުރާމަ ފެށީ 2014 ވަނަ އަހަރު ގާނޫނީ ސަރުކާރާ ދެކޮޅަށް ހޫތީން ތެދުވުމުންނެވެ. ހޫތީންނަށް އެހީވަނީ އިރާނުން ކަމަށް ތުހުމަތު ކުރެ އެވެ.

ހޫތީން ވެރިރަށް ސަނާ ހިފުމުން ސަރުކާރުގެ އެދުމަށް ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނުން ހަނގުރާމައިގެ ތެރެއަށް ވަނީ 2015 ވަނަ އަހަރު އެވެ.

އދ. އިން ލަފާކުރާ ގޮތުގައި 2021 ވަނަ އަހަރުގެ ނިޔަލަށް އެ ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު 377،000 އަށް ވަނީ އަރާފަ އެވެ.