Advertisement

ފަނޑިޔާރު ޓެގު ކުރައްވާ ސޯޝަލް މީޑިއާގައި ވަކީލު ނާޒިމް ވާހަކަ ދެއްކި ކަމަށް ބުނާ މައްސަލައެއް ބާ ކައުންސިލުން ބަލަނީ

13 ޖަނަވަރީ 2022 - 14:21 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ނާޒިމް ސައްތާރު ކޯޓުން ނިކުންނަވަނިކޮށް: މައްސަލައަށް ޖަވާބުދާރީވުމަށް އޮތީ ހަތް ދުވަސް ދީފަ -- ފޮޓޯ: ފައިލް


ފަނޑިޔާރު ޓެގު ކުރައްވާ ސޯޝަލް މީޑިއާގައި ވަކީލު ނާޒިމް ވާހަކަ ދެއްކި ކަމަށް ބުނާ މައްސަލައެއް ބާ ކައުންސިލުން ބަލަނީ

13 ޖަނަވަރީ 2022 - 14:21 0

ސޯޝަލް މީޑިއާގައި ފަނޑިޔާރުން ޓެގުކޮށް، މައްސަލައާ ގުޅޭ ވާހަކަ ދައްކަވަމުންދާތީ ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރުގެ މައްސަލައެއް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ބަލަން ފަށައިފި އެވެ.

ނާޒިމްގެ މައްސަލަ ބަލައިދިނުމަށް ހުށަހެޅީ މަހާލް ޓުއާސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިހާމް އެވެ. މައްސަލައިގައި ބުނެފައި ވަނީ ނާޒިމް ދައްކަވާފައި ވަނީ ރިހިވެލި ބީޗް ރިސޯޓާ ގުޅޭ ގޮތުން ހައި ކޯޓުގައި ހިނގަމުންދާ މައްސަލައެއްގެ ވާހަކަ ކަމަށެވެ. މަހާލް ޓުއާސްއަކީ އެ މައްސަލައިގައި ދައުވާ ކުރާ ފަރާތެވެ.

"ސޯޝަލް މީޑިއާގައި އެ މައްސަލައިގެ އަޑުއެހުންތައް ތާވަލުކުރެވޭ ގޮތާ ހަވާލާދީ ވާހަކަ ދެއްކުމާއި މައްސަލަ ބައްލަވާ ގާޒީ ޓެގު ކުރައްވާ ސޯޝަލް މީޑިއާގައި މައްސަލައާ ގުޅުންހުރި ވާހަކަތައް ދައްކަވަމުންދާތީ، މި ޢަމަލަކީ މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރަމުންދާ އަމަލުތަކެއް،" މަހާލް ޓުއާސްގެ ފަރާތުން ހުށަހެޅި މައްސަލަ ބާ ކައުންސިލުން ކިޔައިދެމުން ބުނެފައިވެ އެވެ.

މިދިޔަ އަހަރު ހުށަހެޅި އެ މައްސަލަ ބާ ކައުންސިލުން ބަލަން ނިންމާފައިވާތީ އެކަން ވަނީ މިއަދު ނާޒިމްއަށް އަންގައިފަ އެވެ. އަދި ގާނޫނީ ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ވެސް ދީ މައްސަލައަށް ޖަވާބުދާރީވުމަށް ހަފްތާއެއްގެ މުއްދަތު ބާ ކައުންސިލުން ނާޒިމަށް ވަނީ ދީފަ އެވެ.

އެކަމާ ގުޅިގެން މި ނޫހާ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އޭނާ ގާނޫނީ ވަކީލުންގެ ސުލޫކީ މިންގަނޑުން ހިލާފުވި ކަމަށް ބުނާ މާއްދާއެއް ސީދާ ބުނެފައިނުވާތީ ޖަވާބުދާރީވާން އުނދަގޫ ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލައިގައި ގާޒީއެއް ޓެގުކޮށް ޕޯސްޓެއް ކުރީ ކޯޓުގައި މައްސަލަ ރަޖިސްޓްރީވުމުގެ ކުރިން ކަމަށެވެ.

"ދަށު ކޯޓުން މި މައްސަލަ ނިންމީ 31 އޮގަސްޓު 2021 ގައި. ހައި ކޯޓުން މައްސަލަ ރަޖިސްޓްރީ ކުރީ 13 ސެޕްޓެމްބަރު 2021 ގައި. މި ދެމެދުގައި ކުރާ ޓްވީޓަކުން ނުފޫޒު ފޯރުވޭނެ މައްސަލައެއް އެއްވެސް ކޯޓަކު ނޯންނާނެ،" ނާޒިމް ވިދާޅުވި އެވެ.

ރިިހިވެލި ރިސޯޓު ހިންގަން ސޭވް ދަ ޑްރީމްއަށް ހަވާލުކުރި ސަބްލީޒް އެގްރީމަންޓް، އެ ރިސޯޓު ހިންގާ ރަށުގެ ހެޑްލީސް ހައްގުތައް އޮންނަ މާހަލް ޓުއާސް އިން ބާތިލުކުރި މައްސަލައިގައި، ސޭވް ދަ ޑްރީމް ފްރާންސަށް ދައުވާކުރުމުގެ ހައިސިއްޔަތު ލިބިގެން ނުވާ ކަމަށް ހައި ކޯޓުން ކަނޑައެޅީ މިދިޔަ އަހަރުގެ ނޮވެމްބަރު 30، ގަ އެވެ.