Advertisement

އިޒްރޭލުން ހައްޔަރު ކުރި މީހަކު މަރުވި މައްސަލަ ތަހުގީގު ކުރަން އެމެރިކާއިން ގޮވާލައިފި

13 ޖަނަވަރީ 2022 - 13:02 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ހުޅަނގު އައްސޭރީގައި އިޒްރޭލުގެ ސިފައިން. -- ފޮޓޯ: އޭއެފްޕީ


އިޒްރޭލުން ހައްޔަރު ކުރި މީހަކު މަރުވި މައްސަލަ ތަހުގީގު ކުރަން އެމެރިކާއިން ގޮވާލައިފި

13 ޖަނަވަރީ 2022 - 13:02 0

ރާމަﷲ، ފަލަސްތީން (ޖެނުއަރީ 13) - އިޒްރޭލުން ހުޅަނގު އައްސޭރިން ހައްޔަރު ކުރި އުމުރުން 80 އަހަރުގެ މީހަކު މަރުވެފައި އޮއްވާ ފެނުމުން ތަހުގީގެއް ހިންގަން އެމެރިކާއިން ގޮވާލައިފި އެވެ.

އިޒްރޭލުން ހައްޔަރު ކުރި މީހާއަކީ ފަލަސްތީނާއި އެމެރިކާގެ ރައްޔިތެކެވެ. ރާމަﷲގެ އުތުރުން އޮންނަ ޖިލްޖިލިޔާ އަވަށުގެ މޭޔަރު ވިދާޅުވީ އުމަރް އަބްދުލްމަޖީދް އަސަދްގެ ހަށިގަނޑު ފެނުނު އިރު އަތުގައި އޮތީ ބިޑި އަޅުވާފައި ކަމަށެވެ.

ނަމަވެސް އިޒްރޭލުން ބުނީ "ޓެރަރިސްޓް ހަރަކާތް ހުއްޓުވަން" އަވަށަކުން މީހަކު ހައްޔަރު ކުރި ނަމަވެސް، ހަމަ އެ ރޭ އޭނާ މިނިވަންކުރި ކަމަށެވެ.

އެމެރިކާ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވީ އަސަދަކީ އެމެރިކާގެ ޕާސްޕޯޓް އޮންނަ މީހެއް ކަމަށާއި އެމެރިކާ ސަރުކާރުން އޭނާގެ އާއިލާއާ މުއާމަލާތު ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން އިޒްރޭލުގެ ސަރުކާރުގައި އެދިފައި ވާނެ މިކަން ހިނގައިދިޔަ ގޮތުގެ ތަފްސީލް ފޯރުކޮށްދޭން،" ޕްރައިސް ނޫސްވެރިންނަށް ވިދާޅުވި އެވެ.

"މި ހާދިސާ ހިނގި ގޮތާ ގުޅޭ ފުރިހަމަ ތަހުގީގަކަށް އަޅުގަނޑުމެން ބާރު އަޅަން."

އަވަށުގެ މޭޔަރު ވިދާޅުވީ އަސަދް އާއި އޭނާގެ އާއިލާ ތިމާގެ ބަޔަކަށް ޒިޔާރަތް ކުރުމަށް ފަހު އެނބުރި އަވަށް އައި ވަގުތާ ދިމާކޮށް އިޒްރޭލުގެ 30-40 ސިފައިން އޮޕަރޭޝަން ހިންގި ކަމަށެވެ. އެއީ ފަތިސް ވާން ގާތްވެފައި ވަނިކޮށް ހިންގި އޮޕަރޭޝަނެކެވެ.

އަވަށުގެ މެދުތެރެއިން ދަތުރުކުރަމުން ދިޔަ ކާރުތައް ހުއްޓުވައި، ކާރުތަކުގައި ތިބި އެންމެން ބިޑި އަޅުވައިގެން ހައްޔަރު ކުރި ކަމަށް މޭޔަރު ވިދާޅުވި އެވެ.

އަސަދްގެ ހަށިގަނޑު ފެނުނީ ސިފައިން ދިޔަ ފަހުން އިމާރާތް ކުރަމުންދާ ގެޔެއްގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަސަދް މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ.

އިޒްރޭލް ސިފައިންގެ ތަރުޖަމާނު އެމްނޮން ޝެފްލާ ވިދާޅުވީ އެ ހާދިސާ ފުރިހަމައަށް ތަހުގީގު ކުރާނެ ކަމަށާއި "އިޒްރޭލާއި ފަލަސްތީނު ރައްޔިތުންގެ ފުރާނަ ވެސް މުހިއްމު" ކަމަށެވެ.

ފަހަކަށް އައިސް ހުޅަނގު އައްސޭރީގައި އަނެއްކާވެސް އޮތީ ނުތަނަވަސްކަން ބޮޑުވެފަ އެވެ. މިދިޔަ އަންގާރަ ދުވަހު ބިރްޒެއިތް ޔުނިވާސިޓީގެ ދަރިވަރުންނާއި އިޒްރޭލް ސިފައިންނާ ދެމެދު ކުރިމަތިލުންތައް ހިނގި އެވެ. އޭގެ އިތުރުން ފަލަސްތީނު މީހަކު ދުއްވި ކާރަކު އިޒްރޭލް ސިފައިންގެ މީހެއްގެ ގައިގައި ޖައްސައި ޒަހަމްކޮށްލި އެވެ.

އިޒްރޭލުން އުޅެނީ 1967 ވަނަ އަހަރަށް ފަހު ފަލަސްތީނުގެ ހުޅަނގު އައްސޭރި ހިފައިގެންނެވެ. އެ ތަނުގައި ޔަހޫދީން އާބާދު ކުރަމުން ދިޔަ ނަމަވެސް، އެއީ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން މަނާ ކަމެކެވެ. ހުޅަނގު އައްސޭރީގައި 2.9 މިލިއަން މީހުން ފަލަސްތީން މީހުން އުޅޭ އިރު، 475،000 ޔަހޫދީން ވަޒަންވެރިވެފައި ވެ އެވެ.