Advertisement

އާރަށް މައްސަލައިގައި ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތް ލައިވްކުރަން ހުށަހަޅައިފި

13 ޖަނަވަރީ 2022 - 11:33 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ކުރީގެ ރައީސް އަބްދުﷲ ޔާމީން: އެމަނިކުފާނުގެ އެދިވަޑައިގަތީ އާރަށު އަޑުއެހުންތައްވެސް ލައިވްކޮށްދިނުމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އާރަށް މައްސަލައިގައި ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތް ލައިވްކުރަން ހުށަހަޅައިފި

13 ޖަނަވަރީ 2022 - 11:33 0

ވ. އާރަށް ވިއްކާލައިގެން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯއްދަވައި، އެ ފައިސާ ލޯންޑާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާގެ ދައުވާގެ އަޑުއެހުންތައް ލައިވް ކޮށްދިނުމަށް މިއަދު އެމަނިކުފާނު ފަރާތުން އެދިވަޑައިގެންފި އެވެ.

ޔާމީންގެ އިތުރުން އެ މަނިކުފާނަށް ރިޝްވަތު ދިން ކަމަށް ތުހުމަތު ކުރާ ވ. ފެލިދޫ، ހަނދުވަރީގޭ، ޔޫސުފް ނައީމްގެ މައްޗަށް ވެސް އެ މައްސަލައިގައި ދައުވާ ކުރެ އެވެ. އޭނާގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްގެންދިޔަ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ޔާމީންގެ ވަކީލް އަދި އެމަނިކުފާނުގެ ކުރީގެ ނައިބު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާންކުރާ ފަދަ އިންސާފުވެރި، ދެ ފުށް ފެންނަ ޝަރީއަތެއް އެ މައްސަލައިގައި ހިންގޭނީ ޓީވީން ބްރޯޑްކާސްޓުކޮށްގެން ކަމަށެވެ.

"އަޑުއެހުންތައް ލައިވްކޮށް ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެންގެ ފަރާޓުން އެދެނީ. އަދި އެއީ ރައީސް ޔާމީންވެސް އެދޭ ގޮތް،" މީގެ ކުރިން ވެސް ޔާމީންގެ މައްސަލަ ޓީވީން ދެއްކިކަން ފާހަގަ ކުރައްވަމުން ޖަމީލް ވިދާޅުވި އެވެ.

ޔާމީންގެ ޝަރީއަތް ވަގުތުން ޓީވީން ދުރަށް ދެއްކުމަށް މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވެސް އިއުތިރާޒެއް ނުކުރި އެވެ.

ނަމަވެސް މައްސަލައިގެ ޝަރީއަތް ލައިވްކުރުމަށް ދައުވާ ލިބޭ ނައީމް ކޯޓުގައި އިންކާރު ކުރި އެވެ. އޭނާގެ ވަކީލް މުހައްމަދު ޝިފާޒް ވިދާޅުވީ ޔާމީންގެ ބައި ލައިވްކޮށް ކުރިއަށް ގެންދިއުމަށް އެދޭނަމަ ދައުވާ ލިބޭ ދެމީހުންގެ މައްސަލަ ވަކިން ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ.

އެކަމަކު ދައުވާ ލިބޭ ދެމީހުންގެ ބައި ވަކިވަކިން ކުރިއަށް ގެންދިއުމަށް ދައުލަތުގެ ވަކީލު އަހްމަދު ނައުފަލް ދެކޮޅުހެއްދެވި އެވެ.

ދެ ފަރާތުގެ ވާހަކަ އަޑުއެއްސެވުމަށްފަހު ގާޒީ ވިދާޅުވީ މި މައްސަލާގައި ކުރިއަށް އޮތް އަޑުއެހުމުގެ ކުރިން އެކަމުގައި ގޮތެއް ކަނޑައަޅުއްވާނެ ކަމަށެވެ. އަދި އެކަން ދެ ފަރާތަށް ވެސް އަންގަވައި އިއުލާނު ކުރައްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

މި މައްސަލައިގެ އަޑުއެހުންތައް ތާވަލްކޮށްފައިވާ ގޮތް

ޖެނުއަރީ 27 ވަނަ ދުވަހުގެ ހެނދުނު 9:30 - ދައުވާތައް އިވުމާއި، ޖަވާބުދާރީވުމަށް

ފެބްރުއަރީ 10 ވަނަ ދުވަހުގެ ހެނދުނު 9:30 - މައްސަލަ ކުރިއަށް ގެންދިއުމުގައި ގޮތެއް ކަނޑައެޅުމަށް

އެ މައްސަލާގައި ދައުލަތުން ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ބުނަނީ ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށް އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) އެމަނިކުފާނުގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ.

ގއ. ވޮޑަމުއްލާ މައްސަލައިގައި ޔާމީނަށް ކުރި ފަސް އަހަރުގެ ހުކުމް މިދިޔަ ނޮވެމްބަރު މަހު ސުޕްރީމް ކޯޓުން ބާތިލްކުރި ނަމަވެސް، އާރަށް މައްސަލައާއެކު ކްރިމިނަލް ކޯޓުގައި އެމަނިކުފާނުގެ މައްޗަށް ދައުވާކޮށްފައިވާ ދެ މައްސަލައެއް އެބަ އޮތެވެ. ދެން އޮތީ ފުއްގިރި މައްސަލަ އެވެ.

ފުއްގިރި މައްސަލައިގައި ދައުލަތުން ޔާމީންގެ މައްޗަށް ތުހުމަތުކުރަނީ، ފުއްގިރި، ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއަށް ކުއްޔަށް ދޫކުރުމުގައި އަހުމަދު "ކްރިކް" ރިޒާ މެދުވެރިކޮށް 2015 ވަނަ އަހަރު، 1.3 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި އެމަނިކުފާނު ނެންގެވި ކަމަށެވެ. އަދި އެ ފައިސާގެ ތެރެއިން 1.1 މިލިއަން ޑޮލަރު މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ދެ ކުންފުންޏެއް މެދުވެރިކޮށް ޔާމީންގެ ބޭންކް އެކައުންޓަކަށް ޖަމާކޮށް، ރިޝްވަތު ގަބޫލުކޮށްފައިވާ ކަމަށް ވެސް ދައުވާގައި ބުނެ އެވެ.

އެ ދައުވާގައި ދައުލަތުން އެދިފައިވަނީ ފުއްގިރި މައްސަލާގައި ހިޔާނާތްވެފައިވާ ކަމަށް ބުނާ 1،117،000 ޑޮލަރު ޔާމީންގެ އަތުން ހޯދުމަށެވެ. އެ މައްސަލާގައި ވެސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑާ ކުރުމާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ.