Advertisement

ތައިލޭންޑަށް ދާ މީހުންގެ އަތުން ނުވަ ޑޮލަރުގެ އެންޓްރީ ފީއެއް ނަގަނީ

13 ޖަނަވަރީ 2022 - 12:53 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ތައިލޭންޑަކީ ފަތުރުވެރިންގެ މެދުގައި މަގްބޫލް މަންޒިލެއް. -- ފޮޓޯ: އޭއެފްޕީ


ތައިލޭންޑަށް ދާ މީހުންގެ އަތުން ނުވަ ޑޮލަރުގެ އެންޓްރީ ފީއެއް ނަގަނީ

13 ޖަނަވަރީ 2022 - 12:53 0

ބެންކޮކް، ތައިލޭންޑް (ޖެނުއަރީ 13) - އަންނަ އޭޕްރިލް މަހުން ފެށިގެން ތައިލޭންޑަށް އެތެރެވާ ބޭރު ރައްޔިތުންގެ އަތުން އެންޓްރީ ފީގެ ގޮތުގައި ނުވަ ޑޮލަރު ނަގަން ނިންމައިފި އެވެ.

ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތަކާ ހެދި ތައިލޭންޑްގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު އަސަރެއް ކުރި އެވެ. އެގޮތުން 20 އަހަރުގެ ތެރޭގައި އިގްތިސާދީ ހަރަކާތް އެންމެ ގޯސްކޮށް ފެނުނީ 2021 ވަނަ އަހަރު އެވެ.

ސަރުކާރުގެ ތަރުޖަމާނު ތަނަކޯން ވަންގްބޫންކޮންގްޗަނަ ނެރުނު ބަޔާނެއްގައި ބުނީ އެންޓްރީ ފީގެ ގޮތުގައި ނަގާ ނުވަ ޑޮލަރު ނުވަތަ 300 ބާޓް ހިމެނޭނީ އެއާފެއާގެ ތެރޭގައި ކަމަށެވެ.

ބަލިމަޑުކަމުގެ ކުރިން ކޮންމެ އަހަރަކު ވެސް 40 މިލިއަން މީހުން ތައިލޭންޑަށް ޒިޔާރަތް ކުރި އެވެ. އެ ގައުމުން މިހާރު ވިސްނަނީ ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ދެވޭނެ ފަތުރުވެރިކަމުގެ ސްޓްރެޓެޖީއެއް ބިނާކުރުމަށެވެ.

"އެންޓްރީ ފީގެ ގޮތުގައި ލިބޭ އާމްދަނީ ބޭނުން ކުރާނީ ބޭރު ފަތުރުވެރިންގެ އިންޝުއަރެންސް ކަވަރޭޖާއި ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ރަނގަޅު ކުރަން،" ޓޫރިޒަމް އޮތޯރިޓީގެ ގަވަރުނަރު ޔުތަސަކް ސުޕަސޯން ވިދާޅުވި އެވެ.

އަންދާޒާ ކުރެވޭ ގޮތުގައި މި އަހަރު ފަތުރުވެރިކަމުން 39 ބިލިއަން ޑޮލަރާއި 54 ބިލިއަން ޑޮލަރާ ދެމެދުގެ އާމްދަނީއެއް ލިބޭނެ އެވެ. ބޭރު ގައުމުތަކުން އަންނަ ފަތުރުވިންގެ އަތުން 24 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކޮށްފައި ވެ އެވެ.

މި ފެށި 2022 ވަނަ އަހަރު މަދުވެގެން ފަސް މިލިއަން ބޭރު ފަތުރުވެރިން ތައިލޭންޑަށް އެތެރެވާނެ ކަމަށް ބެލެވެ އެވެ. މިއާ ހިލާފަށް، ބަލިމަޑުކަމުގެ ކުރިން 2019 ވަނަ އަހަރު 40 މިލިއަން ބޭރު ފަތުރުވެރިން ތައިލޭންޑަށް ޒިޔާރަތް ކުރި އެވެ.

ނަމަވެސް ޗައިނާ، އިންޑިއާ އަދި އަވައްޓެރި އެހެން ގައުމުތަކުގެ ހާލަތު ރަނގަޅުވެއްޖެ ނަމަ 15 މިލިއަން ފަތުރުވެރިން 2022 ވަނަ އަހަރު ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެވެ އެވެ.

ތައިލޭންޑަށް އެތެރެވުމުގައި ލުއިތަކެއް ދިނީ 2021 ވަނަ އަހަރުގެ ފަހުކޮޅު އެވެ. ނަމަވެސް އޮމިކްރޯން ވޭރިއެންޓް ފެތުރެން ފެށުމުން އަނެއްކާވެސް ވަނީ އުސޫލުތައް ހަރުކަށިކޮށްފަ އެވެ.

އެގޮތުން ކަރަންޓީން ކުރުމެއް ނެތި، ޕީސީއާރް ޓެސްޓެއް ހަދައިގެން އެތެރެވެވޭ އުސޫލު މިހާރު ވަނީ އުވާލާފަ އެވެ. އެކަމަކު ކޮވިޑާ ގުޅިގެން ފެށި "ސޭންޑްބޮކްސް" ސްކީމް ފުޅާކޮށް ފުކެޓްގެ އިތުރުން ދެކުނުގެ ތިން މަންޒިލެއް ވަނީ ސްކީމްގައި ހިމަނާފަ އެވެ.

އެ ސްކީމްގެ ދަށުން ވެކްސިން ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށް "ސޭންޑްބޮކްސް" ސަރަހައްދުގައި ހަތް ދުވަސް މަޑު ކުރުމަށް ފަހު، ކޮވިޑަށް ޓެސްޓުކޮށް ނެގެޓިވް ނަތީޖާއެއް ލިބިއްޖެ ނަމަ، ތައިލޭންޑްގެ އެތެރޭގައި ބޭނުން ތަނަކަށް ދަތުރު ކުރެވޭނެ އެވެ.

ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް އޮތް އިހްތިޔާރަކީ 10-14 ދުވަހު ކަރަންޓީނުގައި މަޑު ކުރުމެވެ.