Advertisement

އަލާގެ ގަލަމުން: ފުލޯކު ވާހަކަ އާއި މަލެއް ފަދަ ކޮއި (14)

13 ޖަނަވަރީ 2022 - 09:15 0

އަހުމަދު އަލާ ދީދީ

އަހުމަދު އަލާ ދީދީ


އަލާގެ ގަލަމުން: ފުލޯކު ވާހަކަ އާއި މަލެއް ފަދަ ކޮއި (14)

13 ޖަނަވަރީ 2022 - 09:15 0

ކޮއިމަލާ ވާހަކައިގެ ފަހުކޮޅު އަމާޒުކޮށްފައި ވަނީ ދިވެހިރާއްޖެ އިސްލާމުވި ހާދިސާގެ މައްޗަށެވެ. ފޯކުލޯރު ވާހަކައިގައި ކިޔާފައިވަނީ ކޮންމެ މަހެއްގެ ސާދަ ފަނަރައިގައި ކަނޑުން އަރާ އެއްޗެއް ރަށުގައި ތިބޭ ހުރިހާ އަންހެން ކުދީން ކާލަނީކަމުގަ އެވެ. ދެން އޭގެން ސަލާމަތްވުމަށް ގުރުއަތުން ހޮވޭ ކުއްޖަކު ބުދުކޯލުގައި ބަންނަނީކަމުގަ އެވެ. މިގޮތަށް ކަންތައް ކުރަމުން ދަނިކޮށް އެ ފުރޭތައިގެ ކިބައިން ދިވެހީން ސަލާމަތްކޮށްދިނީ ރާއްޖެ ދުރުވެ ހުންނެވި ތަބްރޭޒުގެފާނުކަމުގައިވެސް ބުނެފައިވެ އެވެ. ކޮއިމަލާ ރަސްގެފާނު އިސްލާމުވެވަޑައިގެންނެވީ އެކަލޭގެފާނަށް އެތައް އުޒުރެއް ދެއްކެވުމަށްފަހުގައިކަންވެސް ވާހަކައިން އެނގިގެންދެ އެވެ. ފޯކުލޯރުގެ ޠަބީޢަތަކީ ކޮބައިކަން އަބަދުވެސް ހަނދާނުގައި ބެހެއްޓެވުން މުހިންމެވެ.

މި ފޯކުލޯރު ލިޔެފައި އޮތް ދެ މަސްދަރަކުން އަޅުގަނޑަށް ފެންނަން އޮތީ ތާރީޚަށް އައު އަލިކަމެއް ފޮތުންނާއި ސަވިޔަރގެ ދި ފޯކްޓޭލްސް އޮފް މޯލްޑިވްސް ފޮތުންނެވެ. މީގެ ތެރެއިން ސަވިޔަރގެ ފޮތުގައި ފެންނަން އޮތް ވާހަކައިގައި ރާއްޖެ އިސްލާމު ކުރެއްވި ބައި ހިމެނިފައެއް ނުވެ އެވެ. މިހެންކަމުން ކޮއިމަލާ ފޯކުލޯރުގެ ތެރެއިން ރާއްޖެ އިސްލާމުވި ގޮތް ބުނެދީފައިވާ މަސްދަރަކަށް ހަމައެކަނި ފެންނާން އޮތީ ތާރީޚަށް އައު އަލިކަމެއްގައިވާ ޚުލާސާ ނަކަލެވެ. މީގެ އިތުރަށް އިބްނި ބަޠޫތާ ރާއްޖެ އިސްލާމުވި ގޮތާއި ގުޅޭ ގޮތުން ދެއްވާފައިވާ ބަޔާނުގައިވެސް ކަނޑުން އަރާ "ޖިންނި" އެއްގެ ވާހަކަ ލިޔުއްވާފައިވެ އެވެ. މި މަސްދަރުތަކުގެ އިތުރަށް ދެން އަޅުގަނޑުމެންގެ ތެރޭގައިވަނީ ދުލު ކުރީގައި ނަގުލުކުރަމުން ގެނެސްދީފައިވާ "ރަންނަމާރި ވާހަކަ" އެވެ.

ކަނޑުން އަރާ ފުރޭތަކަމަށް ބުނާ "ރަންނަމާރީގެ" ނަން ތާރީޚަށް އައު އަލިކަމެއްގައިވާ ކޮއިމަލާ ވާހަކައިގެ ޚުލާސާ ނަކަލަކުން ނުފެނެ އެވެ. އޭގައި ބުނެފައިވަނީ އެއީ ކަނޑުން އެރި "އެއްޗެއް" ކަމުގަ އެވެ. ބުރާރަ މުޙައްމަދުފުޅުގެ ކޮއިމަލާ ވާހަކަ ތާރީޚު ކޮމެޓީގެ ފަރާތުން ޚުލާސާ ކުރެއްވި އިރު އުނިކުރެއްވި ބައިތަކަކީ ކޮބައިކަމެއް ދަންނަވާކަށް ނޭނގެ އެވެ. އެއީ އެވާހަކައިގެ ފުރިހަމަ ސީޣާއެއް އަޅުގަނޑަށް އަދި މިހާތަނަށް ހޯދިފައި ނެތީމަ އެވެ. މިހެންކަމުން ބުރާރަ ވާހަކައިން ރަންނަމާރީގެ ނަން ފެންނަން ނެތީ ކީއްވެކަމާމެދު އެއްޗެއް ދަންނަވާން ދަތިވެ އެވެ. އެހެންނަމަވެސް އިބްނި ބަޠޫޠާގެ ލިޔުއްވުމުންނާއި އަދި ބުރާރަ ވާހަކައިންވެސް ޔަގީން ކުރެވޭކަމަކީ ރާއްޖެ އިސްލާމުވި ހާދިސާ ގުޅުވާފައިވަނީ ކަނޑުން އަރާ އުޅުނު ރޫޙާނީ އެއްޗަކާކަމެވެ. އެ އެއްޗެއްގެ ނަން ދުލުކުރީގައި ވާރުތަކުރަމުން އައިސްފައިވަނީ ރަންނަމާރީގެ ނަމުންނެވެ.

މި ވާހަކަތައް ބަޔާންކޮށްލުމުގެ މަގުސަދަކީ "ރަންނަމާރި އާއި ރާއްޖެ އިސްލާމުވުމާއި" ގުޅޭ ގޮތުން ތާރީޚީ ނަޒަރަކުން އަލިއަޅުވާލުމެއް ނޫނެވެ. ބޭނުމަކީ ކޮއިމަލާ ވާހަކައިގައި ބުނެދީފައިވާ ރާއްޖެ އިސްލާމުވި ހާދިސާއިންވެސް ފެންނަ މި ސަރަޙައްދުގެ އެވޭލާ މާޒީގެ މައްޗަށް އަލިއަޅުވާލުމެވެ. ތަކުރާރު ކުރެވިފައިވާނޭ ފަދައިން މުޅި ކޮއިމަލާ ވާހަކައިން ފެންނަނީ މި ސަރަޙައްދުގެ ގަދީމީ ފޯކުލޯރުތަކާ ގުޅުންހުރި ކަންކަމެވެ. މުޅި މި ސަރަޙައްދުގެ "މިތޮލޮޖީ" ގެ އަސާސްތައް ބިންގަލެއްކަމުގައި ހަދައިގެން އެވާހަކަ އުފަންކޮށްފައިވާތަނެވެ. ރާއްޖެ އިސްލާމުވުމާއި ކަނޑުން އެރި "ރަންނަމާރި" އާއި ގުޅެނީވެސް ހަމަ އެ އަސާސްތަކުންކަމުގައި އަޅުގަނޑު ދެކެމެވެ. ވީމާ ދެން އަނެއްކާވެސް އެނބުރިލާން ޖެހެނީ ރާމާޔަން އާއި ސީތާގެ ވާހަކައަށެވެ.

ރާމާޔަން އާއި ސީތާގެ ވާހަކައަކީ މި ސަރަޙައްދުގެ ވަރަށް މުސްކުޅި ފޯކުލޯރެއްކަން މިހާރު ވާނީ ސާފުވެވަޑައިގެންފަ އެވެ. އެވާހަކަ އާއި ކޮއިމަލާ ފޯކުލޯރާ ގުޅައިދޭ ކަންކަމުގެ މައްޗަށްވެސް މިހާރު ވާނީ އަލިއަޅުވާލެވިފަ އެވެ. މިގޮތުން ރަވަނާ އޭ ކިޔުނު ރަސްގެފާނު ސީތާ އާއި ހިތްޕުޅާ ހަމަކުރައްވާ، އެކަމަނާ ވަގަށް ނަގައިގެން ގެންދިޔަ ލަންކާ އޭ ކިޔުނު ޝަހަރަކީ ދިވެހިރާއްޖެކަމަށްވުން ގާތްކަމަށް ތާރީޚު ޢިލްމުވެރީން ބުނާކަމަށާއި އަދި ސީތާގެ ތިން ފިރިހެން ބޭފުޅުންގެ ތެރޭގައި "މަލެއްފަދަ ކޮއެއް" ވެސް ހުންނަވާކަމާއި އަދި މިނޫނަސް މިފަދަ އެތައް ކަމެއްގެ ވާހަކަ ތަފުސީލީ ގޮތެއްގައި ދެންނެވިފައިވާނެ އެވެ. އަނެއްކާވެސް އަޅުގަނޑުމެންގެ ވިސްނުމުގެ ދުރުމި އަޅުވާލަން ޖެހެނީ ރަވަނަ އާއި އޭނާގެ ލަންކާ އަށެވެ.

އެ ފޯކުލޯރު ބުނާގޮތުން ލަންކާ އަކީ ޖަމްބުދީޕާ (އިންޑިޔާ ބައްރު) ގެ ދެކުނުގެ ސަރަޙައްދުތަކާ ދިމާއިން ކަނޑުގައި އޮންނަ ޖަޒީރާއެއްގައި ބިނާކުރެވުނު ޝަހަރެކެވެ. އެ ޖަޒީރާއަށް މަލަޔަދީޕާ އޭ ކިޔަ އެވެ. މާނައަކީ ފަރުބަދައިގެ ރަށްތަކެވެ. އެ ޖަޒީރާގައި ވަޒަންވެރިވެ އުޅެނީ ދެވިންނެވެ. އެބައިމީހުންގެ ނަސްލަށް ރަކްޝަސާސް އޭ ކިޔަ އެވެ. މިހެންކަމުން މަލަޔަދީޕާ އަށް ކިޔޭ އެހެންނަމެއްގެ ރަކްޝަސަ ދީޕާ އޭވެސް ކިޔަ އެވެ. މާނައަކީ ރަކްޝަސާއިންގެ ރަށްތަކެވެ. މިބައިމީހުންގެ ރަސްގެފާނަކީ ރަވަނާއެވެ. އޭނާ ހުންނަވަނީ ލަންކަންޕޫރީއޭ ކިޔުނު ޝަހަރުގަ އެވެ. އެއީ މަލަޔަދީޕާގެ ވެރިރަށެވެ. ލަންކަންޕޫރީ އަކީ ވަރަށް ރަނގަޅަށް އިމާރާތް ކުރެވިފައި ހުރި ރީތި ޝަހަރެކެވެ. ރަނުގެ ގަނޑުވަރުތަކާ ރީތި ބަގީޗާތަކުން ފުރިފައިވާ ޝަހަރެއްވެސްމެ އެވެ.

ބުނެވޭ ގޮތުގައި ރަކްޝަސާއިންނޭ ކިޔުނު ދެވިތަކުގެ ނަސްލު ފެށިގެން އައިސްފައިވަނީ "ޕްރަހެތި" އާއި "ހެތި" އޭ ކިޔުނު ދެ ދެއްވެއްގެ ފުށުންނެވެ. އަދި އެ ނަސްލު ދެމިގެން އައިސްފައިވަނީ ހެތީގެ ފުށުންނެވެ. ހެތި ކައިވެނި ކުރީ ބާހޔައާ އެވެ. އެބަނޑުން ވިދްޔުކޭސަ އޭ ކިޔުނު ދަރިޔަކު ލިބުނެވެ. މީނާ ކައިވެނި ކުރީ ސާލަކަތަންކާ އާ އެވެ. އެބަނޑުން އޭނާއަށް ސުކޭސާ އޭ ކިޔުނު ދަރިޔަކު ލިބުނެވެ. މީނާ ކައިވެނިކުރީ ދެވަވަތީއާ އެވެ. އެބަނޑުން މީނާއަށް ތިން ފިރިހެން ދަރީން ލިބުނުކަމުގައި ބުނެވެ އެވެ. އެއީ "މާލި" އާއި ސްމާލި އާއި އަދި މާލްޔަވާނެވެ. ލަންކަންޕޫރީ ބިނާކުރެވުނީ މިތިން ބެއިންނަށްކަމަށްވެ އެވެ.

މަޝްހޫރު ރާމާޔަން ފޯކުލޯރުގައި ބުނެފައިވާ ލަންކާ އަކީ ސިލޯނުކަމުގައި އެމީހުން ދަޢުވާ އުފުލާފައިވެ އެވެ. އަދި މީލާދުން 1970 ގެ އަހަރުތަކުގެ ތެރޭގައި އެގައުމުގެ ނަން ސްރީ ލަންކާ އަށް ބަދަލުކުރީވެސް ތާރީޚީ ގޮތުން އެ ދަޢުވާގެ މައްޗަށް ބާރުދިނުމަށެވެ. އެ ފޯކުލޯރުން ސިލޯނު އެކީއެކަށް ބޭރުކުރާކަށް އަޅުގަނޑު ނެތީމެވެ. އެހެންނަމަވެސް އެ ވާހަކައިގައި ކިޔަމުން އައިސްފައިވާ ދެވިތަކުގެ ޖަޒީރާއަކީ ހަމައެކަނި ސިލޯނުކަމުގައިވެސް އަޅުގަނޑު އެއްބަހެއް ނުވާނަމެވެ. އެހެނީ ރަކްޝަސާއިންގެ ޖަޒީރާކަމަށް ބުނާ "މަލަޔަދީޕާ" އޮތް ސަރަޙައްދުގައި އޮތް އަނެއް ގައުމަކީ އަޅުގަނޑުމެންގެ "މަހަލަދީޕާ" ކަމަށްވާތީ އެވެ. ހަމައެހެންމެ ލައްކާ އަކީ މި ދިވެހިރާއްޖެއަށް އިހުގައި ކިޔާ އުޅުނު ނަމެއްކަން ބޮޑުގަލު ލޯމާފާނުފަދަ ތާރީޚީ ލިޔުންތަކުންވެސް ސާބިތުވާތީ އެވެ.

ބޮޑުހިއްޗާއި ކުޑަހިއްޗަކީ މިރާއްޖޭގެ ދެރަށެވެ. އެދެރަށުގެ ނަން ގުޅިފައިވަނީ ޕްރަހެތި (ބޮޑުހެތި) އާއި ހެތި އާ ނޫންބާ އެވެ؟ ލަންކަންފުއްޓަކީވެސް މިރާއްޖޭގެ ރަށެކެވެ. ފޯކުލޯރު ބުނާގޮތުންނަމަ ރަވަނާ ވެރިކަން ކުރި މަލަޔަދީޕާގެ ވެރިރަށަކީ ލަންކަންޕޫރީ އެވެ. ލަންކަންފުއްޓާއި ލަންކަންޕޫރީ އާއި ގުޅުމެން ނެތްބާވަ އެވެ؟ ރާމާޔަނުގެ އަންހެނުން ސީތާ ދުށް އަޖާއިބުކުރުވަނިވި ފުއްލާއަކީ އޭގެ ގައިގާ ރަންތިކިތަކެއް ޖަހާފައި ހުރި ފުއްލާއެކެވެ. ދިވެހި ބަހުގައި ކިޔާ ރަންމަންފުއްލާވެސް ގުޅުވާފައި އެވަނީ އެ ހާދިސާ އާއިކަން އެނގެ އެވެ. ހަމަމިފަދައިން އެ ވާހަކަ ބުނާ ގޮތުން ސީތާ ހޯދުމަށްޓަކައި ލަންކާއަށް ރާމާ ފޮނުވީ މަކުނެކެވެ. އެ ވާހަކަ ބުނާގޮތުންނަމަ އެއީ ހަނޫމާނޭ ކިޔުނު މަކުނެކެވެ. ދިވެހި ބަހުގައި "މަންކީ" އަށް ރާމާމަކުނޭ ކިޔާފައި އެވަނީވެސް އެ ހާދިސާ ގުޅުވައިގެންކަން ޔަގީން ކުރެވެ އެވެ.

މަކުނުދޫއަކީ މިރާއްޖޭގެ ބައެއް ރަށްރަށަށް ކިޔާ ނަމެކެވެ. އެ ގުޅިފައިވަނީ ހަނޫމާނޭ ކިޔުނު މަކުނާ ނޫންބާވަ އެވެ؟ ލަންކާއޭ ކިޔުނު ޝަހަރު ބިނާކުރެވުނީ ރަކްޝަސާއިންގެ ތިންބެއިންނަށްކަމަށް ބުނެ އެވެ. އޭގެ ތެރެއިން އެއް ކުއްޖެއްގެ ނަމަކީ މާލި އެވެ. މާލި އާއި މާލެ އާއި ގުޅުމެއްވެސް ނުވޭބާ އެވެ؟ ރަކްޝަސާއިންނަކީ ދެވިންތަކެވެ. އެއީ ދޭވަސު އެވެ. ދިވެހީންގެ ނަމާއި ދޭވަ އާއި ގުޅުމެއް ނުވެދާނެބާވައޭވެސް ހިތައް އަރަ އެވެ. އެއީ ދިވެހި (ދިވަސު) މި ނަމުގެ އަސްލަށް ރުޖޫޢަ ވާއިރު "ދޭވަސު" (ދޭވަ) އާއި ތިމާގެކަމެއް ފެންނަކަމަށް ބެލެވޭތީ އެވެ.

އާދޭހެވެ! ރާމާޔަން އާއި ސީތާގެ ވާހަކައިގައި ބުނާ މަލަޔަދީޕާ އާއި ލަންކާއަކީ މިރާއްޖެކަމުގައި ބައެއް ތާރީޚު ޢިލްމުވެރީންވެސް އަންނަނީ ބުނަމުންނެވެ. ސިލޯނާ އަދި މިރާއްޖޭގެ ތާރީޚުގެ މައްޗަށް ލިޔުއްވި މަޝްހޫރު ބެލްސާހަބުވެސް ވިދާޅުވެފައިވަނީ މިފަދައިންނެވެ.


“ The Malaya Dvipa, or Maldives is the site of the Rakshasa Dvipa of Ravana with its Capital Lankan Puri. ( Excerpta Maldiviana P555 by Harry Charles Purves Bell)

ތަރުޖަމާ: މަލަޔަދީޕާ ނުވަތަ މޯލްޑިވްސް އަކީ ރަވަނާގެ ރަކްޝަސަދީޕާ އޮތް ތަނެވެ. އެތަނުގެ ވެރިރަށަކީ ލަންކަންޕޫރީ އެވެ.

މަޢުޟޫއަކީ ރާމާޔަން އާއި ސީތާގެ ވާހަކައެއް ނޫންކަން ހަނދާނެއް ނުނެތެވެ. ދަންނަވާން ބޭނުންވި ނުކުތާއަކީ ކޮއިމަލާކަލޯގެ ވާހަކަ ނިއުޅާލާއިރު އޭގެން ފެންނަ މި ސަރަޙައްދުގެ ގަދީމީ ފޯކުލޯރުތަކާ ގުޅުން ހުރި ކަންކަމެވެ. ކޮއިމަލާ ވާހަކައިގައި ރާއްޖެ އިސްލާމުވީ ހާދިސާ ގެނެސްދީފައިވަނީ ކަނޑުން އެރި އެއްޗަކާ ގުޅުވައިގެންނެވެ. އަދި ރާއްޖެ އިސްލާމުވި ގޮތާއި ގުޅޭ ގޮތުން ދޫދޫމަތީން ކިޔާއުޅޭ ވާހަކައިގައިވެސް އެ ހާދިސާ ގުޅުވާފައިވަނީ ރަންނަމާރިއާ އެވެ. އެއީވެސް ކަނޑުން އަރާ ޖިންނި ފުރޭތައިގެ ދެއްވެއްނޫންތޯ އެވެ. ވީމާ އިސްވެ ދެންނެވުނު ވާހަކަތަކުގެ ބޭނުމަކީ މި ސަރަޙައްދުގެ އެވޭލާ ތާރީޚުގެ ތެރޭގައިވެސް ދިވެހިރާއްޖެ ގުޅުވާފައިވަނީ ދެވިތަކުގެ ތަނެއްގެ ގޮތުގައިކަން ބަޔާންކޮށްލުމެވެ. ޖިންނި ފުރޭތައިގެ ރަސްކަމެއްކަމެވެ. ރަކްޝަސާއިންގެ ވެރިކަން އޮތް ގައުމުކަމެވެ.

ކޮއިމަލާކަލޯ ވާހަކައިގައި ތަބްރޭޒުގެފާނު އަރިހުގައި ފުރޭތަ ދެންނެވި ބަސް އަލުން ހަނދާންކޮށްލައްވާށެވެ. އެވާހަކައިގައި ބުނެފައިވަނީ:

"އެސޮރު ޖިންނިއަށް ބިރުން ފުޅީގެ ތެރެއަށް ވަދެފައި އެކަލޭގެފާނަށް ދެންނެވި އެވެ. "މިއީ އަޅުގަނޑުގެ މަތިމަތިފުށުން އައި ރަސްކަމެކެވެ. އެހެންވެ އަޅުގަނޑުވެސް މިރަސްކަމުގެ ދާނަށް މަހަކު އެއްރޭ އަންނަނީ އެވެ. އެހެނަސް މިއަދު އަޅުގަނޑުގެ އަތުން ކަލޭގެފާނު ރަސްކަން އަތުލައްވައިފީމު އެވެ. ވީމާ ކަލޭގެފާނު މިރަސްކަމުގައި ނެތި އެންމެ ދުވަހެއްވީނަމަވެސް އަޅުގަނޑަށް އަންގަވަން ވާނެ އެވެ. އެދުވަހަކުން މިރަސްކަމަށް އެނބުރި އަންނާނަމެވެ."

އެކަލޭގެފާނު ދެއަތްޕުޅުން ފިނދުކިބަފުޅުގައި ލަވައެއް ޖައްސާލައްވާފައި ބުނުއްވި އެވެ. ތިންރޭ ވަންދެން އިއަޑު އިވުނުނަމަ ކަލޯއެރިޔަސް އެންމެ ރަނގަޅެވެ. މިހެން އަންގަވާފައި އެ ސޮރުލާފައިވާ ފުޅި ރަނގަޅަށް ބަންދު ކުރެއްވުމަށްފަހު ފެއްތެވީ ކުމެރީގެ ކައިރިއަށެވެ. ކުމެރީދޮށް އެހާ ގަދަ ކުރެއްވީ އެސޮރު އެތަނަށް ފެއްތެވުމަށްފަހުގަ އެވެ." (ދިވެހި ތާރީޚަށް އައު އަލިކަމެއް/ ޞ 117 އިން 124 ގެ ނިޔަލަށް / ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު/ ދެވަނަ ޗާޕު 1990)

ފުރޭތަ ތަބްރޭޒުގެފާނު އަރިހުގައި ދެންނެވިކަމަށް ކޮއިމަލާ ވާހަކައިގައި ކިޔާފައި އެވަނީ މިއީ އެސޮރުގެ މަތިމަތިފުށުން އައި ރަސްކަމެއްކަމުގައި ނޫންތޯ އެވެ. ކޮންމެ މަހަކު އެއްރޭ އެރަސްކަމުގެ ދާނަށް އެއަންނަނީ އެހެންވެކަމުގައި ކަމަށްވެސް އެސޮރު ދަންނަވާފައި އެވަނީ އެވެ. އެ ސޮރުގެ މަތިމަތިފުށުން އައި ރަސްކަމަކަށް މިރާއްޖެ ވާނީ ރާމާޔަން ވާހަކައިގައި ބުނެފައިވާ ފަދައިން މިރާއްޖެއަކީ ރަކްޝަސާއިންގެ ރާއްޖެއަކަށްވާތީ އެވެ. ވީމާ ކޮއިމަލާ ވާހަކައިގައި އެ ސީޣާ އެގޮތަށް ގެނެސްފައި އެވަނީ މި ސަރަޙައްދުގެ ގަދީމީ ފޯކުލޯރުގައި އެބުނާ ވާހަކަޔަށް ނިސްބަތްކުރުމުގެ ގޮތުންކަމުގައި އަޅުގަނޑު ދެކެމެވެ. ކުރުކޮށް ޚުލާސާގޮތެއްގައި ބުނެދީފައި އެވަނީ މިއީ ރަކްޝަސާއިންގެ މަލަޔަދީޕާކަމެވެ.

ހަމައެހެންމެ ތަބްރޭޒުގެފާނު އެ ފުރޭތައިގެ ކައިރީގައި ބުނެފައިވާ ކަންތައް ދާދި ފަހާ ހަމަޔަށްވެސް ކުރަމުން އައިސްފައިވެއެވެ. ތަބްރޭޒުގެފާނު ބުނެފައި އެވަނީ

"ދެއަތްޕުޅުން ފިނދުކިބަފުޅުގައި ލަވައެއް ޖައްސާލައްވާފައި ބުނުއްވިއެވެ. ތިންރޭ ވަންދެން އިއަޑު އިވުނުނަމަ ކަލޯއެރިޔަސް އެންމެ ރަނގަޅެވެ."

ދެއަތްޕުޅުން ފިނދުކިބަފުޅުގައި ޖެއްސެވި ލަވަޔަކީ (ރާގަކީ) ނާބަ އެވެ. އިބްރާހިމް ނާސިރުގެ ބޮޑުވަޒީރުކަމާއި ހަމަޔަށް ބޮޑުގަނޑުވަރު ނާބުސްޚާނުން އެ ނާބަ ޖަހަމުން އައިސްފައިވެ އެވެ. އަދި މި ބެރުޖެހުން ހުއްޓާލިރޭ އަލުން ރަންނަމާރި އަރާފާނެކަމުގެ ބިރަށް އެތައް ބަޔަކު ނުނިދާ އުޅުނުކަމަށްވެސްވެ އެވެ.

މުޅި ކޮއިމަލާ ވާހަކައިގެ މައްޗަށް ބަލާލުމުން ފެންނަނީ އެވާހަކައަކީ މި ސަރަޙައްދުގެ ގަދީމީ ފޯކުލޯރު ވާހަކަތަކެއް އެއްކޮށްގެން އުފައްދާފައި އޮތް މޮޅު ތާރީޚީ ވާހަކައެއްކަމުގަ އެވެ. މުޅި ވާހަކައިގެ ތެރެއިންވެސް ފެންނަހުރީ އިސްވެ ދެންނެވުނު ފަދައިން މުސްކުޅި އެވޭލާ ތާރީޚުގެ މައްޗަށްކޮށްފައިވާ އިޝާރާތްތަކެވެ. ޙައްޔު ބުނު ޔަޤްޟާން ވާހަކައިގެ ޚިޔާލު ފަދައިން ވަލުތެރޭގައި ބޮޑުވަމުން އައި ތުއްތު ކުއްޖެއްގެ ޚިޔާލަށް ވާހަކަ ބިނާކޮށްގެން ގެނެސްދީފައި އެވަނީ އިސްވެ މި ދެންނެވުނު ހުރިހާ ކަމެއްގެ މައްޗަށް އިޝާރާތްކުރަމުންނެވެ. ވާހަކައިގެ ކުރީކޮޅުގައި ހިމެނިފައިވާ އެންމެހައި ކަންކަމަކީ މި ދެންނެވިހެން މި ސަރަޙައްދުގެ ގަދީމީ ފޯކުލޯރުތަކާ ގުޅުންހުރި ކަންކަމެވެ. އެބައިތަކުގައި ހިމަނާފައި އެވަނީ ދިވެހީންގެ އެވޭލާ ޚުރާފާތެވެ.

ދެން އޮތީ ރަސްގެތީމުގެ ވާހަކައެވެ. ދެންނެވިފައިވާނޭ ފަދައިން މިރާއްޖެއަކީ ވިޔަފާރީގެ ބޮޑު ބަނދަރެކެވެ. ދުނިޔޭގެ އެކި ބިތައް ދަތުރުކުރަމުން ގެންދާ ނައުފަހަރު މަޑުކޮށް އުޅުނު މަޝްހޫރު ބަނދަރެކެވެ. މިގޮތުން މާޅޮސް މަޑުލަކީ ދިވެހިރާއްޖެ ވަންނަ ނައުފަހަރު ބަނދަރުކުރާ މަޝްހޫރު އެއް ބަނދަރެވެ. އެ އަތޮޅުގެ އެކި ތަންތަނަށް އުރިފައި ހުރި ނައުފަހަރުތަކާއި ބޯޓުފަހަރުތަކުގެ އަސަރުތައް މިހާރުވެސް ބައެއް ދިމަދިމާއިން ފެންނާން އެބަހުއްޓެވެ. ހަމަމިހެންމެ ރާއްޖެޔަށް ބޭރުން އައިސްފައި ތިބި މަޝްހޫރު ބައެއް ސައްޔާޙުން އެންމެ ފުރަތަމަ ރާއްޖެ ފައިބާ ތިބެފައިވަނީވެސް މާޅޮސް މަޑުލު ރަށްތަކުގަ އެވެ. މިސާލަކަށް ތަބްރޭޒުގެފާނު ނޫނީ ބަރުބަރީގެފާނަށް ބައްލަވާށެވެ. އެންމެ ފުރަތަމަ އެބޭކަލަކު ފޭބެންނެވިކަމަށްވަނީ މާޅޮސްމަޑުލު ކިނޮޅަހަށްނޫންތޯ އެވެ. ހަމަމިފަދައިން އިބްނި ބަޠޫޠާއަށް ބައްލަވާށެވެ. އޭނާވެސް އެންމެ ފުރަތަމަ ފޭބެންނެވީ އެ އަތޮޅު ކިނޮޅަހަށް ނޫންތޯ އެވެ. އަދި އޭނާގެ ލިޔުމުން އެތަނުގައި އެހެނިހެން ނައުފަހަރު ބަނދަރުކޮށްފައި އޮތްކަންވެސް އެނގެ އެވެ.

ކޮއިމަލާ ވާހަކައިގައި އޭނާވެސް އެންމެ ފުރަތަމަ އައިސް ބަނދަރުކުރި ރަށަކަށް މާޅޮސް މަޑުލު ރަސްގެތީމުކަމަށް ކިޔައިފައިވެ އެވެ. އެއީ ބޭރުން ވަޑައިގެންނެވި ބޭކަލެއްކަމަށް ބުނުމާއެކު އޭނާއައިސް ރަސްގެތީމުގައި ބަނދަރުކުރިކަމަށް ބުނެފައިވަނީ ކޮއިމަލާކަލޯއަކީ ސިލޯނު ނުވަތަ އިންޑިޔާގެ ބޭފުޅަކަށްވެގެން ނޫންކަމުގައި ދެކެމެވެ. ވާހަކައިގައި އެގޮތަށް ކިޔާފައިވުމުގެ އެއް މަގުސަދެއްކަމަށް އަޅުގަނޑު ދެކެނީ އެއީ މިރާއްޖެ ވަދެނިކުމެވާ މަޝްހޫރު ބަނދަރުގެ މައްޗަށް އިޝާރާތްކުރުމުގެ ގޮތުންނެވެ. ނައުފަހަރުގައި އައިސް ރަސްގެތީމު ބޭރުގައި މަޑުކުރިކަމަށް ބުނުމުގެ ބޭނުމަކީ އެއީކަމަށް ދެކެމެވެ.

ދާދިފަހުން ރަސްގެތީމަށް ކުރެވުނު ދަތުރެއްގައި އެރަށުން ލިބުނު މަޢުލޫމާތަކީ އިހުގައި ރޭގަނޑުވުމުން އެރަށުގެ ބޮޑު ނިކަގަހު އެންމެ ކޮޅަށް ލަންޓަން ނަގާ އުޅުނުކަމަށެވެ. އެއީ ބޭރުން އަންނަ އޮޑިފަހަރަށް ރާއްޖެ ވަންނަ ދޮރޯށި ފާހަގަކޮށްދިނުމުގެ ގޮތުން ކޮށްއުޅުނުކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. ހަމައެހެންމެ އިހުގައި އެރަށުގައި ބަޑިހަރެއްވެސް ހުރިކަމުގައި ބުނެވެ އެވެ. ބަޑިހަރު ހުރި ފަސްގަނޑުވެސް އޮތެވެ. ބަޑިހަރު އެރަށުގައި ހުރުމުގެ އެއް ބޭނުމަކީވެސް ބޭރުން ހަނގުރާމަޔަށް ބަޔަކު އައިކަމުގައި ވިޔަސް ވަންނާނީ އެ ދޮރޯށިންކަމުގައި ވާތީ އެވެ. ގައުމުގެ ސަލާމަތާ ރައްކާތެރިކަމުގެ ގޮތުން ރާއްޖެ ވަދެވޭން ހުންނަ އެފަދަ ދޮރޯށިތަކުގައި އިހުގައި ބަޑިހަރު ހަދާފައި ހުރެއެވެ. ވީމާ ރަސްގެތީމުގައި ވެސް ބަޑިހަރު ހަދާފައި އެހުރީ އެމަގުންނެވެ.

ކޮއިމަލާކަލޯއަކީ ރަސްގެތީމަށް ބޭރުން ވަޑައިގެންނެވި ބޭކަލެއްނޫނެވެ. އެއީ އެރަށު ބޭކަލެކެވެ. ކޮއިމަލާކަލޯއަށް ނިސްބަތްކުރާ އާސާރުތައް އަނގޮޅިތީމާ ރަސްގެތީމުގައިވެ އެވެ. ހަމައެހެންމެ އޭނާއަށް ނިސްބަތްކޮށް ކިޔާ ފޯކުލޯރުވެސް އެދެރަށުގައި ކިޔައިއުޅެ އެވެ. މިގޮތުން އެއް ވާހަކައެއްގެ ގޮތުގައި އެރަށު ބޭކަލެއްކަމުގައިވާ ޢަލީ ނަޖީބު އަޅުގަނޑަށް ކިޔައިދެއްވި ވާހަކައަކީ

"ކޮއިމަލާކަލޯ މާލެ ވަޑައިގެން ރަސްކަމަށް އިސްވެވަޑައިގެންފިކަމުގެ ޚަބަރު ރަސްގެތީމު މީހުންނަށް އިވިގެން އެރަދުން ބަލާ އެރަށު ރައްޔިތުން މާލެ ދިޔަ އެވެ. އަދި ގޮސް ކޮއިމަލާ ރަދުންގެ ފައިންޕުޅު ދެކެފައި މިއައީ ރަސްގެފާނުން ބަލާކަމުގައި ދަންނަވާފި އެވެ. ކޮއިމަލާ ރަސްގެފާނުން ވިދާޅު ބަސްފުޅު އިއްވެވީ ދެން ތިމަން ރަދުން އަނބުރާ ރަސްގެތީމަށް ނުދާނެކަމުގަ އެވެ. އެހެންނަމަވެސް ރަސްގެތީމު ރައްޔިތުންނަށް ދުނިޔެ އުޅެވޭވަރުގެ ބޯގައެއް ތިމަން ރަދުން ދެއްވާހުށީމޭ ވިދާޅުވި އެވެ.

މިހެން ވިދާޅުވެފައި ފަތްލިޔާކަލޭގެ ގެންނަވާ ރަސްގެތީމު ރައްޔިތުންނަށް ބޯގަ ފަތްކޮޅެއް ލިޔުއްވައިފިއެވެ. ބޯގައަށް ދެއްވި ތަކެތިކަމުގައިވަނީ

1 މަލިކު މަލަރީތި ކަނޑޫ ފައު

2 ކެލާ ހަނގުން ތުޑި

3 ބައުރަށު ކުނބުރިޔާ ގަނޑު

4 މާލޭ މައްޗަންގޯޅި

5 ވާދޫ ދެދަރީން އެއް ދަރި

6 އަނގޮޅިތީމު އެކީއެކަށް

ދެން މި ބޯގަ ފަތްކޮޅު ހިފައިގެން ރަސްތީމު ރައްޔިތުން އެނބުރި ރަށަށް އައީ އެވެ.

އެދަތުރުގައި އަނގޮޅިތީމަށްވެސް އަޅުގަނޑަށް ދެވުނެވެ. އެރަށު އިބްރާހިމް ފިކުރީގެ އަރިހުން ލިބުނު މައުލޫމާތެއްގައި އެނާ ބުނުއްވީ އަނގޮޅިތީމުގައި އޮއިމައިތަންގޯޅި އޭ ކިޔުނު ސަރަޙައްދެއް އިހުގައި އޮންނަކަމަށެވެ. އަދި ޒިޔާރަތްމަގު ނެރާއި ކޮށިމަގު ނެރާއި ދެމެދު ހިނގަން އޮންނަ މަގަށްވެސް ކިޔަނީ އޮއިމައިތަންގޯޅި މަގުކަމުގައިވެސްވެ އެވެ. އިބްރާހިމް ފިކުރީ ބުނުއްވި ގޮތުން އެރަށު އިހު މުސްކުޅީން ބުނާ ގޮތުގައި އެމަގު ކޮށީ ކޮއިމަލާކަލޯގެ ސިފައިންނެވެ. އެމީހުން ތިބެނީ ހުދުފޮށައެއް އަނދެގެން ބޮލުގައި ހުދު ފޮށައެއް އޮޅައިގެންކަމުގައިވެސްވެ އެވެ. ހަމަމީގެ އިތުރަށް އިހުގައި އެރަށުގައި ރަށްމެދު ކުޅޭތަނެއް އޮތްކަމުގައިވެސް ވެއެވެ. އެއީ ކޮއިމަލާކަލޯގެ ސިފައިން ކުޅިވަރު ކުޅުނު ސަރަޙައްދުކަމުގައި ބުނެ އެވެ.

މިކަންކަމުގެ އިތުރަށް އިހު އެވޭލާ ލޯމާފާނުތަކުގައި "ސްވަސްތީ ސްރީ ތީމުގޭ ސްރީ" އޭ ލިޔުއްވާފައިވަނީވެސް ރަސްގެތީމަށް އިޝާރާތްކުރުމުގެ ގޮތުންކަމުގައި އަޅުގަނޑު ދެކެމެވެ. ބޮޑުގަލު ލޯމާފާނުގެ ތަރުޖަމާ ލިޔުއްވިއިރު ބެލް ސާހަބު ވެސް އެގޮތަށް އިޝާރާތްކުރައްވާފައިވެއެވެ. އޭގެ ތަރުޖަމާގައި އޭނާ ލިޔުއްވާފައިވަނީ


“Hail. When 21 years had elapsed since the great king Sri Maha Barnna of Sri Timu (Rasgetimu) king of the auspicious Lunar Dynasty became king…”

ތަރުޖަމާ: "ދަންނާށެވެ! މާތްވެގެންވާ ހަނދުވަންހައިން ވަޑައިގެން ހުންނެވި ރަސްގެފާނު މާތްވެގެންވާ ތީމު (ރަސްގެތީމު) ގެ ޢިއްޒަތްތެރި ރަސްގެފާނު ސްރީ މަހާ ބާރުނަ ރަސްކަމަށް އިސްވެވަޑައިގެންނެވިތާ 21 އަހަރު ފާއިތުވެދިޔަ ފަހުން......"

ބޮޑުގަލު ލޯމާފާނުގެ ތަރުޖަމާގައި ބެލް ސާހަބު ރަސްގެތީމު ގެނަން ގެންނަވާފައިވަނީ ބުރެކެޓެއްގެ ތެރޭގައިކަމަށްވުމުން ލޯމާފާނުތަކުގައި ބުނާ "ތީމު" އަކީ ރަސްގެތީމުކަމަށް އޭނާވެސް ބައްލަވާފައިވާކަން އެނގެ އެވެ. ތަނަކަށް މީހަކު ނިސްބަތްކުރާނަމަ އެމީހެއްގެ އެކި އަސަރުތައް އެތަނަކުން ފެންނާން ހުރެ އެވެ. މިސާލަކަށް އެމީހަކު ދިރިއުޅުނުކަމަށް ބުނާ ތަންތަނާއި އެމީހަކާ ގުޅުވައިފައިވާ ސަރަޙައްދުތަކާ އަދި އެމީހަކާ ގުޅުވައިގެން ކިޔާ ވާހަކަތަކެވެ. ކޮއިމަލާކަލޯ އާއި ގުޅުވައިގެން މިފަދަ އެންމެހައި ކަންކަމެއް ރަސްގެތީމާ އަނގޮޅިތީމުން ފެންނާން ހުރެ އެވެ. އިސްވެ ދެންނެވިފައި އެވަނީ އެގޮތުން ކޮއިމަލާކަލޯއަށް ނިސްބަތްކޮށް އެރަށްރަށުގައި ކިޔާ ބައެއް ވާހަކަތަކާ އެރަށްރަށުގައިވާ ސަރަޙައްދުތަކުގެ މައުލޫމާތެވެ. އެ އެންމެހާ ކަންކަމަކީ ކޮއިމަލާކަލޯއަކީ އެރަށްތަކަށް ނިސްބަތްވެލައްވާ ބޭކަލެއްކަމުގެ މައްޗަށް ދައްކާން ހުރި ހެކިތަކާ ގަރީނާތަކެވެ.

ތާރީޚުގައި ބުނާ ކޮއިމަލާކަލޯގެ ދުވަސްވަރު މި ސަރަޙައްދު އޮތީ ހަނގުރާމައިގެ ބޮޑު ވިލާގަނޑެއްގެ ތެރޭގައިކަން މި ސިލްސިލާގެ ތެރޭގައި ތަފްސީލުކޮށް ބަޔާންކޮށްލެވިފައިވާނެ އެވެ. ހަމައެހެންމެ އެކަލޯގެ ރަސްކަން ފެށުމުގެ ކުޑަ ދުވަސްކޮޅެއް ކުރީން ދިވެހީން ރަސްކަލަކު ސިލޯނަށް ވަޑައިގެން ހަނގުރާމަކުރައްވާ ގަތުލުވެދިޔަކަންވެސް ވާނީ ތަފްސީލުކޮށް ދަންނަވާލެވިފަ އެވެ. މާޅޮސް މަޑުލަކީ ބޭރުން އަންނަ އޮޑިފަހަރު ވަންނަ މައި ދޮރޯއްޓެކެވެ. ހަނގުރާމައަށް އަންނަ އުޅަނދުފަހަރުވެސް ރާއްޖެ ވަންނާނެ ދޮރޯއްޓެކެވެ. ފަހަރުގައި ރަސްގެތީމުގައި ހުރި ބަޑިހަރާ ކޮއިމަލާކަލޯ އާއި ގުޅިފައިވަނީވެސް މިހެންވީމަކަމަށް ވެދާނެ އެވެ. އެދުވަސްވަރަކީ ހަނގުރާމައިގެ ދުވަސްވަރަކަށްވެފައި ކޮއިމަލާކަލޯ ރާއްޖެ ދިފާޢު ކުރެއްވީ އެތަނުގައި ހުންނަވައިގެންކަމަށްވުމީވެސް އެކަށީގެންވާ ގޮތެކެވެ.

އާދޭހެވެ! އެދުވަސްވަރު ސީދާ ކަން ހިނގައިދިޔަ ގޮތެއް ދެންނެވުމަކީ ދަތިކަމެކެވެ. އެހެންނަމަވެސް ޔަގީންކުރެވޭ ކަމަކީ ކޮއިމަލާކަލޯ އާއި ރަސްގެތީމާއި އަނގޮޅިތީމާ ގުޅުމެއްވާކަމެވެ. މި ގުޅުމުގެ މައްޗަށް އެދެރަށުގައިވާ ފޯކުލޯރުތަކާ އާސާރުތައް ހެކިދައްކަ އެވެ. ހަމައެހެންމެ ޔަގީންކުރެވޭ އަނެއްކަމަކީ އެއީ ހަނގުރާމައިގެ ދުވަސްވަރެއްގައި ރާއްޖޭގެ ތަޚުތައް އިސްވެވަޑައިގެންނެވި ރަސްކަލެއްކަމެވެ. ދިވެހީންގެ ބަޠަލެއްކަންވެސް އެނގެ އެވެ. އަދި ހަމައެހެންމެ ކޮއިމަލާކަލޯއަކީ މުޅީން އައު ރަސްދަރިކޮޅެއް ފެއްޓެވި ބޭކަލެއްކަންވެސް ލޯމާފާނުތަކާ ހަވާލާދީ ޔަގީންކުރެވެ އެވެ. ދިވެހީން ގުޅިފައި އޮތް މި ސަރަޙައްދުގެ ގަދީމީ އައިޑެންޓިޓީގެ ތެރެއަށް މުޅިން އައު އައިޑެންޓިޓީއެއް ގެނެސްދިނީވެސް އެ ކޮއިމަލާގެ ދަރިކޮޅުންނެވެ. މިހެންކަމުން ކޮއިމަލާ ދިވެހިތާރީޚުގައި ފާހަގަކުރެވެނީ މުޅިން އައު ޢަސްރެއްގެ ފެށުންގޮތުގަ އެވެ.

ކޮއިމަލާކަލޯ ފޯކުލޯރުގެ މުޅި އޮނިގަނޑުންވެސް ފެނިގެން ދަނީ މިކަންކަމެވެ. ގަދީމީ އައިޑެންޓިޓީ ހިމަނައިގެން ފެށުނު އައު އައިޑެންޓިޓީގެ ވާހަކަ ގެނެސްދީފައިވާތަނެވެ. މި ވާހަކައަކީ ދިވެހީންގެ ދޮށި ތާރީޚުގެ މައްޗަށް ނަޒަރު ހިންގާން އޮތް މުހިންމު ތާރީޚީ މަސްދަރަކަށް ވަނީވެސް މިހެންވީމަ އެވެ. މިސާލަކަށް ބައްލަވާށެވެ. މިރާއްޖޭގައި އޮތް ކާސްޓު ނިޒާމެއްގެ މައްޗަށް މިވާހަކަ އެބަ އިޝާރާތްކޮށްދެ އެވެ. ހަމައެހެންމެ އޭގެ ތެރެއިން އެއީ ކޮން ޒާތެއްގެ ކާސްޓު ނިޒާމެއްކަންވެސް ވާހަކަ ބުނެދެއެވެ. އެވޭލާ ޒަމާނުގެ މި ސަރަޙައްދުގެ އެހެނިހެން ދައުލަތްތަކާއި ރާއްޖެ އާއި އޮތް ގުޅުން ބުނެދެ އެވެ. ރާއްޖޭގެ ވެރިކަން އެތުރިފައި އޮތް ގޮތާއި ދިވެހީންގެ ދިފާޢީ ނިޒާމު އެކުލެވިފައި އޮތްގޮތްވެސް ބުނެދެއެވެ. އަދިވެސް މިފަދަ އެތައްކަމެކެވެ.

ކޮއިމަލާކަލޯގެ ފޯކުލޯރަކީ މުސްކުޅި ދިވެހި ތާރީޚުގެ މައްޗަށް މަގުދައްކައިދޭ ސަމުގާއެކެވެ. ވާހަކައިގެ ތެރެޔަށް ރަނގަޅަށް ފީނައިގަތުމުން ފެންނަނީ ގަދީމީ ޖިއޯ ޕޮލިޓިކްސް އެވެ. ވިޔަފާރީގެ ގުޅުންތަކެވެ. މަޢުލޫމާތު ދަތުރުކޮށްފައިވާ މަގުތަކެވެ. އަދިވެސް މިފަދަ އެތައްކަމެކެވެ. މިވާހަކަ ނިއުޅާލުމުގައި މިފަދަ ކަންކަމުގެ މައްޗަށް އިޝާރާތްކުރާ އެދެވޭ މަޢުލޫމާތުތަކެއް ގެނެސްދެވުނު ކަމަށް އުއްމީދުކުރަމެވެ. އަދި އެ މައުލޫމާތުތަކުގެ އަލީގައި ދިވެހީންގެ ގަދީމީ ތާރީޚުގެ މައްޗަށް ކޮންމެވެސް މިންވަރެއްގެ އަލިކަމެއް އެޅިގެންދާނެކަމަށްވެސް އަޅުގަނޑު އުއްމީދުކުރަމެވެ.

ފެށުން އެނގުމެއްނުވާހާ ދޮށި މި ދައުލަތުގެ ތާރީޚު ހިމާޔަތް ކުރެވޭނީ މާދަމާގެ މުއައްރިޚުންނަށްޓަކައި މިއަދު މައުލޫމާތު ހިމާޔަތްކުރެވިގެންނެވެ. ގެއްލިދިޔަނުދީ ހިފަހައްޓައިގެންނެވެ. ފޯކުލޯރުތަކުގެ އަލީގައި ގަދީމީ ދިވެހި ތާރީޚުގެ މައްޗަށް ދިރާސާކުރާނެ ގިނަ މުޙައްލިލުން އަދި މާދަމާ އުފެދޭނެކަމުގެ ފޮނި އުއްމީދު އަޅުގަނޑަށް އެބައޮތެވެ. މިހެންކަމުން އަޅުގަނޑު އެދުމަކީ މާދަމާ އުފެދޭނެ މުއައްރިޚުންނާއި މުޙައްލިލުންނަށްޓަކައި މައުލޫމާތު ރައްކާތެރިކޮށްދިނުމެވެ. އެ މުޙައްލިލުން މާއެދެވޭ މާޢިލްމީ ދިރާސާތައް މާދަމާ ނެރުއްވާނެ އެވެ. (ނިމުނީ)