Advertisement

ސްރީލަންކާގެ އިގްތިސޯދީ ކާރިސާއިން އަރައިގަންނަން އަނެއްކާވެސް ޗައިނާގެ ލޯނަކަށް އެދެނީ

13 ޖަނަވަރީ 2022 - 08:25 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސްރީލަންކާގެ މަރުކަޒީ ބޭންކްގެ ގަވަރުނަރު އަޖިތު ނިވާރްދް ކަބްރާލް.


ސްރީލަންކާގެ އިގްތިސޯދީ ކާރިސާއިން އަރައިގަންނަން އަނެއްކާވެސް ޗައިނާގެ ލޯނަކަށް އެދެނީ

13 ޖަނަވަރީ 2022 - 08:25 0

ކޮލޮމްބޯ، ސްރީލަންކާ - ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް ޗައިނާއިން އިތުރު ލޯނެއް ނަގަން އެދެން ނިންމައިފި އެވެ.

ފަތުރުވެރިކަމަށް ބަރޯސާވެފައި އޮންނަ ލަންކާގެ އިގްތިސާދަށް ކޮވިޑް ބަލިމަޑުކަމުގައި ވަރަށް ބޮޑަށް ވަނީ އަސަރުކޮށްފަ އެވެ. ތަކެތި ރޭޝަންކޮށްގެން ވިއްކަމުން ދާއިރު، ތެޔޮ އިމްޕޯޓް ކުރާނެ ފައިސާ ނެތި ބައެއް ގަޑިތަކުގައި ދަނީ ކަރަންޓު ވެސް ކަނޑަމުންނެވެ.

ބައިނަލްއަގްވާމީ ރޭޓިން އޭޖެންސީތަކުން ބުނީ ލަންކާގެ 35 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި ދެއްކޭނެ ގޮތެއް ނެތި ޑީފޯލްޓަކަށް ދާނެ ކަމަށެވެ.

ނަމަވެސް މަރުކަޒީ ބޭންކްގެ ގަވަރުނަރު އަޖިތް ނިވާރްދް ކަބްރާލް ވަނީ ދަރަނި އަލުން ސްޓްރަކްޗާކޮށް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ އެހީއަށް އެދެން ގޮވަމުންދާ ގޮވުންތައް ބަލައިނުގަންނަ ކަމަށް ވިދާޅުވެފަ އެވެ.

"އައިއެމްއެފް އަކީ ޖާދޫގެ އަސާކޮޅެއް ނޫން. މި ހިސާބަށް އައީމާ އައިއެމްއެފް އަށް ދިޔުމުގެ ބަދަލުގައި ދެން ހުރި ގޮތްތައް ވެސް މާ ރަނގަޅު،" ބުދަ ދުވަހު އޮތް ނޫސް ކޮންފެރެންސެއްގައި ކަބްރާލް ވިދާޅުވި އެވެ.

ކަބްރާލް ވިދާޅުވީ ޗައިނާއިން އާ ލޯނެއް ނެގުމަށް ކުރަމުންދާ މަޝްވަރާތައް އޮތީ "ފަހުގެ މަރުހަލާގައި" ކަމަށާއި އާ އެއްބަސްވުމުގެ ދަށުން މިހާރު ޗައިނާއަށް ދައްކަން ޖެހޭ ދަރަނިތައް އަދާކުރަން ފަސޭހަވާނެ ކަމަށެވެ.

"އެ މީހުން އަޅުގަނޑުމެންނަށް އެހީވާނީ ދަރަނި ދައްކަން... ޗައިނާއިން ނަގާ އާ ލޯނަކީ ޗައިނާއަށް ދައްކަން ޖެހޭ ދަރަނިތައް ދެއްކުމަށް ނަގާ ލޯނެއް."

މިހާރު ވެސް ލަންކާއަށް އެންމެ ގިނަ ފައިސާ ދަރަންޏަށް ދެނީ ޗައިނާއިންނެވެ. ލަންކާގެ ބޭރު ދަރަނީގެ 10 ޕަސެންޓު ދައްކަން ޖެހެނީ ޗައިނާއަށެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ މި ހަފްތާގައި ލަންކާއަށް ކުރެއްވި ދަތުރުގައި ރައީސް ގޮތަބަޔަ ރާޖަޕަކްސައާ އެކު ކުރެއްވި މަޝްވަރާގައި ދަރަނިތައް އަލުން ސްޓްރަކްޗާ ކުރުމާ ގުޅޭ ވާހަކަ ދެއްކެވި އެވެ.

ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް ޗައިނާގެ އަތުން ދަރަންޏަށް ފައިސާ ނެގި ނަމަވެސް، އެ މަޝްރޫއުތަކުގެ މާ ބޮޑު ފައިދާއެއް ލަންކާ އަށް ނުލިބެ އެވެ.

ކޮލޮމްބޯގެ ދެކުނުގައި ބަނދަރެއް ބިނާކުރަން ނެގި ލޯނަކަށްވާ 1.4 ބިލިއަން ޑޮލަރު ދެއްކޭނެ ގޮތެއް ނެތުމުން، 2017 ވަނަ އަހަރު ލަންކާ އިން ވަނީ އެ ބަނދަރު ޗައިނާގެ ކުންފުންޏަކަށް 99 އަހަރަށް ދޫކޮށްފަ އެވެ.

އެމެރިކާ އާއި އިންޑިއާ އިން ބުނީ ބައިނަލްއަގްވާމީ ޝިޕިން ރޫޓަށް މުހިއްމު ހަމްބަންޓޯޓާ ބަނދަރުގެ ސަބަބުން އިންޑިއާ ކަނޑުގައި ޗައިނާ އިން އަސްކަރީ ބާރު ގަދަކޮށްފާނެ ކަމަށެވެ.

ނަމަވެސް ޗައިނާ އާއި ސްރީލަންކާ އިން ވެސް ބުނީ އެއްވެސް އަސްކަރީ ބޭނުމަކަށް ލަންކާގެ ބަނދަރުތައް ބޭނުން ނުކުރެވޭނެ ކަމަށެވެ.