Advertisement

ތިން އަހަރަށް ފަހު އޮސްކާ އެވޯޑަށް ހޯސްޓެއް އަންނަނީ

13 ޖަނަވަރީ 2022 - 07:37 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ހޯސްޓަކާ އެކު އެންމެ ފަހުން އޮސްކާ އެވޯޑް ބޭއްވީ 2018 ވަނަ އަހަރު. -- ފޮޓޯ: ރޮއިޓާޒް


ތިން އަހަރަށް ފަހު އޮސްކާ އެވޯޑަށް ހޯސްޓެއް އަންނަނީ

13 ޖަނަވަރީ 2022 - 07:37 0

ލޮސް އެންޖެލިސް، އެމެރިކާ (ޖެނުއަރީ 12) - ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު މި އަހަރު އޮސްކާޒް ނުވަތަ އެކެޑެމީ އެވޯޑްސް ޝޯ ހުށަހަޅަން ހޯސްޓަކު އަންނާނެ ކަމަށް އިއުލާނުކޮށްފި އެވެ.

މާޗް 27 ވަނަ ދުވަހު އޮންނަ 94 ވަނަ އޯސްކާ އެވޯޑް ޝޯ ހުށަހަޅައިދޭން ހޯސްޓަކު އަންނާނެކަން އިއުލާނު ކުރި ނަމަވެސް، ހޯސްޓެއްގެ ގޮތުގައި މިހާތަނަށް މީހަކު ކަނޑައަޅާފައެއް ނުވެ އެވެ.

އެންމެ ފަހުން އެ އެވޯޑް ޝޯ ހުށަހަޅައިދިނީ އޭބީސީ އިން ދައްކާ ލޭޓް ނައިޓް ޝޯގެ ހޯސްޓް ޖިމީ ކިމެލް 2018 ވަނަ އަހަރު އެވެ. އޭގެ ފަހުން 2019 ގެ ޝޯއަށް ހަމަޖެއްސީ ކޮމީޑިއަން ކެވިން ހާޓް އެވެ.

ނަމަވެސް ކެވިން ހާޓް ކުރި ޓްވީޓްތަކަކާ ގުޅިގެން ފާޑުކިޔުން އަމާޒުވެ، އޭނާ ނިންމީ ޝޯއިން ވަކިވުމަށެވެ. އެއާ އެކު އެ އަހަރު ޝޯ ކުރިއަށް ދިޔައީ ހޯސްޓެއް ނެތި އެވެ.

އޭގެ ފަހުން 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ވެސް އެކެޑެމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސަސްގެ ޝޯ ބޭއްވި ހުށަހެޅުންތެރިއަކު ނުލަ އެވެ.

އޮސްކާ އެވޯޑަށް އޮންނަ ތަރުހީބު ފަހަކަށް އައިސް ވަނީ ދަށްވާން ފަށާފަ އެވެ. މިދިޔަ އަހަރު ޝޯގެ ރޭޓިން ދުވަހަކު ވެސް ދަށަށް ނުދާ މިންވަރަށް ދަށަށް ދިޔަ އެވެ.