Advertisement

ޑިފެންސާއި ފޮރިން މިނިސްޓަރު ހިމެނޭ ގޮތަށް އެމްޑީޕީގެ ބޮޑު ވަފްދެއް ކޮމަންޑޫއަށް

12 ޖަނަވަރީ 2022 - 10:05 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ފުރުމުގެ ކުރިން ވީއައިޕީ ޓާމިނަލް ކުރިމަތީ އެމްޑީޕީގެ ފައުޖު ތިއްބާ: އެ ޓީމުގެ ތެރޭގައި މަރުހޫމް ހުސައިން ވަހީދުގެ ދަރިކަނބަލުން ހިމެނޭ. ފޮޓޯ: އެމްޑީޕީ


ޑިފެންސާއި ފޮރިން މިނިސްޓަރު ހިމެނޭ ގޮތަށް އެމްޑީޕީގެ ބޮޑު ވަފްދެއް ކޮމަންޑޫއަށް

12 ޖަނަވަރީ 2022 - 10:05 0

ކޮމަންޑޫ ދާއިރާއަށް ވެރިކަން ހިންގާ އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިނުގެ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފޮރިން މިނިސްޓަރު އަދި އދ. އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު އެ ރަށަށް ވަޑައިގެންފި އެވެ.

މާރިޔާ އާއި ޝާހިދު އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި ހެންވެއިރު އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން މުހައްމަދު ހިމެނިވަޑައިގަންނަވަ އެވެ. އަދި އެބޭފުޅުންނާއެކު އެ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ވަހީދުގެ ދަރިކަނބަލުން ނަޝާ ހުސެއިން ވެސް ކޮމަންޑޫއަށް ވަޑައިގެންނެވި އެވެ.

ރާޝިދުގެ ކެމްޕެއިނަށް މިދިޔަ ހަފްތާގެ ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަޑައިގެންނެވި އެވެ. ރައީސްއާއެކު އެ ދަތުރުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިބްރާހިމާއި ތިމާވެއްޓާ ބެހޭ ވަޒީރު އައިމިނަތު ޝައުނާ އާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވަޑައިގެންނެވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ދާއިރާށް ވެފައިވާ ވައުދުތައް:

  1. ދެ ކޮމަންޑޫ ކޯޒްވޭ ބްރިޖަކުން ގުޅުވާލުން (ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދަދިނުމަށް) - މި ހަފްތާ ތެރޭގައި އަމަލީ މަސައްކަތް ފަށާނެ
  2. ކޮމަންޑޫ ކައިރި ފަޅުރަށެއް ރިސޯޓް ތަރައްގީ ކުރުމަށް ދޫކުރުން ( ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް) - ވަރަށް އަވަހަށް ބީލަމަށް ހުޅުވާލާނެ
  3. ފޯކައިދޫގެ ޗަކަ ބިން ހިއްކުމަށް ފަހު އެތަނުން ގޯތި ދޫކުރުމުގެ މަސައްކަތް (ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދާދިނުމަށް) - މިހަފްތާ ތެރޭ އަމަލީ މަސައްކަތް ފަށާނެ
  4. މަރޮށީގެ ބަނދަރުގެ މަސައްކަތް (އުމްރާނީ ތަރައްގީ) - މި މަސް ތެރޭ އަމަލީ މަސައްކަތް ފަށާނެ

"މިއީ އަޅުގަނޑުމެން ވީ ވައުދެއް، މިއީ އަޅުގަނޑުމެން ކޮށްދޭން ޖެހޭ ކަމެއް. މިއަކާ ކެމްޕޭނަކާ ގުޅުމެއް ނެތް،" ރައީސް ސޯލިހް ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ރާޝިދުއަކީ 10 އަހަރުވަންދެން ފޯކައިދޫ ކައުންސިލްގެ މެމްބަރުކަމާއި ރައީސް ކަން ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ މިހާރު އެ އިދާރާގެ ސެކެޓްރީ ޖެނެރަލް އެވެ.