Advertisement

ޔަމަން ސަރުކާރުގެ ފައުޖުން ޝަބްވާ ޕްރޮވިންސް ހިފައިފި

12 ޖަނަވަރީ 2022 - 07:19 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޔަމަން ސަރުކާރު ފައުޖުގެ މެމްބަރަކު ހަމަލާ ދޭން ތައްޔާރަށް. -- ފޮޓޯ: ރޮއިޓާޒް


ޔަމަން ސަރުކާރުގެ ފައުޖުން ޝަބްވާ ޕްރޮވިންސް ހިފައިފި

12 ޖަނަވަރީ 2022 - 07:19 0

ޑުބާއީ، ޔޫއޭއީ (ޖެނުއަރީ 11) - ޔަމަނުގެ އުތުރުގައި ތެލުގެ މުއްސަނދިކަން ލިބިފައިވާ ޝަބްވާ ޕްރޮވިންސް ސަރުކާރު ފައުޖުގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފި އެވެ.

ޔަމަނުގެ އުތުރުގެ ކޮންޓްރޯލް ހޯދަން ހޫތީ ހަނގުރާމަވެރިންނާއި ސަރުކާރު ފައުޖުން ހަނގުރާމަ ކުރާތާ އެތައް މަހެއް ވެއްޖެ އެވެ. ޝަބްވާގެ އިތުރުން މަރިބް އަކީ ވެސް އުތުރުގައި ތެލުގެ މުއްސަނދިކަން އޮތް ތަނެކެވެ.

ސަރުކާރު ފައުޖުން ނެރުނު ބަޔާނެއްގައި ބުނީ 10 ދުވަހުގެ ހަމަލާތަކަށް ފަހު ހޫތީން ބަލިކޮށް، ޝަބްވާ ހިފާފައިވާ ކަމަށެވެ. ހޫތީން ޝަބްވާ ހިފީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

އެ ތަން އަލުން ހިފުމުގެ މަސައްކަތް ސަރުކާރު ފައުޖުން ފެށީ މިދިޔަ މަހު އެވެ. "ޖަޔަންޓްސް ބްރިގޭޑް" ގެ ނަމުގައި އެކަމަށް ހާއްސަ 15،000 ސިފައިން ފޮނުވި އެވެ.

ހޫތީންނަކީ ޝިއައީންނަށް ވާއިރު ޔަމަނުގައި ވެރިކަން ކުރަނީ މެޖޯރިޓީ ސުންނީންނެވެ. ހޫތީން ވަނީ 2004 އިން 2010 އަށް ސަރުކާރާ ދެކޮޅަށް ހަ ހަނގުރާމަކޮށްފަ އެވެ.

މިހާރު ކުރިއަށްދާ ދާހިލީ ހަނގުރާމަ ފެށީ 2014 ވަނަ އަހަރު އެވެ. ވެރިރަށް ސަނާ ހިފުމުން ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނުން ސަރުކާރު ފައުޖަށް އެހީވާން ފެށީ 2015 ވަނަ އަހަރު އެވެ.

އެ ކޯލިޝަނުން ތުހުމަތު ކުރާ ގޮތުގައި ހޫތީންނަށް އެހީވަނީ ޝިއައީ ސަރުކާރެއް އޮންނަ އިރާނުންނެވެ. ނަމަވެސް އިރާނުން އެކަން ދޮގުކުރެ އެވެ.