Advertisement

ބޯޓު ދަތުރުކުރާ މީހުން ކީ ވޯކަރުންގެ ގޮތުގައި ކަނޑައަޅައިފި

11 ޖަނަވަރީ 2022 - 16:07 1

އަމަން ހަލީމް

އަމަން ހަލީމް

ކަނޑު ދަތުރު ކުރާ ބޯޓެއް: ރާއްޖޭގެ ފަޅުވެރިން ތިބީ ކީ ވޯކާސްއަށް ނުހަދައިގެން ކަންބޮޑުވެފައި -- ފޮޓޯ: ފައިލް


ބޯޓު ދަތުރުކުރާ މީހުން ކީ ވޯކަރުންގެ ގޮތުގައި ކަނޑައަޅައިފި

11 ޖަނަވަރީ 2022 - 16:07 1

ބޯޓު ދަތުރުކުރާ މީހުންނަކީ "ކީ ވޯކާސް" ގެ ގޮތުގައި ކަނޑައަޅައި، ކޮވިޑާ ގުޅިގެން އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމުގަ އާއި ކަރަންޓީނު ލުއި ލިބޭ ބައެއްގެ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ހަމަޖައްސައިފި އެވެ.

ބޯޓު ދަތުރުކުރާ މީހުން ނުވަތަ ސީފެއަރާސް ކީ ވޯކާސްގެ ގޮތުގައި ރާއްޖޭން ކަނޑަނާޅާ އޮތުމަކީ އެ ދާއިރާގައި އުޅޭ މީހުން ކޮވިޑުގައި އެންމެ ބޮޑަށް ކަންބޮޑުވީ އެއް މައްސަލަ އެވެ. އަދި، މިގޮތަށް ކަނޑަނާޅާ އޮތުމުގެ ސަބަބުން ލިބެން ޖެހޭ ބައެއް ލުއިތަކާއި އިނާޔަތްތައް ނުލިބި އޮތުމާ ގުޅިގެން އެތައް ފަހަރަކު ޝަކުވާކޮށް، މިކަންތައް ހައްލުކޮށްދޭން ސަރުކާރާއި ރައްޔިތުންގެ މަޖިލިހުގައި އެދުނެވެ.

މިކަން މިގޮތަށް ކުރަން ބޯޓު ދަތުރުކުރުމާ ގުޅޭ ކަންކަން ބަލަހައްޓާ އދ. ގެ އިދާރާ، އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެލްއޯ) އިން ވެސް ވަނީ އޭޕްރިލް، 2021 ގައި މެމްބަރު ގައުމުތަކަށް ސާކިއުލާއެއް ނެރެފަ އެވެ.

އައިއެލްއޯގެ ސާކިއުލާއާ އެއްގޮތަށް ބޯޓު ދަތުރުކުރާ މީހުން ކީ ވޯކަރުންގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން ޓްރާންސްޕޯޓުން ނެރުނު މެރިން ސާކިއުލާގައި ވަނީ، ބުރާސްފަތިން ފެށިގެން ރާއްޖޭން އެ ސާކިއުލާއަށް އަމަލުކުރާނެ ކަމަށެވެ. މިއާ އެކީ، ބޯޓުގެ ފަޅުވެރިން ބަދަލުކުރާއިރު (ކްރޫ ޗޭންޖު) އަދި އެއް ތަނުން އަނެއް ތަނަށް ދަތުރުކުރާ އިރު، ބޯޓު ދަތުރުކުރާ މީހުންނަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖއްސާނެ ކަމަށެވެ.

ޓްރާންސްޕޯޓުން އިތުރަށް ބުނީ، މިގޮތަށް ފަޅުވެރިންނަށް ލުއިތައް ދިނުމުގައި އަމަލުކުރާނީ އެ ސިނާއަތުން ގެންގުޅޭ ޕްރޮޓޮކޯލްތަކާއި ރާއްޖޭގެ އިދާރާތަކުން ޕްރޮޓޮކޯލްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ކީ ވޯކަރުންގެ ގޮތުގައި ކަނޑައެޅުމުން ލިބޭ ލުއިތަކާ އެކީ، ވެކްސިން ޖަހަން އިސްކަން ވެސް ލިބެ އެވެ. މިހާތަނަށް ރާއްޖޭގައި މިގޮތަށް އިސްކަން ދިނީ ސިއްހީ ހިދުމަތްތަކާއި ސަލާމަތީ ހިދުމަތްތަކާއި އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން ޓޫރިޒަމް މަސައްކަތްތެރިންނަށެވެ. އެކަމަކު ދެން ބޯޓު ދަތުރުކުރާ މީހުން ވެސް މި ލިސްޓުގައި ހިމަނަން ޖެހެ އެވެ.