Advertisement

އިޒްރޭލުން ހައްޔަރު ކުރި ފަލަސްތީން ކުއްޖެއްގެ ހާލަތާ މެދު ކަންބޮޑުވުން

11 ޖަނަވަރީ 2022 - 06:23 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މުއައްމަރް ނަހްލެހް އޭނާގެ ދަރިފުޅު އާމާލްގެ ފޮޓޯއެއް ފޯނުން ދައްކާލަނީ. -- ފޮޓޯ: އޭއެފްޕީ


އިޒްރޭލުން ހައްޔަރު ކުރި ފަލަސްތީން ކުއްޖެއްގެ ހާލަތާ މެދު ކަންބޮޑުވުން

11 ޖަނަވަރީ 2022 - 06:23 0

އަލް ޖަލަޒުން ރެފިއުޖީ ކޭމްޕް، ފަލަސްތީން (ޖެނުއަރީ 10) - އަރަބި ބަހުން "އާމާލް" މި ނަމުގެ މާނައަކީ އުއްމީދެވެ. ނަމަވެސް އުމުރުން 17 އަހަރުގެ އާމާލް ނަހްލެހްގެ އާއިލާ އަށް މި ވަގުތު އުއްމީދެއް ނެތެވެ. ބޮޑު ބައްޔެއް ތަހައްމަލު ކުރަމުންދާ އެ އާމާލް އަކީ އިޒްރޭލުން އެއްވެސް ދައުވާއެއް ކުރުމެއް ނެތި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ ގިނަ ކުޑަކުދިންގެ ތެރެއިން އެކަކެވެ.

"މިދިޔަ އަހަރު އޭނާ ހައްޔަރު ކުރި ފަހުން އަޅުގަނޑަށް ފެނުނީ އެންމެ ދެ ފަހަރު. އޭގެ ތެރެއިން އެއް ފަހަރަކީ މިދިޔަ ހަފުތާގައި ލިބުނު ބައްދަލުވުން. އެ ދުވަހު އާމާލް ބުނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފަށަން ބޭނުންވާ ވާހަކަ،" ނޫސްވެރިޔާ މުއައްމަރް ނަހްލެހް، އޭނާގެ ދަރިފުޅާ ގުޅޭ ގޮތުން ބުންޏެވެ.

"އެ ވާހަކަ އަޑު އިވުމުން ވަރަށް ބިރު ގަތް. އާމާލް އަކީ މިހާރު ވެސް ވަރަށް ބަލި ކުއްޖެއް."

އާމާލް އަށް ދިމާވެފައިވާ ސިއްހީ މައްސަލައިގެ ނަމަކީ މަޔަސްތެނިއާ އެވެ. އެއީ ވަރަށް މަދުން ނޫނީ ދިމާނުވާ ނިޔުރޯމަސްކިއުލާ ބައްޔެކެވެ. އޭގެ ސަބަބުން އާމާލް ވަނީ 2020 ވަނަ އަހަރު ސާޖަރީއެއް ހަދައި، މޭ ކަށިގަނޑުގައި އިން ބޮޑު ޓިޔުމަރެއް ނަގާފަ އެވެ.

އާމާލް އަކީ ފުޓްބޯޅަ އަށް ލޯބިކުރާ ކުއްޖެއް.


އިޒްރޭލުން އާމާލް އަށް ތުހުމަތު ކުރަނީ ސިފައިންގެ ގަޔަށް ގާ އުކި ކަމަށެވެ. "އެޑްމިނިސްޓްރޭޓިވް ޑިޓެންޝަން"ގެ ދަށުން އޭނާ ބަންދުކޮށްފައި ހުންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެއީ ތުހުމަތު ކުރެވޭ މީހުންނަށް ދައުވާ ކުރުމެއް ނެތި އަދި ހެއްކެއް ވެސް ނެތި މުއްދަތެއް ނެތް ގޮތުގައި ބަންދު ކުރަން އިޒްރޭލުން ގެންގުޅޭ އުސޫލެކެވެ. އެ އުސޫލުގެ ދަށުން ޖެހެނީ ކޮންމެ ހަ މަހަކުން ބަންދު މުއްދަތު އިތުރު ކުރާށެވެ.

އާމާލްގެ ބަންދު މުއްދަތު އިތުރު ކުރުމާ ގުޅޭ ގޮތުންް ގޮތުން އިޒްރޭލުން ވަރަށް އަވަހަށް ގޮޮތެއް ނިންމާނެ އެވެ. އޭނާގެ ބައްޕަގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު އޮތުމެވެ.

"އަޅުގަނޑު އެންމެ ކަންބޮޑުވަނީ ބަންދުގެ މުއްދަތު އިތުރުކޮށްފި ނަމަ އަނެއްކާ ވެސް އަޅުގަނޑަށް އާމާލް ނުފެނި އެތައް ދުވަހެއް ވެދާނެތީ،" އަލް ޖަލަޒުން ރެފިއުޖީ ކޭމްޕުގައި އެ އާއިލާ ދިރިއުޅޭ ގޭގައި ހުރެގެން ނަހްލެހް ބުންޏެވެ.

މުއައްމަރް ނަހްލެހް. -- ފޮޓޯ: އޭއެފްޕީ


ފަލަސްތީނުގެ ރެފިއުޖީންގެ ކަންކަން ބަލަހައްޓާ އދ. ގެ ރިލީފް އެންޑް ވޯކްސް އެޖެންސީން ވަނީ އާމާލްގެ މައްސަލައިގައި އިޒްރޭލުގެ ކަމާ ބެހޭ ފަރާތްތަކަށް ކަންބޮޑުވުން ހުށަހަޅާފަ އެވެ.

"އެޑްމިނިސްޓްރޭޓިވް ޑިޓެންޝަން ވަގުތުން ނިންމާލައި އޭނާ މިނިވަން ކުރަން މި ގޮވާލަނީ ދެ ސަބަބަކާ ހެދި. އެއީ އޭނާ އަށް ދިމާވެފައިވާ ސީރިއަސް ސިއްހީ މައްސަލަ އާއި އޭނާ އަކީ ކުޑަކުއްޖަކަށް ވާތީ،" އެ ޖަމިއްޔާ އިން ބުންޏެވެ.

"އިޒްރޭލުގެ ކަމާ ބެހޭ ފަރާތްތަކަށް އެތައް ފަހަރަކު މިކަން ލިޔުމުން ހުށަހެޅިން. ނަމަވެސް އޭނާ ހައްޔަރު ކުރި ސަބަބާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ދީފައެއް ނުވޭ."

އިޒްރޭލުގެ ޖަލުތަކުގައި 7،000 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން އެބަ ތިއްބެވެ. އޭގެ ތެރެއިން އެތައް ސަތޭކަ ބަޔަކު ބަންދުކޮށްފައި ތިބީ "އެޑްމިނިސްޓްރޭޓިވް ޑިޓެންޝަން" ގެ ދަށުންނެވެ.

އަލް އަގްސާ މިސްކިތުގެ ބޭރުގައި އިޒްރޭލް ސިފައިން ފަލަސްތީނުގެ ކުއްޖަކު ހައްޔަރު ކުރަނީ. -- ފޮޓޯ: އޭއެފްޕީ


އެ އުސޫލަކީ ގާނޫނާއި ހިލާފު، އިންސާނީ ކަރާމަތަށް އުނިކަން ލިބޭ އުސޫލެއް ކަމަށް ބުނެ އިޒްރޭލަށް ފާޑުކިޔުން އަމާޒުވެ އެވެ. އެ އުސޫލަށް އަމަލު ކުރުން ނިމުމަކަށް ގެންނަން އިޒްރޭލަށް ކުރާ ޕްރެޝަރު ވެސް މިހާރު ދަނީ ބޮޑުވަމުންނެވެ.

ފަލަސްތީނުން ބުނާ ގޮތުގައި 2021 ވަނަ އަހަރުގެ ތެރޭގައި 1،200 އެއްހާ ކުޑަކުދިން އިޒްރޭލުން ހައްޔަރުކުރި އެވެ. ޕަލެސްތީނިއަން ޕްރިޒަނާޒް ސެންޓާ ފޯ ސްޓަޑީޒް އިން މިދިޔަ ސެޕްޓެމްބަރު މަހު ނެރުނު ރިޕޯޓެއްގައި ބުނީ އިޒްރޭލުން ކުޑަކުދިންނަށް ޓާގެޓް ކުރުން އިތުރުކޮށްފައިވާ ކަމަށެވެ. އާމާލް އަކީ ފުޓްބޯޅަ އަށް ލޯބިކުރާ ކުއްޖެއް.