Advertisement

ގޯލްޑަން ގްލޯބްސް: "ޕަވާ އޮފް ދަ ޑޯގް" އާއި "ވެސްޓް ސައިޑް ސްޓޯރީ"އަށް ރަން ވަނަތައް

10 ޖަނަވަރީ 2022 - 12:37 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ގޯލްޑަން ގްލޯބްސް އަކީ ހޮލީވުޑްގެ އެންމެ ޝަރަފުވެރި އެވޯޑް.


ގޯލްޑަން ގްލޯބްސް: "ޕަވާ އޮފް ދަ ޑޯގް" އާއި "ވެސްޓް ސައިޑް ސްޓޯރީ"އަށް ރަން ވަނަތައް

10 ޖަނަވަރީ 2022 - 12:37 0

ލޮސް އެންޖެލިސް، އެމެރިކާ (ޖެނުއަރީ 10) - ހޮލީވުޑްގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ހަފުލާ، ގޯލްޑަން ގްލޯބްސް އެވޯޑްސްގެ 79 ވަނަ އެޑިޝަން އާދީއްތަ ދުވަހުގެ ރޭ ކުރިއަށް ދިޔައީ ލައިވް އޯޑިއެންސެއް ނެތި އެވެ. ކޮންމެ އަހަރަކު ވެސް 18 މިލިއަން މީހުން ބަލާ އެވޯޑް ޝޯ މި އަހަރު ޓީވީން ވެސް ނުދައްކަ އެވެ.

ހޮލީވުޑް ފޮރިން ޕްރެސް އެސޯސިއޭޝަން (އެޗްއެފްޕީއޭ) ގެ އެވޯޑް ހަފްލާ މި ފަހަރު ކުރިއަށް ދިޔައީ ޓެލެކާސްޓް، ނޮމިނީޒް، ރެޑް ކާޕެޓް، ހޯސްޓް، ޕްރެސް އަދި ލައިވްސްޓްރީމެއް ވެސް ނެތި ހަމައެކަނި ޕްރައިވެޓް އިވެންޓެއް ގޮތުގަ އެވެ. އެޗްއެފްޕީއޭގެ މެމްބަރުންނާއި އިތުރު މަދު ބަޔަކު ޖަމާވި 90 މިނެޓުގެ އިވެންޓު އޮތީ ބެވެލީ ހިލްޓަން ހޮޓަލުގަ އެވެ.

ގޯލްޑަން ގްލޯބްސް ހާސިލްކުރި ފިލްމުތަކާއި ޓީވީ ޝޯތަކުގެ ނަން އިއުލާނު ކުރީ އެޗްއެފްޕީއޭގެ ސޯޝަލް މީޑިއާ އެކައުންޓުތަކުންނެވެ.

ސްޓީވަލް ސްޕީލްބާގްގެ "ވެސްޓް ސައިޑް ސްޓޯރީ" އަށް ގިނަ އެވޯޑުތަކެއް ލިބުނެވެ. އޭގެ ތެރޭގައި އެންމެ މޮޅު ޕިކްޗާ ކޮމެޑީ ނުވަތަ މިޔުޒިކަލް، ރޭޗެލް ޒެގްލާ އަށް އެންމެ މޮޅު އެކްޓްރެސް އަދި އެރިއަނާ ޑެބޯސް އަށް އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް އެވޯޑު ހިމެނެ އެވެ.

ނެޓްފިލްކްސް އިން ރިލީޒް ކުރި "ޕަވާ އޮފް ދަ ޑޯގް" އެންމެ މޮޅު ޕިކްޗާ ޑްރާމާ އާއި ޖޭން ކެމްޕިއަން އަށް އެންމެ މޮޅު ޑިރެކްޓަރު އަދި ކޯޑީ ސްމިޓް މެކްފީ އަށް އެންމެ މޮޅު ސަޕޯޓިން ޕަފޯމްސް އެވޯޑް ލިބުނެވެ.

އެވޯޑް ލިބުނު އިތުރު ފިލްމުތަކަކީ ވިލް ސްމިތްގެ "ކިންގް ރިޗަޑް"، ނިކޯލް ކިޑްމަންގެ "ބިއިންގް ދަ ރިކާޑޯޒް"، އެންޑްރޫ ގާފީލްޑްގެ "ޓިކް ޓިކް ބޫމް" އަދި ޖަޕާނުގެ ފިލްމު "ޑްރައިވް މައި ކާ" އެވެ.

ޓީވީ ޝޯތަކުގެ ތެރެއިން އެވޯޑު ލިބުނީ "ސަކްސެޝަން" އަށް އެންމެ މޮޅު ޓީވީ ޑްރާމާ، "ހެކްސް" އަށް އެންމެ މޮޅު ޓީވީ ކޮމެޑީ، ޖޭސަން ސުޑެއިކިސްގެ "ޓެޑް ލާސޯ"، ކޭޓް ވިންސްލެޓްގެ "މެއާ ފޯ އީސްޓްޓައުން"، އޯ ޔޮންގް ސޫގެ "ސްކުއިޑް ގޭމް" އަދި މައިކަލް ކީޓަންގެ "ޑޯޕްސިކް" އެވެ.

އެންމެ މޮޅު ލިމިޓެޑް ސީރީޒްގެ އެވޯޑް ލިބުނީ ބެރީ ޖެންކިންސްގެ "ދަ އަންޑަގްރައުންޑް ރެއިލްރޯޑް" އަށެވެ.

މި އަހަރުގެ ގޯލްޑަން ގްލޯބްސް އެވޯޑްސް ދިނުމަށް އިވެންޓެއް ބޭއްވުމަކީ ވެސް ސަޕްރައިޒެއްގެ ގޮތުގައި އެނެލިސްޓުން ބުނެ އެވެ. ގޯލްޑަން ގްލޯބްސް އެވޯޑްސް ދޭ އެޗްއެފްޕީއޭގައި ނަސްލީ ތަފާތު ކުރުން އޮންނަ ކަމަށް ކުރެވޭ ތުހުމަތާ ހެދި ގިނަ ބަޔެއްގެ ފާޑުކިޔުން ފަހަކަށް އައިސް އަމާޒުވެފައި ވެ އެވެ.

އެޗްއެފްޕީއޭގެ 87 މެމްބަރުންގެ ތެރޭގައި ކަޅު ނަސްލުގެ އެންމެ މީހަކު ވެސް ނުހިމެނޭ ކަމަށާއި އެވޯޑް ދިނުމުގައި "އެތިކަލް" މިންގަނޑުތައް ނުހިފަހައްޓާ ކަމަށް ލޮސް އެންޖެލިސް ޓައިމްސް އިން މިދިޔަ ފެބްރުއަރީ މަހު ހެދި ތަހުގީގީ ރިޕޯޓަކުން ދެއްކި އެވެ.

އެކަމާ ހެދި ސްޓޫޑިއޯތަކާއި ޕީއާރް ކުންފުނިތަކުން ގޯލްޑަން ގްލޯބްސް ބޮއިކޮޓް ކުރާނެ ކަމަށް އިންޒާރު ދީ، ގިނަ ތަރިން ސޯޝަލް މީޑިއާގައި ފާޑުކިޔަން ފެށި އެވެ. މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒް ވަނީ އޭނާ އަށް ލިބުނު ތިން ގޯލްޑަން ގްލޯބްސް އެވޯޑު ބޭނުން ނޫން ކަމަށް ބުނެ، އަނބުރާ ރައްދު ވެސް ކޮށްފަ އެވެ.

އިސްލާހީ ބަދަލުތަކެއް ގެންނާނެ ކަމަށް މިދިޔަ އަހަރު އިއުލާނު ކުރި ނަމަވެސް، އެޗްއެފްޕީއޭގެ ބްރޯޑްކާސްޓް ޕާޓްނަރު އެންބީސީ އިން މިދިޔަ މޭ މަހު ބުނީ ގޯލްޑަން ގްލޯބްސް އެވޯޑު ހަފުލާ ޓީވީން ނުދައްކާނެ ކަމަށެވެ. އެ ޝޯ ދެއްކުމުގެ ރައިޓްސް ހޯދަން 60 މިލިއަން ޑޮލަރު އެންބީސީ އިން ކޮންމެ އަހަރަކު ވެސް ދައްކަ އެވެ.

ގޯލްޑަން ގްލޯބްސް އަކީ އޮސްކާ އެވޯޑާއި ގްރެމީ އެވޯޑަށް ފަހު އެންމެ ގިނަ ބަޔަކު ބަލާ އެވޯޑް ޝޯ އެވެ.