Advertisement

އެމެރިކާގެ ކޮމީޑިއަން ބޮބް ސޭގެޓް 65 އަހަރުގައި މަރުވެއްޖެ

10 ޖަނަވަރީ 2022 - 09:49 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބޮބް ސޭގެޓް އަދި އަންހެނުން ކެލީ ރިޒޯ. -- ފޮޓޯ: ބެންކޮކް ޕޯސްޓް


އެމެރިކާގެ ކޮމީޑިއަން ބޮބް ސޭގެޓް 65 އަހަރުގައި މަރުވެއްޖެ

10 ޖަނަވަރީ 2022 - 09:49 0

މަޔާމީ، އެމެރިކާ (ޖެނުއަރީ 10) - އެމެރިކާގެ ކޮމީޑިއަން އަދި 1980 އާއި 1990 ގެ އަހަރުތަކުގައި ދެއްކި މަގްބޫލު ޓީވީ ޝޯ "ފުލް ހައުސް" ގެ ތަރި ބޮބް ސޭގެޓް އުމުރުން 65 އަހަރުގައި މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އޭނާ މަރުވެފައި އޮއްވާ ފެނުނީ ފްލޮރިޑާގެ ހޮޓަލެއްގެ ކޮޓަރި ތެރޭގައި ކަމަށެވެ. "އެމެރިކާގެ ބައްޕަ" ގެ ގޮތުގައި މަޝްހޫރުވެފައިވާ އެކްޓަރު މަރުވި ސަބަބު ސާފެއް ނޫނެވެ.

ފުލުހުން ބުނީ ރިޓްޒް ކާލްޓަން އޯލާންޑީ ގްރޭންޑް ލޭކްސް ހޮޓަލަށް ގޮސް ބެލި އިރު، ސޭގެޓްގެ މަރުގައި ޝައްކު ކުރެވޭ އެއްވެސް ކަމެއް އަދި މަސްތުވާތަކެއްޗާ ގުޅުމެއްވާ ކަމަށް ފާހަގަނުވާ ކަމަށެވެ.

މަރުވި އިރު، ސޭގެޓް އުޅުނީ އެމެރިކާގެ ޓުއާއެއްގަ އެވެ. ހޮނިހިރު ދުވަހުގެ ރޭ އޭނާ ވަނީ ޖެކްސަންވިލްގައި ކޮމެޑީ ޝޯއެއް ވެސް ދީފަ އެވެ. ޝޯ އަށް ފަހު އޭނާ ކުރި ޓްވީޓެއްގައި ވަނީ ފުރިހަމަ ހުށަހެޅުމެއް ދެވުމުން އޯޑިއެންސަށް ޝުކުރު އަދާކޮށްފަ އެވެ.

"ފުލް ހައުސް" ގެ ޕޯސްޓަރެއް.


"ފުލް ހައުސް" ގައި ސޭގެޓް ކުޅުނީ ޑެނީ ޓޭނާ ނަމަކަށް ކިޔާ ބައްޕައެއްގެ ރޯލެވެ. އެ ޝޯ ކުރިއަށް ދިޔައީ 1987 އިން 1995 އަށް އޭބީސީ ގަ އެވެ. ނެޓްފްލިކްސް އިން ވަނީ 2016 އިން 2020 އަށް އެ ޝޯގެ ސީކުއެލްއެއް ވެސް ދައްކާފަ އެވެ.

އޭގެ އިތުރުން ސޭގެޓް ވަނީ "އެމެރިކާޒް ފަނިއެސްޓް ހޯމް ވީޑިއޯޒް" ހުށަހަޅައި ދީ، ސީބީއެސްގެ ހިޓް ޝޯ "ހައު އައި މެޓް ޔޯ މަދާ" ގެ ނެރޭޓަރުގެ ގޮތުގައި އަޑު އަޅާފަ އެވެ.

ފިލަޑެލްފިއާ އަށް 1956 ގައި އުފަންވި ސޭގެޓް ފުރަތަމަ ކައިވެނި ކުރީ ޝެޜީ ކްރޭމް ސޭގެޓްއާ އެވެ. އެ ކައިވެންޏަށް ތިން ކުދިން ލިބުނެވެ. ސޭގެޓް މަރުވި އިރު، އޭނާގެ ތިން ކުދިންނާއި ދެ ވަނަ އަށް ކައިވެނި ކުރި ކެލީ ރިޒޯ ދުނިޔޭގައި އެބަ ތިއްބެވެ.