12 ޖަނަވަރީ 2022 - 09:35 0
އާމިނަތު އިބްރާހިމް
12 ޖަނަވަރީ 2022 - 09:35 0
ވިހިވިހީގެ ލޮކްޑައުންގައި މަސައްކަތެއް ނުލިބި ގޭގައި ހުންނަން ޖެހުނު ވަގުތު މޭކަޕް އާޓިސްޓް، ހަދީޖާ ސަޖުނާ (ސަޖޫ) ހޯދީ މާޔޫސް ނުވެ ކުރިއަށް ދާނެ މަގެކެވެ. ހުއްޓިފައި އޮތް އަހަރުގެ މަޖުބޫރު ކަމުގައި، ރޭހެއްގައި އޮތް އޭނާގެ ބިއުޓީ ސާވިސް ފަހަތަށް ޖައްސާނުލައި ގަދަކޮށް ހިފަހައްޓާލެވޭނެ ގޮތެކެވެ. އެ ގޮތް ސަޖޫ އަށް އެނގެ އެވެ. އެކަން ކުރަންވީ ކިހިނެއް ކަމާއި، ވަގުތާއި ހަކަތަ ދޭންވީ ސީދާ ކިހާ މިންވަރަކަށް ކަން ވެސް އޭނާއަށް އެނގެ އެވެ. އެކަމަކު އެއީ އޭނާ ނަގާ ރިސްކެކެވެ.
"ރިސްކެއް ނެތި ކްރިއޭޓިވް ނުވަތަ އާ ކަމެއް ނުކުރެވޭނެ. ސަޖޫ ބެލީ ލޮކްޑައުން ނިމެން ވާއިރަށް މައުލޫމާތު ހުރި ވަރުން އަމިއްލަ އޮގަނިކް ބިއުޓީ ޕްރޮޑަކްޓެއް އުފެއްދޭތޯ،"
ފަސޭހައިން ލިބެން ހުންނަ ފަތްޕިލާވެއްޔާއި އަޔުރްވެދާގެ ބާވަތްތައް މިކްސް ކޮށްގެން ގޭގެ މީހުންގެ ހަމުގައި ސަޖޫ ކުރި ސަތޭކަ ޕަސެންޓް އޮގަނިކް ޓެސްޓު ތަކުން ކާމިޔާބު ހަތަރު ބޮޑީ ސްކްރަބް ލިބުނެވެ. އިތުރަށް ތައްޔާރުކުރީ ދެ ފޭޝަލް އެކެވެ. ނިމުނު އަހަރުގެ ކުރީކޮޅު މި ޕްރޮޑަކްޓް ތަކާ އެކު ސަޖޫ، އޭނާގެ މެނޫ އަޕްޑޭޓްކޮށް، "ބިއުޓީ -ރީޑިފައިން" ކުރި އިރު އިތުރު އެހެން ހިޔާލެއް ވެސް އޭގެ ތެރޭގައި ހިމެނުނެވެ. އެއީ ގޭގެއަށް ގޮސް ބިއުޓީ ތެރަޕީ ދިނުމުގެ ހިދުމަތެވެ - ބިއުޓީ ތެރަޕީގެ ތެރޭގައި އެކި ވައްތަރުގެ މަސާޖާއި ފޭޝަލް ތައް ހިމެނެ އެވެ -
ސަޖޫ އޭނާގެ މަސައްކަތު ކިޓާ އެކު: ފްރީލާންސް ކޮށް މޭކަޕް ކޮށްދިނުމުން ފެށި ހިދުމަތް، ޕެންޑެމިކާ އެކު މިހާރު ވަނީ ގޭގެއަށް ގޮސް ބިއުޓީ ތެރަޕީ ދިނުމާ ހަމައަށް ފުޅާކޮށްފައި
ސަޖޫ އަކީ މިދިޔަ ދިހަ އަހަރު ފްރީލާންސްކޮށް މޭކަޕް ކޮށްދިނުމުގެ ދާއިރާގައި އުޅުނު މޭކަޕް އާޓިސްޓެކެވެ. މިހާރު އޭނާ އަކީ، މާލޭގައި ސޯލޯ ކޮށް މަސައްކަތްކުރާ "ހޯމް ވިޒިޓް" ބިއުޓީޝަނެކެވެ. ފަހަރެއްގައި މިގޮތަށް މި ހިދުމަތް ދޭ ހަމަ އެކަނި މީހާ އެވެ.
ސްކިން ކެއާ އާއި ބިއުޓީ ތެރަޕީ އަށް ކުޑައިރުއްސުރެ ހުރި ޝައުގުވެރިކަން ރަސްމީ މަސައްކަތަކަށް ބަދަލުކުރުމުގެ ވިސްނުމާ އެކު ސަޖޫ ފުރަތަމަ ވެސް ބޭނުންވީ އެ ދާއިރާ އިން ކިޔެވުމަށެވެ. އެގޮތުން މެލޭޝިއާ އިން ހަ މަސް ދުވަހުގެ "ބިއުޓީ ތެރަޕީ" ކޯހެއް ހަދައިގެން މާލެއަށް އައިސް މަސައްކަތް ފެށީ މޭކަޕް ކޮށްދިނުމުގެ ދާއިރާގަ އެވެ. މިވީ ނުވަ ވަރަކަށް އަހަރުގެ ތެރޭގައި "މޯލްޑިވިއަން އައިޑޮލް" ސީޒަން އެކަކާއި ދޭއްގެ މޭކަޕް މަސައްކަތްތަކާއި ރާއްޖެއަށް އައި ބޭރުގެ ބައެއް މަޝްހޫރު ތަރިންގެ މޭކަޕްކޮށްދިނުން ފަދަ ހާއްސަ މަސައްކަތް ވެސް ކުރި އެވެ.
ސަޖޫ - އަދަދު ފޮޓޯ / މުހައްމަދު ޝާބިން
"މޭކަޕްގެ ދާއިރާގައި ސަޖޫގެ ނަސީބު ވަރަށް ރަނގަޅު. ވަރަށް ޝައުގުވެރި ޕްރޮޖެކްޓް ތަކެއްގައި މަސައްކަތް ކޮށްލުމުގެ ޗާންސް ލިބުނު. އެކަމަކު އަބަދުވެސް އަމިއްލަ ސްޕާ އެއް ހުޅުވުމުގެ ޑްރީމް އެއް އޮވޭ. އެއީ ސްކިން ކެއާ އާއި ބޮޑީ ތެރަޕީ އަށް ހުންނަ ޝައުގުވެރިކަމާއި ލޯބި، މޭކަޕް ކުރުމަށް އެ ހުންނަ ޝައުގަށް ވުރެ މާ ބޮޑުވީމަ،" ފުވައްމުލަކަށް އުފަން ސަޖޫ ބުންޏެވެ.
ހޯމް ވިޒިޓް ބިއުޓީ ތެރަޕީ ވެގެންދިޔައީ ހީކުރި ވަރަށްވުރެ މީހުންނަށް ބޭނުންތެރި ކަމަކަށް. ސްޕާ ނުވަތަ ސެލޫން އަކަށް ދާން ޖެހިލުންވެފައި ހުރި މީހަކަށް، ނުވަތަ ދިމާވާ ހާލަތެއްގެ ސަބަބުން ބޭރަށް ދާން ނުކުޅެދޭ މީހުންނަށް ސެލްފް-ކެއާ ތެރަޕީ އަމިއްލަ ގޭގައި ހުރެގެން ނަގާލުމުގެ ފުރުސަތު މިކަމުން ލިބޭތީ މީހުން ހިދުމަތް ބަލައިގަނޭ.
ގޭގެއަށް ގޮސް ސަޖޫ ދޭ ބިއުޓީ ތެރަޕީ ހިދުމަތްތަކުގެ ތެރޭގައި އެކި ކަހަލަ ފޭޝަލް ތަކާއި އަންހެނުންގެ ބޮޑީ މަސާޖް، ފޫޓް މަސާޖް ފަދަ މަސާޖްތައް ވެސް ހިމެނެ އެވެ.
ސަޖޫ - އަދަދު ފޮޓޯ / މުހައްމަދު ޝާބިން
ސަޖޫ ބުނީ އޭނާގެ ހިދުމަތަކީ ލިބޭ އާމްދަނީ އާއި ބަލައި ގިނަ ވަގުތު ހޭދަވާ ބުރަ މަސައްކަތެއް ކަމަށެވެ. އެކަމަކު އެ މަސައްކަތުން އެތައް ބަޔަކަށް ހިތްހަމަޖެހުން ހޯދައިދިނުމުގެ ޗާންސް ލިބިގެންދާތީ މަސައްކަތުގައި ދެމި ހުންނަން ހިތްވަރު ލިބޭ ކަމަށް ބުންޏެވެ.
އަމިއްލަ ގޭގަ އަމިއްލަ ސޯފާގަ ވީމަ ގިނަ ކްލަޔަންޓުން ތިބޭނީ އެ ދޭ ހިދުމަތެއް ދޭ ނިމޭ އިރު ވަރަށް ރިލެކްސް ވެލާފަ. އެހެންވީމަ މީހުންގެ މޫނުން އެ ފެންނަ ހިތްހަމަޖެހުމައި އަރާމުކަން ފެނުނީމަ އެނގޭ ވަރަށް ރަނގަޅު ހިދުމަތެއް ކަން މި ކޮށްދެވެނީ.
ހޯމް ވިޒިޓިން އަކީ ފްރީލާންސްކޮށް މޭކަޕް ނުވަތަ ބިއުޓީޝަނުންގެ ގޮތުގައި މަސައްކަތްކުރާ ވަރަށް ގިނަ މީހުން ދޭ ހިދުމަތެކެވެ. ރާޢްޖޭގައި ވެސް ހޯމްވިޒިޓިން މޭކަޕް އާޓިސްޓުން އުޅެ އެވެ. ސަޖޫ އަކީ ވެސް އެގޮތަށް ގޭގެއަށް ގޮސް މޭކަޕް ކޮށްދޭ ފްރީލާންސަރެކެވެ. އެކަމަކު ސަޖޫ އަލަށް ފަށައިގެން އުޅޭ ހޯމް ވިޒިޓް ބިއުޓީ ތެރަޕީ ސާވިސްގައި އޭނާ ދޭ ހިދުމަތަކީ ސްޕާ އަކުން ވެސް ލިބޭ ހިދުމަތްތަކެވެ.
ސަޖޫގެ އެންމެ ބޮޑު ހުވަފެނަކީ އޭނާގެ އަމިއްލަ ޕްރޮޑަކްޓް ލައިން އެއް ފުޅާ ކޮށް، ބިއުޓީ ތެރަޕީގެ ހިދުމަތް ދޭ ސްޕާއެއް ހުޅުވުން
ސަޖޫ ބުނީ، ހޯމް ވިޒިޓް ކުރާ އިރު، ބިއުޓީ ތެރަޕީ ތަކަށް އޭނާގެ ޕްރޮޑަކްޓް ތައް ވެސް ބޭނުންކުރާ ކަމަށެވެ. އެކަމަކު ކްލައިންޓުންގެ ހަމާ ގުޅޭ ގޮތަށް ތެރަޕީ ދޭން ޖެހޭތީ އެހެން ބްރޭންޑްތަކުގެ ޕްރޮޑަކްޓް ވެސް ބޭނުންކުރާ ކަމަަށެވެ.
"އެހެންވީމަ، މިހާރު މި އަޅަނީ އަމިއްލަ ބޮޑު ހުވަފެނެއް ހާސިލްކުރަން އެ ހިސާބަށް ދާން މަޑުމަޑުން އަޅާ ބޭބީ ސްޓެޕް ތަކެއް. އިރާދަކުރެއްވިއްޔާ ސްޕާގެ ހުވަފެން ވެސް އަދި ހާސިލްކުރެވޭނެ." ޕެންޑެމިކާއެކު ގޮންޖެހުންތަކެއް ހުއްޓަސް، ސަޖޫގެ އުންމީދު ހުރީ އުހުގަ އެވެ.
Comment