Advertisement

އިރާނުގެ ބަނދަރަކުން ޔަމަނަށް ހަތިޔާރު ފޮނުވާކަމުގެ ތުހުމަތުކޮށްފި

10 ޖަނަވަރީ 2022 - 07:43 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ މަނަވަރެއް. -- ފޮޓޯ: އޭއެފްޕީ


އިރާނުގެ ބަނދަރަކުން ޔަމަނަށް ހަތިޔާރު ފޮނުވާކަމުގެ ތުހުމަތުކޮށްފި

10 ޖަނަވަރީ 2022 - 07:43 0

ވޮޝިންޓަން، އެމެރިކާ (ޖެނުއަރީ 9) - އިރާނުގެ ބަނދަރަކުން ޔަމަނާއި ދުނިޔޭގެ އެހެން ހިސާބުތަކަށް ހަތިޔާރު ފޮނުވާ ކަމަށް އދ. ގެ ސަލާމަތީ މަޖިލީހުން ތައްޔާރު ކުރި ރިޕޯޓެއްގައި ތުހުމަތުކޮށްފި އެވެ.

ވޯލް ސްޓްރީޓް ޖާނަލް އަށް ލިބިފައިވާ ޑްރާފްޓް ރިޕޯޓުގައިވާ ގޮތުން އެތައް ހާސް ރޮކެޓް ލޯންޗަރާއި، މެޝިން ބަޑި، ސްނައިޕާ ރައިފަލް އަދި އެހެން ހަތިޔާރު އެ ބަނދަރުން ދަނީ އެކި ތަންތަނަށް ފޮނުވަމުންނެވެ.

އެމެރިކާ ސިފައިން އަރަބި ކަނޑުގައި ހިފަހައްޓާ ބޯޓުތަކުން ފެންނަ ހަތިޔާރަކީ އެ ބަނދަރުން ފުރައިގެން ޔަމަނަށް ސަޕްލައި ކުރާ ހަތިޔާރު ކަމަށް އދ. ގެ ސިއްރު ރިޕޯޓުގައި ބަޔާންކޮށްފައި ވެ އެވެ.

ރިޕޯޓުގައިވާ ގޮތުން ސަޕްލައި ކުރާ ހަތިޔާރަކީ ރަޝިއާ، ޗައިނާ އަދި އިރާނުގައި އުފައްދާފައިވާ ހަތިޔާރެވެ. އެ ތަކެތި ސްމަގްލް ކުރަނީ އޮމާން ކަނޑާ ދިމާލުން އޮންނަ އިރާނުގެ ޖަސްކް ބަނދަރުންނެވެ.

"އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ މަނަވަރުތައް ފުރާ ޑިޕާޗާ ޕޮއިންޓުގެ ގޮތުގައި ޖަސްކް ބަނދަރު ބޭނުން ކުރާތާ ދުވަސްތަކެއް ވެއްޖެ ކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވި. ނަމަވެސް އެ ބަނދަރާ ގުޅިފައިވާ ގާނޫނާ ހިލާފަށް ހަތިޔާރު ސަޕްލައި ކުރުމުގެ ހެކި ލިބުނީ އދ. ގެ ރިޕޯޓުން،" ވޯލް ސްޓްރީޓް ޖާނަލް އިން ބުންޏެވެ.

މެދުއިރުމަތީގައި އުޅޭ ޝިއައީ ހަނގުރާމަވެރިންނަށް ހަތިޔާރާއި މާލީ އެހީ ފޯރުކޮށްދީގެން އެ ސަރަހައްދުގައި ހިނގާ ހަމަނުޖެހުންތަކަށް އިރާނުން ހިތްވަރުދޭ ކަމަށް ގިނަ ގައުމުތަކުން ތުހުމަތު ކުރެ އެވެ.

އެގޮތުން އިރާގާއި ލުބްނާން، ސީރިއާ އަދި ޔަމަނުގެ ހަމަނުޖެހުންތައް ކުރިއަށް ދަނީ އިރާނުގެ ސަބަބުން ކަމަށް ތުހުމަތު ކުރެވެ އެވެ. ނަމަވެސް އިރާނުން އެ ތުހުމަތުތައް ދޮގުކުރެ އެވެ.