Advertisement

އިންތިހާބަށް ކުރާކަމެކޭ ބުންޏަސް، ދެކޮމަންޑޫ ގުޅުވައިލުން ވަރަށް އަވަހަށް ފަށާނަން: ރައީސް

8 ޖަނަވަރީ 2022 - 01:03 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ކޮމަންޑުއާއި އެރަށާ ޖެހިގެން އޮންނަ މަތިކޮމަންޑޫ. ސަރުކާރުން ވަނީ މި ދެރަށް ގުޅައިލަން ނިންމާފައި.


އިންތިހާބަށް ކުރާކަމެކޭ ބުންޏަސް، ދެކޮމަންޑޫ ގުޅުވައިލުން ވަރަށް އަވަހަށް ފަށާނަން: ރައީސް

8 ޖަނަވަރީ 2022 - 01:03 1

ށ. ކޮމަންޑޫ އާއި އެ ރަށާ ޖެހިގެން އޮތް ފަޅުރަށް، މަތި ކޮމަންޑޫ ގުޅައިލުމަކީ ސަރުކާރުގެ ވައުދެއް ކަމަށާއި އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިން އިފުތިތާހު ކުރުމަށްޓަކައި ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ، އެ ރަށް އިތުރަށް ހިއްކި ނަމަ ވެސް ބޯހިޔާވަހި ކަމަށް ދާއިމީ ހައްލެއް ނާންނާނެ ކަމަށާއި އެކަމަށް އޮތް ހައްލަކީ ދެ ކޮމަންޑޫ ގުޅުވާލުން ކަމަށެވެ.

"މިއީ އަޅުގަނޑުމެން ވީ ވައުދެއް، މިއީ އަޅުގަނޑުމެން ކޮށްދޭން ޖެހޭ ކަމެއް. މިއަކާ ކެމްޕޭނަކާ ގުޅުމެއް ނެތް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ދެ ކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތަކީ "ފުލް ސްޕީޑް" ގައި އަވަހަށް ނިންމަން ޖެހޭ މަސައްކަތެއް ކަމަށާއި އެ މަޝްރޫއުގެ ޕްލޭން އޮތީ ނިމިފައި ކަމަށާއި އެ މަސައްކަތުގެ [އަމަލީ މަސައްކަތް ހިނގާ މަންޒަރު] ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބޯހިޔާވަހިކަން ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި އެރަށުގެ ހިއްކި ބިމުން ގޯތި ދޫކުރުމަކީ ވެސް ރައީސް ވިދާޅުވި ގޮތުގައި ދެން ލަހެއްނުވެ ކުރިއަށްދާނެ ކަމެކެވެ. އެއީ ގާނޫނީ ގޮތުން މިހާރު އެެރަށު ކައުންސިލްގެ އަތްމަތީގައި އޮތް އިހްތިޔާރެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމަންޑޫގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ.


"ލޭންޑްޔޫޒް ޕްލޭން ނިމުމާ އެކީގައި އަޅުގަނޑު ހިތުން ކައުންސިލުން އެ މަސައްކަތް ކުރާނެ. ސަރުކާރުގެ ހައުސިން ސްކީމްގެ ދަށުން މިރަށުގައި ހައުސިން ޔުނިޓް އެޅުމަށް އެބަ އޮތް ލިސްޓް ކުރެވިފައި،" ރައީސް ވިދާޅުވި އެވެ.

ކޮމަންޑުއަށް ސަރުކާރުން ކޮށްދޭން ރައްޔިތުން އެދޭ އެހެން ކަންކަމުގެ ތެރޭގައި ވަޒީފާގެ ފުރުސަތު ހިމެނޭތީ އެރަށާ ކައިރީގައި ހުރި ފަޅުރަށްތައް ޓޫރިޒަމަށް ހުޅުވައިލާނެ ކަން ވެސް ރައީސް ސޯލިހު އިއުލާނު ކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ އެއީވެސް ކެމްޕޭނާ ގުޅުވައިގެން ކުރާ ކަމެކޭ ބުނި ނަމަވެސް އެ މަސައްކަތް ވެސް ކުރައްވާނެ ކަމަށެވެ.

ރައީސް މިރޭ ވާހަކަފުޅު ފެއްޓެވީ ކޮމަންޑޫގައި ސަރުކާރުން ހިންގި މަޝްރޫއެއް ކަމަށްވާ އާބާދީއާ ދުރަށް އިންޖީނުގެ ބަދަލުކުރުމުގެ މަޝޫއުގެ ވާހަކައިންނެވެ. އެރަށުގެ އެތައް ބަޔަކަށް ތުރާލަކަށް ވެފައިވާ ކުރީގެ އިންޖީނުގެ ބޭނުން ކުރުން މިއަދު ހުއްޓާލައި، އެ އިންޖީނުގޭގެ އަޑުން އާއިލާތައް ސަލާމަތް ވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގައި ހިމެނޭ ފޯކައިދޫގެ ޗަކަ ބިން ހިއްކުމަށް ފަހު އެތަނުން ގޯތި ދޫކުރާނެ ކަމަށާއި މަރޮށީގެ ބަނދަރުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ހުޅުއްވައި ދެއްވި ތަންތަނުގެ ވާހަކަވެސް ރައީސް ދެއްކެވި އެވެ. އެ ދަތުރުފުޅުގައި ނ. ލަންދޫ ބަނދަރާއި އެރަށު މިސްކިތާއި، މަގޫދޫ އާ އިންޖީނުގެ ހުޅުވައި ދެއްވި އެވެ.