Advertisement

އެހެން ޕާޓީތަކުގެ ކެންޑިޑޭޓުން އިހަށް މަޑުކޮށްލައްވާ، އަޅުގަނޑުމެން ވައުދު އެބަ ފުއްދަން: ރައީސް

7 ޖަނަވަރީ 2022 - 22:55 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ކޮމަންޑޫދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓްގެ ކެމްޕޭން ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ. ފޮޓޯ: ހުސައިން އަރުބާން/އަދަދު


އެހެން ޕާޓީތަކުގެ ކެންޑިޑޭޓުން އިހަށް މަޑުކޮށްލައްވާ، އަޅުގަނޑުމެން ވައުދު އެބަ ފުއްދަން: ރައީސް

7 ޖަނަވަރީ 2022 - 22:55 0

ރައްޔިތުންގެ މަޖިލީހުގެ ސާފު މެޖޯރިޓީ ހޯދަން އެމްޑީޕީން ވީ ވައުދުތައް ސަރުކާރުން އަންނަނީ ފުއްދަމުން ކަމަށް ވިދާޅުވެ، އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ގޮން ޖައްސައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ހުސައިން ވަހީދު އަވަހާރަވުމުން ބާއްވާ ބައިއިލެކްޝަނުގައި، އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕޭނުގައި ކޮމަންޑޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ކަރަންޓާއި ބޯފެނާއި ނަރުދަމާގެ ނިޒާމާއި ބަނދަރުގެ އެތައް މަޝްރޫއެއް ނިންމާފައިވާ ކަމަށެވެ. އަތޮޅުތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން މިސަރުކާރުން މިހައިތަނަށް ހިންގި މަޝްރޫއުތަކަށް 15 ބިލިޔަން ރުފިޔާ ސަރުކާރުން ހަރަދުކޮށްފައިވާ ކަމަށް ވެސްް އެމަނިކުފާނު ވިދާޅުވި އެވެ.

"އެމްޑީޕީގެ އެޖެންޑާ ނަވާރައިން މަޖިލީހުގެ ސާފު މެޖޯރިޓީ ހޯދީ ވެސް ވައުދުތަކަކާ އެކީގައި. މެނިފެސްޓޯއަކާ އެކީގައި. އަަޅުގަނޑުމެން މިއަދު ކުރަމުން މިގެންދާ ކަމަކީ އެ ވައުދުތައް ފުއްދުމުގެ މަސައްކަތް. މިދާއިރާއަށް ކުރިމަތިލައްވައިގެން ތިއްބެވި އެހެން ބޭފުޅުންނަށް އަޅުގަނޑު ދަންނަވައިލާނީ މަޑުކޮށްލައްވާށޭ. އިހަށް މަޑުކޮށްލައްވާށޭ. އަަޅުގަނޑުމެން ވެގެން އައި ވައުދުތަކެއް އެބަހުއްޓޭ. މިދަނީ ބަރާބަރަށް އެ ވައުދުތައް ފުއްދަމުންނޭ," ރައީސް ވިދާޅުވި އެވެ.

ކޮމަންޑޫގައި އެމްޑީޕީން ބާއްވާ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ:ހުސައިން އަރުުބާން/އަދަދު


އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން ވީ ވައުދުތައް ފުއްދޭނީ ވެސް އެޕާޓީއަށް ކަމަށާއި ރާއްޖެއަށް ލާމަޒުކަޒީ ނިޒާމު ތައާރަފްކޮށް ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަކީ އެމްޑީޕީގެ ފަލްސަފާއެއް ކަމަށެވެ.

އެެކަމަށް ޓަކައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ވޯޓް ދޭން އެމަނިކުފާނު ގޮވައިލެއްވި އެވެ.

ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ވަހީދަކީ ވަރަށް ގާތް އެކުވެރިއެއް ކަމަށާއި އޭނާ އަބަދުވެސް އެދިވަޑައިގެންނެވީ ރައްޔިތުންނާ ގާތުން ހިދުމަތްތައް ދޭން ކަމަށް ވެސް އެމަނިކުފާނު. އެއީ ހުސައިންގެ ވައުދެއް ކަމަށާއި އެވައުދު ސަރުކާރުން އަންނަނީ ފުއްދަމުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އާއްމު ގޮތެއްގައި ސިޔާސީ ގޮތުން މާ ވަރުގަދައަށް ރައްދު ދެއްވާ ބޭފުޅަކަށް ނުވި ނަމަވެސް، އެމަނިކުފާނު މިރޭ އިދިކޮޅު ފަރާތްތަކާއި ބައި އިލެކްޝަނުގައި ވާދަކުރާ އެހެން ޕާޓީތަކަށް ނުސީދާ "ހަމަލާތަކެއް" ދެއްވި އެވެ. ރައީސް ވިދާޅުވީ މި އިންތިހާބުގައި ވޯޓް ދައްވަންވީ ޑްރަގްގެ ވިޔަފާރި އާއި މަނީ ލޯންޑާ ކުރުމާ ދެކޮޅަށް ކަމަށެވެ. ވޯޓްދޭންވީ ބަޣާވާތާ ދެކޮޅަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެކަންކަމާ ދެކޮޅަށް ނުކުމެވަޑައިގެން ހުންނެވީ އެމްޑީޕީގެ ކެންޑިޑޭޓް،" ރައީސް ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންގައި އެމްޑީޕީއާ ވާދަކުރަނީ އިދިކޮޅު ޕީޕީއެމް އާއި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްކޮށް ހުންނަވައިގެން އުފެއްދި އެެމްއެންޕީ އެވެ.

ރައީސް މިރޭ ވާހަކަފުޅު ފެށްޓެވީ ކޮމަންޑޫގައި ސަރުކާރުން ހިންގި މަޝްރޫއެއް ކަމަށްވާ އާބާދީއާ ދުރަށް އިންޖީނުގެ ބަދަލުކުރުމުގެ މަޝޫއުގެ ވާހަކައިންނެވެ. އެރަށުގެ އެތައް ބަޔަކަށް ތުރާލަކަށް ވެފައިވާ ކުރީގެ އިންޖީނުގެ ބޭނުން ކުރުން މިއަދު ހުއްޓާލައި، އެ އިންޖީނުގޭގެ އަޑުން އާއިލާތައް ސަލާމަތް ވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ހުޅުއްވައި ދެއްވި ތަންތަނުގެ ވާހަކަވެސް ރައީސް ދެއްކެވި އެވެ. އެއީ ނ. ލަންދޫ ބަނދަރާއި އެރަށު މިސްކިތާއި، އެއަތޮޅު މަގޫދޫ އާ އިންޖީނުގޭގެ ވާހަކަ އެވެ. ފެނަކައިން މިހާރުވެސް އަންނަނީ އެފަދަ އެތައް މަޝްރޫއުތައް ހިންގަމުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.