Advertisement

އެޗްޕީއޭގެ ނިންމުން ބަދަލުކޮށް، ބާޒާރު އަނެއްކާވެސް ހުއްޓުވައިފި

7 ޖަނަވަރީ 2022 - 23:02 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް


އެޗްޕީއޭގެ ނިންމުން ބަދަލުކޮށް، ބާޒާރު އަނެއްކާވެސް ހުއްޓުވައިފި

7 ޖަނަވަރީ 2022 - 23:02 0

ކޮވިޑް-19 ފެތުރުން ވަރަށް ބޮޑަށް އިތުރުވެފައިވާތީ މަގުމަތީ ބާޒާރު ހުއްޓާލައި އެފަދަ ހަރަކާތްތަކަށް ހުއްދަ ދިނުން ހުއްޓައިލިތާ 24 ގަޑިއިރު ނުވަނީސް އަލުން ހުއްދަދިނުމަށް ފަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެ ނިންމުން އަނެއްކާ ވެސް މިރޭ ބަދަލުކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ ނައިޓްމާކެޓް ކުރިއަށް ގެންދަން ހުއްދަ ދިނީ އެ އެޖެންސީން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް، ވިޔަފާރި ކުރުމަށް ކަނޑައަޅާ ތަންތަން ދުރު ދުރުގައި ހުންނަގޮތަށް އަދި މީހުން ތޮއްނުޖެހޭނެހެން ކަމަށެވެ. އެ ނިންމުން ބަދަލުކޮށްް، ނައިޓްމާކެޓް ކުރިއަށް ނުގެންދަން އަލުން އެންގީ އެ ބާޒާރު ކުރިއަށް ގެންދަނީ އުސޫލާ އެއްގޮތަށް ނޫން ކަމަށް ވާތީ ކަމަށް ވެސް އެ އިދާރައިން ބުންޏެވެ.

"...އެހެން ނަމަވެސް މިއަދު (7 ޖެނުއަރީ 2022) މި އޭޖެންސީއިން ކުރި އިންސްޕެކްޝަންގައި ރަސްފަންނުގައި މިކަން ކުރިއަށްދަނީ މަގުމަތީ ބާޒާރެއްގޮތަށް، އަދި މީހުން ތޮއްޖެހި ގައިދުރުކުރުމާއި މާސްކް އެޅުމަށް ސަމާލުކަންދީގެން ކަމަށް ނުވާތީ، އެބާޒާރު ކުރިއަށް ނުގެންދިއުމަށް ސިޓީ ކައުންސިލަށް މިއަދު ވަނީ އެންގިފައެވެ،" އެޗްޕީއޭއިން ބުންޏެވެ.

ރަސްފަންނު ސަރަހައްދުގައި މިދިޔަ ޑިސެމްބަރު 26، އިން ފެށިގެން ކުރިއަށްގެންދިޔަ މަގުމަތީ ބާޒާރު ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، "މިއަދުން ފެށިގެން ނޯންނާނެ" ކަމަށް މާލޭ ސިޓީ ކައުންސިލުން ބުދަ ދުވަހުގެ ރޭގެ 11:37 ގައި ކުރި އިއުލާނެއްގައި ބުނެފައިވެ އެވެ.

އެމަކު ބުރާސްފަތި ދުވަހުގެ ރޭ މާލެ ސިޓީ ކައުންސިލުން ބުނީ މަގުމަތީ ބާޒާރުތައް ބޭއްވުމުގެ ހުއްދަ އެޗްޕީއޭއިން އެ ކައުންސިލަށް އަލުން ދީފައިވާ ކަމަށެވެ. މަގުމަތީ ބާޒާރު އަލުން ފަށަން ނިންމި ސަބަބެއް ކަމަށް ކައުންސިލުން ބުނީ ގިނަ ބަޔަކު އެކަމަށް އެދުމެވެ.

މަގުމަތީ ބާޒާރުތައް ފަދަ ހަރަކާތްތައް ކުރިއަށް ނުގެންދިއުމަށް އެޗްޕީއޭއިން އޮތީ ކުރިން ވެސް ލަފާ ދީފަ އެވެ. ބާޒާރު ބޭއްވުން މަނާ ކުރީ މާސްކު އެޅުމާއި ގައިދުރުކުރުން ފަދަ އަމަލު ކުރަންޖެހޭ ލާޒިމު އުސޫލުތަކަށް ނުބަލައި އެ ހަރަކާތް ކުރިއަށްގެންދާތީ އެވެ.

އަލުން ފަށާއިރު ބާޒާރުގައި ވިޔަފާރި ކުރެވޭނީ އާންމު ފިހާރަތަކުން ވެސް ވިޔަފާރި ކުރެވޭ އުސޫލުން ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެ އެވެ. ނަމަވެސް މަގުމަތީ ބާޒާރެއްގައި އެފަދަ އުސޫލުތަކެއް ހިފަހައްޓާނީ ކިހިނެއްތޯ ސިޓީ ކައުންސިލުން ބުނެފައެއް ނުވެ އެވެ. އަދި އެތަނަށްދާ އާންމުން އަމަލު ކުރަންޖެހޭ އުސޫލެއް އާންމުކޮށްފައެއް ވެސް ނުވެ އެވެ.

ސޯޝަލް މީޑިއާގައި އެކަމަށް ފާޑުކީ ބައެއް މީހުން ބުނީ، އެ ނިންމުމުގެ ސަބަބުން އެޗްޕީއޭ "ޖޯކަކަށް ވެއްޖެ" ކަަމަށެވެ. "އުގުޅޭ ބާޒާރު ގައިދުރުކުރާނީ ކިހިނެތްތޯ" ވެސް ބައެއް މީހުން ސުވާލުކުރި އެވެ.