Advertisement

ހުއްޓާލަން އެންގި ނައިޓް މާކެޓް ގައިދުރުކަމާއެކު މާދަމާރޭ އަލުން ފަށަނީ

6 ޖަނަވަރީ 2022 - 23:56 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މާލޭގައި ކުރިއަށްގެންދިޔަ މަގުމަތީ ބާޒާރެއް: ބާޒާރުތައް ކުރިއަށްގެންދިޔައީ ކޮވިޑްގެ އުސޫލުތަކަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ހުއްޓާލަން އެންގި ނައިޓް މާކެޓް ގައިދުރުކަމާއެކު މާދަމާރޭ އަލުން ފަށަނީ

6 ޖަނަވަރީ 2022 - 23:56 0

ކޮވިޑް-19 ފެތުރުން ވަރަށް ބޮޑަށް އިތުރުވެފައިވާތީ ނައިޓް މާކެޓް ހުއްޓާލައި އެފަދަ ހަރަކާތްތަކަށް ހުއްދަ ދިނުން މަޑުޖައްސާލުމަށް ނިންމިތާ 24 ގަޑިއިރު ނުވަނީސް، މާދަމާ ރޭ އަލުން އާ ނައިޓްމާކެޓެއް ފަށަން ނިންމައިފި އެވެ.

ރަސްފަންނު ސަރަހައްދުގައި މިދިޔަ ޑިސެމްބަރު 26، އިން ފެށިގެން ކުރިއަށްގެންދިޔަ މަގުމަތީ ބާޒާރު "ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން" މިއަދުން ފެށިގެން ނޯންނާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ރޭ 11:37 ގައި ކުރި އިއުލާނެއްގައި ބުނެފައިވެ އެވެ.

ނަމަވެސް މިރޭ މާލެ ސިޓީ ކައުންސިލުން ބުނީ މާދަމާ ރޭ ނައިޓްމާކެޓް ފަށަނީ ގައިދުރުކަމާއެކު ކަމަށެވެ. އަލުން ފެށުމަށް ނިންމި ސަބަބެއް ކަމަށް ކައުންސިލުން ބުނީ ގިނަ ބަޔަކު އެކަމަށް އެދިފައި ވުމެވެ.

"އެހެންނަމަވެސް ގިނަ ފަރާތްތަކުގެ އެދުމުގެ މަތިން އާންމު ފިހާރަތަކުގައި ވިޔަފާރިކުރާ އުސޫލުން ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ އެފަރާތްތަކަށް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވެސް ވަނީ މިކައުންސިލަށް އަންގާފައި،" ސިޓީ ކައުންސިލުން ބުންޏެވެ.

އެހެން ކަމުން ކައުންސިލުން ނިންމާފައި ވަނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް ނައިޓްމާކެޓް ބާއްވަން އެއްބަސްވާ ފަރާތްތަކަށް ހުއްދަ ދިނުމަށެވެ.

ސިޓީ ކައުންސިލުން އެންމެ ފުރަތަމަ ބުނެފައި ވަނީ ނައިޓް މާކެޓް ކުރިއަށްގެންދާނީ ޖުމްލަ 10 ދުވަހަށް ކަމަށެވެ. ނަމަވެސް އޭގެ އިތުރުން ވެސް ދެ ދުވަހު ކުރިއަށްގެންދިޔަ އެވެ. ނައިޓް މާކެޓްގައި ކުރިއަށް ގެންގޮސްފައި ވަނީ މާސްކު އެޅުމާއި ގައި ދުރުކުރުން ފަދަ އުސޫލުތަކަށް ބެލުމެއްނެތި އެވެ.

މީގެ ކުރިން އެޗްޕީއޭން ބުނެފައި ވަނީ ނައިޓް މާކެޓްތައް ކުރިއަށްގެންދިޔައީ އެފަދަ ހަރަކާތްތައް ނުބޭއްވުމަށް ލަފާ ދީފައި އޮއްވާ ކަމަށެވެ. ނަމަވެސް، ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ އުސޫލުތަކަށް ބެލުމެއް ނެތި އެހާ ގިނަ ދުވަހު ކުރިއަށް ގެންދިޔަ އެ ބާޒާރު މިއަދުގެ ކުރިން އެޗްޕީއޭއިން ނުހުއްޓުވީ ކީއްވެކަމެއް ނޭނގެ އެވެ.

ނައިޓް މާކެޓް ބާއްވަން އަނެއްކާވެސް ހުއްދަ ދީފައިވާއިރު، މި މަސް ފެށުނު ފަހުން މާލެ ސަރަހައްދުގައި ކޮވިޑް ފެތުރޭ މިންވަރު އަންނަނީ އިތުރު ވަމުންނެވެ. މި ވަގުތު ކޭސްތައް އިތުރުވަމުން އަންނަ މިންވަރަށް ބަލާއިރު، މި މަހުގެ ތެރޭގައި 1300 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.

އެގޮތުން މިއަދު 300 އިން މައްޗަށް ކޮވިޑް ކޭސްތައް ރިޕޯޓް ކޮށްފައި ވާއިރު، މާލެ ސަރަހައްދުން ވަނީ 136 ކޭސް ރިޕޯޓް ކޮށްފަ އެވެ.

ކޮވިޑް ކޭސްތައް އިތުރުވަމުން އަންނާތީ މިހާރު މާސްކް އެޅުން މަޖުބޫރުކޮށް މާސްކް ނާޅާ އާންމުން ނުކުމެ އުޅޭ ތަންތަނަށް ނުކުންނަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.