Advertisement

ޑެޕިއުޓީ މޭޔަރު ނަރީޝް ހައްޔަރުކުރީ ގާނޫނާ ހިލާފަށް: މާލޭ ސިޓީ ކައުންސިލް

6 ޖަނަވަރީ 2022 - 21:11 0

މަރިޔަމް އަރީން އީސާ

މަރިޔަމް އަރީން އީސާ

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔާ އަހުމަދު ނަރީޝް އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ- ފޮޓޯ: މުހަންމަދު ޝާބިން/ އަދަދު


ޑެޕިއުޓީ މޭޔަރު ނަރީޝް ހައްޔަރުކުރީ ގާނޫނާ ހިލާފަށް: މާލޭ ސިޓީ ކައުންސިލް

6 ޖަނަވަރީ 2022 - 21:11 0

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިޔާ އައުޓް" ކެމްޕޭނުގެ ދަށުން ޕީޕީއެމް އޮފީސް ކުރިމަތީގައި މިއަދު ހަވީރު ބޭއްވި ހަރާކާތުގެ ތެރެއިން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު، އަހުމަދު ނަރީޝް ހައްޔަރު ކުރި ކުރުން ސިޓީ ކައުންސިލުން ކުށްވެރިކޮށްފި އެވެ.

އެކަމާ ގުޅިގެން ސިޓީ ކައުންސިލުން ބުނީ ފުލުހުން އަމަލުކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ.

"ގާނޫނުއަސާސީގެ ދަށުން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއެކު ހިޔާލު ފާޅުކުރަމުން ދަނިކޮށް ހައްޔަރުކޮށްފައިވާ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔާ ނަރީޝް އާއި ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަހުމަދު އައިފާން ވަގުތުން ދޫކޮށްލުމަށް ފުލުހުންނަށް ގޮވާލަން"، މާލޭ ސިޓީ ކައުންސިލުން ކުރި ޓްވީޓެއްގައި ބުންޏެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ ނަރީޝް ހައްޔަރުކޮށްފައިވަނީ މިހަރަކާތުގައި އަމަލީގޮތުން ބައިވެރިވެ އުޅުމުގެ ތެރޭގައި ނޫން ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މިއަދުގެ ހަރަކާތުގައި ބައިވެރިވި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ފުލުހުން މަސައްކަތް ކުރަން ފެށުމާއެކު އެ ސަރަހައްދަށް ނަރީޝް ދިޔުމުންނެވެ.

އިންޑިޔާ އައުޓް ކެމްޕޭންގެ ދަށުން އިދިކޮޅު ކޯލިޝަނުން ހިންގާ ހަރަކާތުގެ ތެރެއިން ފުލުހުން މިއަދު ވަނީ ޖުމުލަ ހަތް މީހުން ހައްޔަރުކޮށްފަ އެވެ.

މީގެތެރޭގައި ނަރީޝާއި މުހައްމަދު އިސްމާއިލްގެ އިތުރުން މާލޭ ސިޓީގެ ކައުންސިލަރު، އަހުމަދު އައިފާންއާއި ޕީޕީއެމްގެ މެންބަރަކާއި އާންމުންގެ މީހުން ހިމެނެ އެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގަ އެވެ.

އިންޑިޔާ އައުޓް ކެމްޕޭނުގެ ދަށުން ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ހިންގާ ހަރަކާތްތަކުގައި "އިންޑިޔާ އައުޓް" މިހެން އިނގިރޭސި ބަހުން ލިޔެފައި ހުންނަ ޓީޝާޓާއި ބެނާ ފަދަ ތަކެތި ބޭނުން ނުކުރުމަށް ފުލުހުން ވަނީ އިދިކޮޅު ކޯލިޝަނަށް އިލްތިމާސްކޮށްފަ އެވެ.

ފުލުހުންނާއި މިއަދުގެ ހަރަކާތުގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގިކަމަށް އިދިކޮޅު ކޯލިޝަނުން މައުލޫމާތު ދިނެވެ.

އިދިކޮޅު ކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދާދި ފަހުން ސުޕްރީމް ކޯޓުން މިނިވަންކުރުމަށްފަހު، އިންޑިޔާ އައުޓް ކެމްޕޭންގެ ހަރަކާތްތައް އިދިކޮޅުން ވަނީ ފުޅާކޮށްފަ އެވެ.

މިގޮތުން މިހަރަކާތް މާލޭ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ބައެއް ރަށްތަކުގައިވެސް ވަނީ ކުރިއަށްގެންގޮސްފަ އެވެ.