Advertisement

ފުރަތަމަ ޖޫނިއާ ކޮލެޖް ދިއްދޫގައި އަޅައިދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި

6 ޖަނަވަރީ 2022 - 16:49 2

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ދިއްދޫގައި އެޅުމަށް ނިންމާފައިވާ ޖޫނިއާ ކޮލެޖްގެ ޑިޒައިން--


ފުރަތަމަ ޖޫނިއާ ކޮލެޖް ދިއްދޫގައި އަޅައިދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި

6 ޖަނަވަރީ 2022 - 16:49 2

ރާއްޖޭގައި އަޅާ ފުރަތަމަ ޖޫނިއާ ކޮލެޖް ހއ.ދިއްދޫގައި އަޅާދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޖޫނިއާ ކޮލެޖް އެޅުމަށް ހުޅުވާލި ބީލަމުގައި ބައިވެރިވެވޭނީ ޕްލޭނިން މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު"ގައިވާ ގޮތުގެ މަތިން ރެޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.

އެ ބީލަމުގައި ބައިވެރިވުމަށް 500ރ.ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. އެ ފީ ދައްކަން ޖެހެނީ ބަނޑޭރި ޕޭ މެދުވެރިކޮށެވެ.

މިނިސްޓްރީން ބުނީ ބީލަމާ ގުޅިގެން ދޫކުރާ އެންމެފަހުގެ މައުލޫމާތު ހުންނާނީ ވެބްސައިޓުގައި ކަމަށެވެ.

އެ ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 125،000ރ. ނުވަތަ އެ އަދަދާ އެއްވަރަށް ޑޮލަރު ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

ބީލަމަށް ހުޅުވާލުން އޮންނާނީ މި މަހުގެ 30ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގަ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

ޖޫނިއާ ކޮލެޖް އެޅުމުގެ މަސައްކަތް ފަށާފައިވާއިރު، ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ ޖޫނިއާ ކޮލެޖް އަދި ޓިވެޓް ސެންޓަރުތައް ގާއިމްކުރުމާބެހޭ ގޮތުން ކައުންސިލްތަކާއި އަދި އެ ދާއިރާތަކުގެ މަޖިލިސް މެމްބަރުންނާ ބައްދަލުކުރައްވައިފަ އެވެ.

އެގޮތުން އެ ބައްދަލުވުންތަކުގައި މިނިސްޓަރު ވަނީ 16 އަހަރާއި 21 އަހަރުގެ ކުދިންނަށް އަމާޒުކޮށްގެން ދެ އަހަރުގެ މުއްދަތެއްގެ ތެރޭގައި ކިޔެވުން ފުރިހަމަ ކުރާގޮތަށް ތައުލީމާއި ތަމްރީނުގެ ކޯސްތައް ފަރުމާ ކުރާނީ ނ. އަތޮޅު ހިމެނޭ ސަރަހައްދުގެ ސިނާއީ މަސައްކަތްތަކަށް އަމާޒުކޮށްގެން ވަޒީފާގެ ބާޒާރަށް އަދި އިތުރަށް މަތީ ތައުލީމު އުނގެނުމަށް މަގުފަހިވާނެ ގޮތްތަކަށް ކަމަށް ވިދާޅުވެފަ އެވެ.

އަދި ނ. އަތޮޅަކީ ފަތުރުވެރިކަމުގެ ދާއިރާ ވަރަށް ބޮޑަށް ފުޅާވެ ކުރިއަރަމުން އަންނަ އަތޮޅަކަށް ވާތީ އިނގިރޭސި ބަހުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެއްގެ ބަސް ވެސް ޖޫނިއާ ކޮލެޖެގައި ކިޔަވައިދޭނެ ކަމަށް ވިދާޅުވި އެވެ.